ހިޔާރޯދިގޭ އަލިފާނުގެ ހާދިސާއާ ގުޅިގެން ހައްޔަރުކުރި ޝަހްބާން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި

ގަލޮޅު މޯޗަރީ ކައިރީގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ހައްޔަރުކުރި ޝަހްބާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން ބުނީ، މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސަބުނަމްހައުސް / ލ.މާބައިދޫ، ހުސައިން ޝަހްބާން (29އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭ ގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ދައުވާ އުފުލުމަށްޓަކައި އޭޕްރީލް 21 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ. އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ޝަހްބާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ، އޭނާއަކީ މީގެ ކުރިން ވެސް ކުށްކޮށް، ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ބުނެފައެވެ.
ގަލޮޅު މޯޗަރީ ކައިރީ ހުރި ގުދަނެއްގައި ރޯވި ހާދިސާ ރިޕޯޓްކުރުމުން ފަޔާ އެންޑް ރެސްކިއު އިން ވަނީ އެ އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލާފައެވެ. އެ އަލިފާންގަނޑު ރޯވެ ބޭރަށް ހުޅުފަޅައިގެން ދާ މަންޒަރު ފެނިފައިވާ އިރު އަލިފާންގަނޑުގެ ދުންތައް އެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ