ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) ނެގުމުގެ އިޖުރާއަތްތައް ކުރިއަށްގެންދަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ އަލީ ހުސައިން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކުރުމާ ގުޅިގެން އެ ކޯޓުގެ ކުރީގެ ބައެއް ފަނޑިޔާރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ނިންމީ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ރައުދާ ހައިދަރު އެވެ. އޭނާގެ ނިންމުމުގައި ވިދާޅުވެފައި ވަނީ އެ މައްސަލަ ބިނާކޮށްފައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
އެކަމާ ގުޅިގެން އެކްސްގައި ކަންބޮޑުވުން ފާޅުކުރެއްވި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުالله ދީދީ ވިދާޅުވި ގޮތުގައި އެ އެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކުރީ ދުނިޔޭގެ ސުޕްރީމް ކޯޓުތަކާއި ދުސްތޫރީ ކޯޓުތަކުގެ އާންމު ޕްރެކްޓިސްތަކާ މުޅިން ހިލާފަށެވެ.
"މިއީ ދުނިޔޭގެ ސުޕްރީމް ކޯޓްތަކާއި ދުސްތޫރީ ކޯޓުތަކުގެ އާންމު ޕްރެކްޓިސްތަކާ މުޅިން ހިލާފު ނިންމުމެއް؛ ރަޖިސްޓާއަށް މައްސަލަ ބޭރުކުރެވޭނީ ފޯމަލިޓީސް ފުރިހަމަނުކޮށް ހުށަހަޅައިފައިވާނަމަ ނުވަތަ ސާފުކަން ބޮޑު ގޮތަކަށް ކޯޓަށް އިހުތިސޯސް ލިބިގެން ނުވާ މައްސަލައަކަށް ވާނަމަ. މިފަދަ ނިންމުމެއް ނިންމާންވާނީ ފަނޑިޔާރުން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމަށް ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، ގާނޫނުއަސާސީގެ 263 ވަނަ މާއްދާއާއި 264 ވަނަ މާއްދާގައި ބަޔާންވެގެންވާ އުސޫލުތައް އޭގެ މައްޗަށް ހިނގާނެ ބިލެއް ކަމަށެވެ.
އެގޮތުން މި ބިލު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާތާ 15 ދުވަސްތެރޭގައި ތަސްދީގުކުރަން ނުފެންނަ ނަމަ، ރައްޔިތުންގެ މަޖިލީހަށް އެކަން އަންގަންވާނެ ކަމާއި، އެ މުއްދަތުގެ ތެރޭގައި މަޖިލީހަށް އެކަން ނާންގައިފިނަމަ، ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރި ކަމަށް ބަލަންޖެހޭ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އަބްދުﷲ ދީދީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް އެ ބިލު ލިބުނުތާ 15 ދުވަސް ފާއިތުވުމުގެ ސަބަބުން އޮޓަމެޓިކުން ތަސްދީގުކުރެވިފައިވާ ބިލެއް ކަމަށް ބަލާނެ ދުސްތޫރީ އަސާސެއްނެތީ އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކޮށް 15 ދުވަސް ފާއިތުވީ އައިއިރު ދުސްތޫރީ އިޖްރާއަތެއްގެ ދަށުން އެ ބިލާ މެދު ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުގެ ސަބަބުން ކަމަށެވެ.
އެ ބިލަކީ މިހާރު ދުސްތޫރީގޮތުން ބާތިލު ބިލެއް ގޮތުގައި ބަލަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ހުސައިން ހުށަހެޅި މައްސަލައިގައި އަޑުއެހުމެއް ވެސް ނުބާއްވައި ނިޔާ ކަނޑައެޅުމުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"ރިފެރަންޑަމްއަކަށް އަހަންޖެހޭ ކަމެއްގަ 15 ދުވަސް ތެރޭގަ ބިލާމެދު ގޮތެއް ނުނިންމީމަ ބިލު ބާތިލުވާނެކަން އެއީ ދައުވާއަކީ. ސުޕްރީމް ކޯޓުން މި ކުރި ކަމަކީ އަޑުއެހުމެއް ވެސް ނުބާއްވައި ނިޔާ ކަނޑައެޅުން. ދައުވާ ކުރާ މީހާގެ ވާހަކަ އަޑުއެހުމެއްނެތި ނިޔާ ކަނޑައެޅުމަކީ ގޯހެއް ނޫންތޯ؟،" ސުއޫދު ލިޔުއްވި އެވެ.
ސުއޫދުގެ ވާހަކައަށް ބާރުދެއްވައި މައްސަލަ ހުށަހެޅި އަލީ ހުސައިން ވެސް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާއަކީ އެ ކޯޓުގެ ފަނޑިޔާރެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
އަލީ ހުސެއިން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ބިލެއް ތަސްދީގު ކުރަން ނުވަތަ އަނބުރާ ފޮނުވާލަން ގާނޫނުއަސާސީ އިން ރައީސްއަށް ލިބިދޭ 15 ދުވަހުގެ މުއްދަތު ހަމަވެފައިވާތީ އެ ބިލު މިހާރު ބާތިލްވެފައިވާ ކަމަށެވެ.
ނަމަވެސް ރަޖިސްޓްރާ ވިދާޅުވީ، ބިލަކާމެދު ގޮތެއް ނިންމަން ގާނޫނުއަސާސީ އިން ދީފައިވާ 15 ދުވަހުގެ މުހުލަތަށް އަމަލު ކުރަންޖެހޭނީ އެ ބިލެއް ތަސްދީގު ނުކުރަން ރައީސް ނިންމަވާ ހާލަތްތަކުގައި އެކަނި ކަމަށެވެ.
ރަޖިސްޓްރާ ވިދާޅުވެފައިވާ ގޮތުގައި، މައުލޫގައި ހިމެނޭ ބިލަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން މެނުވީ ތަސްދީގު ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކެޓަގަރީގެ ބިލެކެވެ. އެހެންކަމުން އެ ބިލަށް 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ނުޖެހޭނެ ކަމަށް ވެސް ރަޖިސްޓްރާ ވިދާޅުވެފައިވެ އެވެ.
އަލީ ހުސެއިން ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލިއިރު، ރިފަރެންޑަމް ހުއްޓުވަން ވަކީލު އައިކު އަހުމަދު އީސާ އާއި އިބްރާހިމް ޝިޔާމް ހުށަހެޅި މައްސަލަ ބަލައިގަނެ ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ. އެ މައްސަލައިގައި ބުނެފައި ވަނީ ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލު ގޯސް ކަމަށެވެ.
ފަނޑިޔާރުންނާ ހަމައަށް ނުގެންގޮސް ރެފަރެންޑަމާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ބޭރުކޮށްލުމުން ކަންބޮޑުވުން ފަނޑިޔާރުންނާ ހަމައަށް ނުގެންގޮސް ރެފަރެންޑަމާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ބޭރުކޮށްލުމުން ކަންބޮޑުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ