އީރާނަށް މިހާތަނަށް 15،000 ބޮން އަޅާފައިވާކަމަށް އިސްރާއީލުން ބުނެފި

މި ފަހުން އީރާނާދެކޮޅަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް އެޤައުމަށް 15،000 ބޮން އަޅާފައިވާކަމަށް އިސްރާއީލުން ބުނެފިއެވެ.
އެމެރިކާ އާއި އިސްރާއީލުން އިސްވެ އީރާނާ ދެކޮޅަށް ފެށި ހަނގުރާމާއިގެ އެންމެ ފަހުގެ މައުލޫމާތުތައް ހާމަކުރަމުން އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ބުނީ، ފެބުރުއަރީމަހުގެ 28 ވަނަ ދުވަހު ދޭންފެށި ހަމަލާތަކުގައި މިހާތަނަށް 15 ހާހަށްވުރެ ގިނަ ބޮން އީރާނުގެ އެކި ސަރަހައްދުތަކަށް އަޅާފައިވާކަމަށެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހު 12 ދުވަހުގެ މުއްދަތަށް ހިންގި ކުރިމަތިލުންތަކުގައި ބޭނުންކުރި ހަތިޔާރާ އަޅާބަލާއިރު ހަތަރު ގުނަ އިތުރު އަދަދެއްކަމަށް އޭނާ ބުންޏެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަޓްޒް ބުނީ، މަގްސަދު ހާސިލްކުރުމަށް ކުރަމުންގެންދާ މަސައްކަތުގައި އިރާނާއި ލުބުނާނުގެ އިތުރު އަމާޒުތަކަށް ހަމަލާދިނުމަށް ތައްޔާރުވަމުންދާކަމަށެވެ.
އީރާނަށް އެޅި ބޮމުގެ އަދަދު ހާމަކުރިއިރު، އިސްރާއީލުން އީރާނަށް މިހާތަނަށް ދިން ގިނަ ހަމަލާތައް އަމާޒުކޮށްފައިވަނީ އާއްމު ސަރަހައްދު ތަކަށް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީއަންހެން ކުދިންގެ ސްކޫލަކަށް އަމާޒުކޮށް ދިން ހަމަލާގައި 150 ހަށްވުރެ ގިނަ ކުދިން ޝަހީދުކޮށްލި ހަމަލާއެވެ. 
މީގެ އިތުރުން އިސްރާއީލުން ވަނީ އީރާނަށް ފޮނުވާލާ ބައެއް ހަމަލާތައް ބައިނަލްއަޤްވާމީ ޤާނޫނުތައް ހުއްދަ ނުކުރާ ހިސާބުތަކަށްވެސް ފޮނުވާލާފައެވެ. އޭގެ ތެރެއިން އެއް ހަމަލާއަކީ އީރާނުގެ ހަކަތަ އުފައްދާ އެންމެބޮޑު މަރުކަޒަށް ދިން ހަމަލާއެވެ. މި ހަމަލާ އާ ގުޅިގެން އެމެރިކާއިންވެސް ވަނީ އެކަމުގެ ކަންބޮޑުވުން އޮތްކަން ފާހަގަކޮށްފައެވެ.
އިސްރާއީލުން އީރާނަށް 15،000 ބޮން އެޅިކަމަށް އެޤައުމުން ބުނާއިރު، އީރާނުންވެސް ދަނީ ރައްދުގައި އިސްރާއީލަށް ހަމަލާތައް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ