ޕާކިސްތާން މެދުވެރިކޮށް އެމެރިކާއިން ފޮނުވި ސުލްހައިގެ ޕްލޭނަށް އީރާނުން އެއްބަހެއްނުވި

އެމެރިކާއިން ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ހުށަހެޅުމަށް އިންކާރުކޮށް، ސުލްހަ ގާއިމުކުރުމަށް އަމިއްލަ ޝަރުތުތަކެއް އީރާނުން ކުރިމަތިކޮށްފައިވާ ކަމަށް، އިސް އޮފިޝަލަކާ ހަވާލާދީ އީރާންގެ ޕްރެސް ޓީވީން ދެންމެ ރިޕޯޓުކޮށްފިއެވެ. "އީރާނުން ހަނގުރާމަ ހުއްޓާލާނީ އެކަން ކުރަން އީރާނަށް ފެންނަ ވަގުތެއްގައި އަދި އީރާނުގެ ޝަރުތުތައް ފުރިހަމަވުމުން،" އެ އޮފިޝަލް ވިދާޅުވިއެވެ. އަދި އިތުރަށް ވިދާޅުވީ "އޭގެ ކުރިން އެއްވެސް މަޝްވަރާއެއް ނުބޭއްވޭނެ" ކަމަށެވެ.
އެމެރިކާގެ ހުށަހެޅުމަކީ "ހައްދުފަހަނައަޅާފައިވާ" ހުށަހެޅުމެއްގެ ގޮތުގައި ސިފަކުރައްވަމުން އެ އޮފިޝަލް ވިދާޅުވީ، "އީރާނުގެ ދިފާއީ އޮޕަރޭޝަންތައް، ޝަރުތުތައް ފުރިހަމަވަންދެން ކުރިއަށްދާނެ" ކަމަށެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އީރާނުން ހުށަހެޅުއްވި ޝަރުތުތަކުގެ ތެރޭގައި ހަމަލާތަކާއި މީހުން މެރުން (އެސެސިނޭޝަން) ހުއްޓާލުން، ކުރިމަގުގައި ހަނގުރާމައެއް ނުވާނެކަމުގެ ޔަގީންކަން ދިނުން، ހަނގުރާމައިގެ ގެއްލުމުގެ ބަދަލު ދިނުން، އެކުވެރި ޖަމާއަތްތައް ހިމެނޭ ހުރިހާ ފްރަންޓްތަކެއްގައި ހަނގުރާމަ ހުއްޓާލުން، އަދި ހޯރްމޫޒް ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ބާރު އޮތްކަން ގަބޫލުކުރުން ހިމެނެއެވެ.
ޕާކިސްތާނުން އެމެރިކާގެ ހުށަހެޅުމެއް އީރާނަށް ފޯރުކޮށްދީފައިވާ ކަމަށާއި، މަޝްވަރާތައް ބާއްވާނެ ތަނެއްގެ ގޮތުގައި ތުރުކީ ނުވަތަ ޕާކިސްތާނު ބެލވިދާނެ ކަމަށް އީރާނުގެ އިސް އޮފިޝަލަކު ރޮއިޓާސްއަށް މިއަދު ހެނދުނު މައުލޫމާތު ދެމުން ބުނެފައި ވެއެވެ. ދައުލަތުގެ ފާރްސް ނިއުސް އެޖެންސީން ބުނާ ގޮތުގައި، އެމެރިކާއިން ޕާކިސްތާން މެދުވެރިކޮށް ހުށަހެޅި 15 ނުކުތާގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން އީރާނުން ވަނީ ގަބޫލުނުކުރާކަން މިހާރު އަންގާފައެވެ.
"އީރާނުން ހަނގުރާމަ ހުއްޓާލުމެއް ގަބޫލެއް ނުކުރޭ،" މައުލޫމާތު އެނގޭ މީހަކު އެ ނޫހަށް ބުންޏެވެ. "އަސާސީ ގޮތުން ބަލާއިރު، އެއްބަސްވުންތަކާ ހިލާފުވާ ބަޔަކާއެކު މިފަދަ މަރުހަލާއަކަށް ވަނުމަކީ ބުއްދިވެރި ކަމެއް ނޫން." އޭނާ ބުންޏެވެ.
އެމެރިކާގެ ހުށަހެޅުމުގެ ތަފްސީލްތައް އެއްވެސް ފަރާތަކުން ރަސްމީކޮށް ހާމައެއް ނުކުރެއެވެ. ނަމަވެސް ޕާކިސްތާނުގެ އޮފިޝަލުން ބައެއް މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، ސުލްހައިގެ ރޭވުން ބިނާވެފައިވަނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި، މަދަނީ ނިއުކްލިއާ އެއްބާރުލުން ދިނުމާއި، މިސައިލް އުފެއްދުން އީރާނުން ހުއްޓުމަކަށް ގެނައުމާއި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ކުރިއަށް ނުގެންދިއުމާއި، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީއިން އީރާން މޮނިޓާ ކުރުމުގެ މައްޗަށެވެ.
މީގެ އިތުރުން ހޯރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ ފުރުސަތު ހުޅުވާލުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން ހަމަލާދޭން ފެށި ފަހުން، ތެޔޮ އުފުލުމަށް ބޭނުންކުރާ މުހިންމު މަގު ކަމަށްވާ އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތައް އީރާނުން ވަނީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ވަނީ އުފުލިފައެވެ.
ރައީސް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވީ، އީރާނުގެ ހަކަތައިގެ އިންފްރާސްޓްރަކްޗާއަށް ދޭނެ ކަމަށް ކުރިން އިންޒާރުދިން ހަމަލާތައް، އީރާނާއިއެކު ކުރެވުނު "ނަތީޖާ ނެރެވޭ ފަދަ ވާހަކަތަކަކަށް" ފަހު ފަސް ދުވަހަށް މަޑުޖައްސާލާނެ ކަމަށެވެ. އަދި އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އާއި ޖެރެޑް ކުޝްނާ އާދީއްތަ ދުވަހު އީރާނުގެ އޮފިޝަލުންނާ ވާހަކަދެއްކެވި ކަމަށްވެސް އެ ދުވަހު ނޫސްވެރިންނަށް ވިދާޅުވިއެވެ.
އަންގާރަ ދުވަހު ރައީސް ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވީ، އޭނާއާއި، ނައިބު ރައީސް ވެންސް އަދި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯގެ އިތުރުން ވިޓްކޮފް އާއި ކުޝްނާވެސް އީރާނާއެކު ކުރެވޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
މި މަޝްވަރާތައް ކުރިއަށްދާ ކަމަށް ބުނާ ދަނޑިވަޅުގައިވެސް، އެމެރިކާގެ އަސްކަރިއްޔާގެ 82 ވަނަ އެއާބޯން ޑިވިޜަންގެ ގާތްގަނޑަކަށް 2،000 ސިފައިން މެދުއިރުމައްޗަށް ފޮނުވުމަށް ޕެންޓަގަނުން ތައްޔާރުވަމުންދާ ކަމަށް، މިކަމުގެ މައުލޫމާތު ހުރި މަސްދަރަކުން އަންގާރަ ދުވަހު 'ދަ ހިލް' އަށް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ