ޕްލޭއޮފްގައި ކްލަބް ގްރީން ސްްޓްރީޓްސް އަތުން 6-0 އިން މޮޅުވެ، ކްލަބް އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފި އެވެ.
ޕްރެޒިޑެންޓްސް ކަޕް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާން ނިންމާފައިވާއިރު، ދިވެހި ޕްރިމިއާ ލީގުގެ ތާވަލްގެ އެންމެ ކުރީގައިވާ ހަތަރު ޓީމު ދެ ގްރޫޕަކަށް ބަހާލައި ތާވަލްގައި ޕޮއިންޓް ލިބިފައިވާ ތަރުތީބުން ސީޑްކުރާނެ އެވެ. އަދި، ލީގު ތާވަލުގެ ފަސް ވަނައިން ފެށިގެން އަށް ވަނަ އާ ދެމެދުގެ ހަތަރު ޓީމުގެ މެދުގައި ނޮކައުޓް މެޗްތައް ކުޅެގެން މޮޅުވާ ޓީމުތައް ގްރޫޕްތަކަށް ކޮލިފައިވާނެ ކަމަށެވެ. ކޮންމެ ގްރޫޕެއްގެ އެންމެ މޮޅު ދެ ޓީމު ކްރޮސް ކޮށް ސެމީ ފައިނަލް ކުޅުމަށް ފަހު ފައިނަލް މެޗު ކުޅޭ ގޮތަށް މުބާރާތުގެ ފޯމެޓް ވަނީ އެކުލަވާލައިފަ އެވެ.
ފުރަތަމަ ޕްލޭއޮފްގައި މިއަދު ކުޅުނީ ލީގުގެ ފަސް ވަނަ އީގަލްސް އާއި އަށް ވަނަ ގްރީން ސްޓްރީޓްސް އެވެ. ގްރީން ސްޓްރީޓްސް އިން އެންމެ ފަހުން ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް އެ ޓީމުގެ ކުޅުންތެރިން ހަމަނުވި އެވެ. ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގައި އީގަލްސް އިން ފުރަތަމަ ހާފުގައި ގްރީން ސްޓްރީޓްސް ކޮޅަށް ތިން ގޯލު ޖެހި އެވެ.
އީގަލްސް އިން ލީޑުނެގީ 16 ވަނަ މިނިޓްގައި އޭރިއާތެރެއިން ޝަމްވީލް ގާސިމް (ބޮންޑާ) ޖެހި ގޯލުންނެވެ. އޭގެ ފަހުން، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ދެ ގޯލު ޖަހައި، އެ ޓީމަށް ލީޑުފުޅާކޮށްދިނެެވެ. ފޭދޫ އިއްބެ އަށް އޭރިއާތެރެއިން ލިބުނު ދެ ފުރުސަތުގައި ވެސް ގޯލަށް ބޯޅަ ފޮނުވާލީ ހަމަޖެހިލައިފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަ ވަނަ މިނިޓްގައި، ފޭދޫ އިއްބެ، ވަނީ އޭރިއާތެރެއިން ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން، އޭނާގެ ހެޓްރިކް ފުރިހަމަކޮށް އީގަލްސްގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އީގަލްސް އިން ފަސް ވަނަ ލަނޑު ޖެހީ ބަދަލަކަށް ނުކުތް މުހައްމަދު ޝަމްހާން އެވެ. ބަދަލަކަށް ކުޅެން އެރި އަލީ ހާފިޒް (ހާއްޕެ) ނެގި ހުރަހަކަށް އަރައި، ޝަމްހާން ވަނީ ތިރިތިރިން ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ. އަދި، ހާއްޕެ ވަނީ ހިސާމް ސަލީމް (ކޮކީ) ދިން ބޯޅައަކުން އީގަލްސްގެ ހަ ވަނަ ގޯލު ޖަހައިފަ އެވެ.
ގްރީން ސްޓްރީޓްސް އަށް ލަނޑެއް ޖަހައިދޭން އެ ޓީމުގެ ކެޕްޓަން، ރިލްވާން ވަހީދު (ރިލޭ) ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މިއަދު ޕްލޭއޮފުން މޮޅުވި އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭނީ ގްރޫޕް ބީގަ އެެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ އޮޑި ސްޕޯޓްސް ކްލަބް އާއި ނިއު އެވެ.
ދެ ވަނަ ޕްލޭއޮފްގައި މިރޭ ވިކްޓަރީ ސްޕޯޓްސް ކްލަބުން ކުޅޭނީ ޓީސީ ސްޕޯޓްސް ކްލަބާ އެވެ. އެ މެޗުން މޮޅުވާ ޓީމެއް ލައްވާލާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ބުރު ސްޕޯޓްސް ކްލަބާ އެއް ގްރޫޕަކަށެވެ.
ގްރީން ސްޓްރީޓްސް ކަޓުވާލައި އީގަލްސް ޕްރެޒިޑެންޓްސް ކަޕް ގްރޫޕް ސްޓޭޖަށް ގްރީން ސްޓްރީޓްސް ކަޓުވާލައި އީގަލްސް ޕްރެޒިޑެންޓްސް ކަޕް ގްރޫޕް ސްޓޭޖަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ