ބުލީ ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށްޓަކައި އެކަމަށް ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ޤާނޫނުގެ މަސައްކަތް މިހާރު އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރިއަށް ގެންދާ ކަމަށެވެ.
މި ޤާނޫނު އެކުލަވާލުމުގައި ފަންނީ ބޭފުޅުންގެ ލަފަޔާ އެކު މަޝްވަރާގެ މަރުހަލާތައް ނިންމުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޤާނޫނުގެ ދަށުން ބުލީ ކުރުމުގެ އަމަލުތަކަކީ ކޮބައިކަން ސާފުކޮށް ކަނޑައެޅިގެންދާނެއެވެ. މީގެ ތެރޭގައި ސްކޫލްތަކާއި ތަޢުލީމުދޭ އިދާރާތަކުގައި ބުލީކުރުން ހުއްޓުވުމަށް ޚާއްސަ ސިޔާސަތުތަކެއް އެކުލަވާލައި، ބުލީކުރާ ކުދިންނާ މެދު އަމަލުކުރާނެ ނިޒާމެއް ގާއިމުކުރެވޭނެއެވެ. އަދި މިފަދަ މައްސަލަތައް ސެންޓްރަލް އެޖެންސީއަކަށް ރިޕޯޓްކުރެވޭނެ ގޮތް ހަމަޖެއްސުމާއި، ރަސްމީ މަންހަޖުގެ ތެރޭގައި މިކަމާ ގުޅޭ ކަންކަން ހިމެނުމަށް ވަނީ ނިންމާފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ޤާނޫނު އެކުލަވާލުމުގައި ބޭރުގެ ކުރިއަރާފައިވާ ޤައުމުތަކުގައި މިކަން ތަންފީޒުކުރާ ގޮތްތަކަށް ބައްލަވާނެ ކަމަށެވެ. އަދި މިއީ މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވާ ކަމެއްކަން ފާހަގަކުރައްވައި، މި މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނައުމަށް ހުރިހާ ފަރާތްތަކުން އެއް ރޫހެއްގައި މަސައްކަތް ކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
ބުލީކުރުން ހުއްޓުވަން ގަނޫނެއް އެކުލަވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ