ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމާ މެދު ކުރީގެ ހެރިޓޭޖް މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ދެކޮޅު ހައްދަވައިފިއެވެ.
ޔުމްނާ މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ އިންތިހާބު އެއްކުރާކަށް އޭނާ އަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި މަޖިލީސް އިންތިހާބު ބާއްވަން އެންމެ ރަނގަޅީ ރިޔާސީ ދައުރުގެ މެދުތެރޭގައި ކަމަށް ވެސް އޭނާ ގަބޫލު ކުރައްވަ އެވެ.
މަޖިލީސް އިންތިހާބު ދައުރުގެ މެދުތެރޭގައި ބާއްވަން ޖެހޭ ސަބަބެއްގެ ގޮތުގައި ޔުމްނާ ފާހަގަކުރެއްވީ، އޭރުން ސަރުކާރާ މެދު ރައްޔިތުން ހިތްހަމަޖެހޭތޯ ނުވަތަ ނޫންތޯ ބަސް ބުނުމުގެ ފުރުސަތު ދައުރުގެ މެދުތެރެއިން ރައްޔިތުންނަށް ލިބިގެންދާނެތީއެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މަޖުލީސް އިންތިހާބު ބާއްވަންވީ ރިޔާސީ ދައުރުގެ މެދުތެރޭގައެވެ. އޭރުން ސަރުކާރާއި މެދި ހިތްހަމަ ޖެހޭތޯ ނޫންތޯ ބަސް ބުނުމުގެ ފުރުސަތު ދައުރުގެ މެދުތެރެއިން ރައްޔިތުންނަށް ލިބޭނެއެވެ." ޔުމްނާގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
ރައީސް މުހައްމަދު މުއިއްޒު ބޭނުންވެގެން ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ކުއްލި އަށް ބޭއްވި ޖަލްސާއެއްގައި ގާނޫނުއަސާސީއަށް ގެންނަން ފާސްކޮށްފައިވާ އަށް ވަން އިސްލާހުން މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވެ އެވެ.
އެ އިސްލާހު ތަސްދީގުކުރަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދަނީ އެހެންވެ އެވެ.
ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލު ތަސްދީގު ކުރަން ރައްޔިތުން ރުހުން ދީފި ނަމަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާނެ އެވެ. އޭރުން، ރައީސުލްޖުމްހޫރިއްޔާގެ ދައުރު މިހާރު ވެސް އޮތް ގޮތަށް ނޮވެމްބަރު 17 ފެށުނަސް އާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށޭނީ ޑިސެންބަރު 1 ގަ އެވެ.
މި ބަދަލު ގެންނަން މުއިއްޒު ބޭނުންވާއިރު، އެ މަނިކުފާނުގެ ހިޔާލުގައި ގާނޫނު އަސާސީއަށް އިތުރު ބަދަލުތަކެއް ގެންނަން އެބަ ހުއްޓެވެ. އޭގެ ތެރެގައި އެ މަނިކުފާނަށް ވެރިކަން ހޯދަން ފަސޭހަ ކުރުމަށްޓަކައި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލުން ވެސް ހިމެނެ އެވެ. ނަމަވެސް އެ އިސްލާހެއް އަދި މަޖިލީހަށް ހުށައެއް ނާޅަ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އެއް ދުވަހެއްގައި ބޭއްވުމަށް ފެނިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފެ އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އާއި ގައުމީ ޔުނިވާސިޓީގެ ކުރީގެ ޑީން ޑރ. ހަސަން ހަމީދު އަދި މަދަނީ ހައްގުތަކަށް ވަކާލާތު ކުރައްވާ ގިނަ ބަޔަކު ވިދާޅުވެފައި ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ވުރެ ރައްޔިތުންނަށް ފައިދާ ބޮޑުވާނީ އިންތިހާބުތައް ވަކިވަކިން ބާއްވައިގެން ކަަމަށެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް މުއިއްޒު ބޭނުންވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހަރަދު ކުޑަކުރުން ހިމެނޭއިރު، އެމަނިކުފާނުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން ކުޑަ މިންވަރެއް މަދުކޮށްލިޔަސް، އިންތިހާބުގެ ހަރަދަށް ވުރެ ބޮޑު ލުޔެއް ލިބޭނެ ކަަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ޔުމްނާ ދެކޮޅު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ޔުމްނާ ދެކޮޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ