ލިސްޓުގައި ވަނީ މުޅިން ތެދު މައުލޫމާތެއް ނޫން، އެކަމަކު ގޭގައި މަސައްކަތްކުރާ މުވައްޒަފުން އެބަތިބި: އެމްއޭސީއެލް

އެއްވެސް މަސައްކަތެއް ނުކުރާ ގޮތަށް ސަރުކާރުގެ އެއާޕޯޓު ކުންފުނި އެމްއޭސީއެލަށް ނެގި މުވައްޒަފުންގެ ލިސްޓުގައި ވަނީ މުޅިން ތެދު މައުލޫމާތެއް ނޫން ކަމަށާއި އެކަމަކު އެ ކުންފުނީގެ ބައެއް މުވައްޒަފުން މަސައްކަތްކުރަނީ ގޭގައި ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ. އެމްއޭސީއެލަށް ވަޒީފާއަށް ނެގުމަށް ފަހު، އެއްވެސް މަސައްކަތެއް ހަވާލުނުކޮށް އެތައް މުވައްޒަފުންނަކަށް މުސާރަދޭކަމުގެ ތުހުމަތު ވަނީ އަމާޒުވެފައެވެ. އެ ފަދަ 85 މުވައްޒަފެއްގެ ނަން ހިމެނޭ ލިސްޓެއް ވެސް މި ފަހުން މީސްމީޑިއާގައި ލީކުކޮށްލައިފައިވެއެވެ. އެ ލިސްޓާ ގުޅިގެން އެތައް ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެފައިވެއެވެ. ރައީސް އޮފީހުގައި މިއަދު އޮތް ބައްދަލުވުމަކަށް ވަޑައިގެންނެވި ޝަރީފް، އެ ސަރަހައްދުގައި ތިބި ބައެއް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ފުރަތަމަ ވިދާޅުވީ، އެއްވެސް މަސައްކަތެއް ނުކުރާ ގޮތަށް އެމްއޭސީއެލަށް ނެގި މުވައްޒަފުންގެ ލިސްޓު ފެނިވަޑައިގެންފައިނުވާ ކަމަށެވެ. ދެން ވިދާޅުވީ، މީހަކު ލިސްޓެއް ދެއްކި ކަމަށާއި، އެ ލިސްޓުގައި ވަނީ މުޅިން ތެދު މައުލޫމާތު ނޫން ކަމަށެވެ. https://sun.mv/221177 ބައެއް ރަށްރަށުގައި ބިން ހިއްކައި، އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މަސައްކަތްތަކަށް އިޝާރާތްކުރައްވައި ޝަރީފް ވިދާޅުވީ، އެއާޕޯތުތައް ބަލަހައްޓައި މެނޭޖުކުރުމުގެ އިތުރުން، އެމްއޭސީއެލުން އިތުރު މަސައްކަތް ކުރާ ކަމަށެވެ. "މުވައްޒަފުން ހަމަ އިތުރުވާނެ، މިހާރު ފިނޭންސް މިނިސްޓްރީއާއި ޕީސީބީން އަންގަވައިގެން ރައިޓް ސައިޒްކުރުމުގެ މަސައްކަތެއް އަޅުގަނޑުމެން [އެބަ ކުރިއަށް ގެންދަން]،" އޭނާ ވިދާޅުވިއެވެ. މި ވަގުތު ވެސް 5،000 އަށް ވުރެ ގިނަ މުވައްޒަފުން އެމްއޭސީއެލްގައި މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވެ ޝަރީފް ވިދާޅުވީ، އޭގެ ތެރޭގައި ގޭގައި ތިބެ މަސައްކަތްކުރާ މުވައްޒަފުން ހިމެނޭ ކަމަށެވެ. ނަމަވެސް، ސީދާ އަދަދެއް އަދި އެ މުވައްޒަފުން ކުރާ މަސައްކަތެއް ދަންނަވަން ދަތި ކަމަށް ޝަރީފް ވިދާޅުވިއެވެ. "ވޯކް ފްރޮމް ހޯމްގައި އުޅޭނެ ދެއްތޯ ޕްރޮގްރާމަރުން ވެސް، އެހެން ކަންކަން ވެސް ބައިވަރު މަސައްކަތްކުރާ މީހުން ވެސް..." ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން އޭނާ ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި، ވަޒީފާ އަދާކުރަން ނުޖެހޭ ގޮތަށް އެމްއޭސީއެލަށް މުވައްޒަފުން ނެގި މައްސަލައިގައި ނޫސްވެރިން މިދިޔަ ހަފުތާގައި ސުވާލުކުރުމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އޭރު ވިދާޅުވީ، އެފަދަ ލިސްޓެއް އެ މަނިކުފާނުގެ ސަމާލުކަމަށް އައިސްފައިނުވާ ކަމަށެވެ. https://sun.mv/220483 މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު އެ ކަމާ ގުޅޭ ގޮތުން އެހުމުން ރައީސް ވިދާޅުވީ، އެ ލިސްޓާ ގުޅުން ހުރި ކަންކަން ބަލަން އަންގައިފައިވާ ކަމަށާއި "އެކަމުގެ އަޕްޑޭޓެއް އަދި ނެތް" ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވައެވެ. "އެމްއޭސީއެލް އެކަންޏެއް ނޫން، ޖުމުލަކޮށް ހުރިހާ އެސްއޯއީތަކުގައި ވެސް މުވައްޒަފުންގެ އަދަދު މަދުކުރަން މިހާރު އެ އޮތީ ފިނޭންސް މިނިސްޓަރު ޕީސީބީއަށް އަންގާފައި،" މިދިޔަ ހަފުތާގައި އެ މަނިކުފާނު ފުރަތަމަ ދެއްވި ޖަވާބަކީ އެއީއެވެ. ރައީސް ވިދާޅުވީ، ޕާފޯމަންސްއާއި މަސައްކަތުގެ ފަރުވާތެރިކަމާއި، ވަޒީފާއަށް ގަޑިއަށް ނުކުތުމާއި ހާޒިރީއާއި އެ ނޫން ވެސް ކަންކަމަށް ބަލާފައި ހުރިހާ ކުންފުންޏަކަށް ވެސް އިސްލާހީ ބަދަލު ގެންނަން މިހާރު ސަރުކާރުން އަންގާފައިވާނެ ކަމަށެވެ. އެ މަނިކުފާނު އިޝާރާތްކުރެއްވީ ސަރުކާރުގެ ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން މަދުކުރަން ފިނޭންސް މިނިސްޓްރީން ޕީސީބީއަށް އެންގި އެންގުމަށެވެ. އެއްވެސް މަސައްކަތެއް ނުކޮށް އަދި އެއްވެސް ވަރަކަށް އޮފީހަށް ދާން ވެސް ނުޖެހޭ މުވައްޒަފުންތަކަކަށް ބޮޑެތި އަދަދުތަކުން މުސާރަ ދެމުންދާ ކަމަށް ބުނެ، އެ ފަދަ 85 މީހެއްގެ ނަން ހިމެނޭ ލިސްޓެއް ސޯޝަލް މީޑިއާގައި ލީކްކޮށްލީ 'ހަސަން ކުރުސީ'ގެ ނަމުގައި ކާކުކަން ނޭނގޭހެން ހިންގާ އެކްސް އެކައުންޓުންނެވެ. އެ ލިސްޓުގައި ނުފޫޒު ގަދަ ބައެއް ބޭފުޅުންނާއި ކުރީގެ ބައެއް މަޖިލީސް މެންބަރުން ވެސް ހިމެނެއެވެ. އެ ތުހުމަތާ ގުޅިގެން އެމްއޭސީއެލްއިން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އޮތުމަށް ފަހު، މިއީ އެ ކުންފުނީގެ ފަރާތުން އެކަމާ ގުޅޭ ގޮތުން ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. ރައީސް މުއިއްޒާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފް -- ފޮޓޯ/ ރައީސް އޮފީސް އެކަމަކު، އެ ކުންފުނީގައި މަސައްކަތްކުރާ ބައެއް ސީނިއާ މުވައްޒަފުން ވަނީ އެ ފަދަ ތުހުމަތުތަކެއް އަމާޒުވާކަން ކަށަވަރުކޮށްދީފައެވެ. އަދި، ސޯޝަލް މީޑިއާގައި އާންމުވި ލިސްޓުގައި ހިމެނޭ ބައެއް މުވައްޒަފުންނަށް މުސާރަ ދޭކަން ވެސް ކަށަވަރުކޮށްދީފައެވެ. ފާހަގަކުރެވޭ ގޮތުގައި، އެމްއޭސީއެލަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ފައިދާވަމުން ދިޔަ މަދު ކުންފުނިތަކުގެ ތެރޭ ހިމެނޭ އެއް ކުންފުންޏެވެ. އޭރު އެމްއޭސީއެލުން މެނޭޖްކުރަމުން އައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކަމަށް ވިޔަސް، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އުވާލައި، މިދިޔަ ސެޕްޓެންބަރު މަހުގެ ކުރީކޮޅު އެމްއޭސީއެލަށް އާރުއޭސީއެލްގެ ދަށުން ހިންގާ ހުރިހާ އެއާޕޯޓެއް ވަނީ ބަދަލުކޮށްފައެވެ. އާންމު ގޮތެއްގައި ބިން ހިއްކަމުން އޭރު ގެންދިޔައީ ސަރުކާރުގެ އެތައް މަޝްރޫއެއް ހިންގަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިންނެވެ. ނަމަވެސް، މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ޕެނިންސިއުލާ އިންފްރާސްޓްރަކްޗާގެ ނަމުގައި އެމްއޭސީއެލުން ވަނީ، އުމްރާނީ މަސައްކަތްކުރުމަށް އަމިއްލަ ކުންފުންޏެއް އުފައްދައިފައެވެ. އެމްއޭސީއެލުން ވަނީ، ހއ. ދިއްދުއާއި ފ. ނިލަންދޫގެ އިތުރުން، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކައިފައެވެ. މީގެ އިތުރުން، އެތައް ރަށެއްގައި އެ ކުންފުނިން އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މަސައްކަތް ވެސް ފަށައި، ކުރިއަށް އެބަ ގެންދެއެވެ. އެކަމަކު، ބިން ހިއްކުމާއި އައުޓްޑޯ ޖިމް ގާއިމްކުރުމަކީ އެމްއޭސީއެލްގެ މެންޑޭޓުން ބޭރު މަސައްކަތްތަކެކެވެ. އެ މަސައްކަތްތައް ކުރާތީ ރައްޔިތުންގެ ފާޑުކިއުމާއި މަލާމާތް އެމްއޭސީއެލަށް އެތައް ފަހަރަކު އަމާޒުވެފައިވެއެވެ. މީގެ ހަތަރު މަސް ކުރިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ނެރެފައިވާ، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މައިގަނޑު ގޮތެއްގައި އަމިއްލަ ޚަރަދުގައި ހިންގާ ސަރުކާރު ކުންފުނިތަކުގައި 33.1 ބިލިއަން ދަރަނި އެބަ އޮތެވެ. އެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް އޮތީ އެމްއޭސީއެލްގައެވެ. އެ ކުންފުނީގައި އެކަނި ވެސް 13 ބިލިއަން ރުފިޔާގެ ދަރަނި އެބަ އޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ