ދިވެހި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް މިހާރު ވެސް ފިޔަވަޅު އަޅަމުންދާ ކަމަށާއި ހަރަދު ކުރެވޭނެ ދާއިރާތައް ދިރާސާ ކުރުމުގެ މަސައްކަތް ނިންމައި، އެ ޕްލޭން ހަފްތާއެއް ތެރޭ ރައީސްއަށް ހުށަހަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މެދު އިރުމަރީތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުމުން އަރައިގަތުމަށްޓަކައި ސަރުކާރުން މާ ބޮޑު ފިޔަވަޅުތަކެއް ނާޅާތީވެ، ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރަށް ނޫސްވެރިން އަމާޒު ކުރި މައިގަނޑު އެއް ސުވާލަކީ ވެސް އެއީ އެވެ.
ތަފްސީލު - މޫސާ ޒަމީރު ވިދާޅުވީ، ހަރަދު ކުޑަ ކުރުމަށް ސަރުކާރުން މިހާރު ވެސް ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން ފޮރިން މިނިސްޓްރީ ނޫން އެހެން ހުރިހާ މިނިސްޓްރީތަކަށް ވެސް ބަޖެޓުން ހަރަދުކޮށްގެން ކުރާ ދަތުރުތައް ނުކުރުމަށް އަންގަވަމުން ގެންދަވާ ކަމަށެވެ. ހަމައެކަނި ހުއްދަ ދެނީ، މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި، ފަންޑު ލިބިފައިވާ ދަތުރުތައް ކުރުން އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފަންޑެޑް ދަތުރުތައް ނޫނިއްޔާ މިވަގުތަށް އަޅުގަނޑުމެން ހުއްދައެއް ނުދެން. އެކަމަކު ފޮރިން މިނިސްޓްރީން ކުރަން ޖެހޭ ދަތުރުތައް ކުރައްވާނެ. ދެން ހުރި ދަތުރުތައް އަޅުގަނޑުމެން މަޝްވަރާ މި އަރުވަނީ އޮންލައިންކޮށް މީޓިންތަކުގައި ބައިވެރިވެވެން ހުރި މީޓިންތަކުގައި އޮންލައިންކޮށް ބައިވެރިވުމަށް،" އޭނާ ވެސް ވަޑައިގަތުމަށް ހަމަޖެހިވާ ދަތުރެއްގެ ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވަޑައިގަތުމަށް ނިންމާފައިވާކަން ފާހަގަކުރައްވައި، ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ފާހަގަ ކުރެއްވި ގޮތުގައި ހަރަދު ކުޑަ ކުރުމަށް ސަރުކާރުން ކުރާ ކަންކަން ނޭނގެނީ އެ ފިޔަވަޅުތައް އިއުލާން ނުކުރާތީ އެވެ.
ހަރަދު ކުޑަ ކުރުމަށް ސަރުކާރުން ޕްލޭނެއް ގެންގުޅޭތޯ އާއި އެ ފިޔަވަޅުތަކުން ކިހާ ވަރެއްގެ ފައިސާ ސަލާމަތް ކުރެވޭނެތޯ ނޫސްވެރިޔާ ސުވާލު ކުރި އެވެ. އަދި މި އަހަރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެތޯ ވެސް އެހި އެވެ.
ހަރަދު ކުޑަ ކުރުމުގެ ޕްލޭނާ ގުޅޭ ގޮތުން ޒަމީރު ވިދާޅުވީ:
ފިނޭސް މިނިސްޓްރީގެ ޓީމެއް ހަރަދު ކުޑަ ކުރުމުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން
މިއަދު ވެސް އެ ޓީމާއެކު ދެ ގަޑައިރުވަންދެން އަޅުގަނޑު މަސައްކަތް ކުރިން
"އަޅުގަނޑުމެން އެބަ އޮތް [ހަރަދު ކުޑަ ކުރެވޭނެ ދާއިރާތަކުގެ] ލިސްޓެއް ހަދާފައި، ރައީސް އަރިހަށް ގެންދަން ވެގެން. އެއީ މިވެނި މިވެނި ކަންތައްތަކަށޭ ބަދަލު ގެނަންނަ ބޭނުންވަނީ، ރައީސްގެ ލަފަޔާއެކު ބަދަލު ގެނަން،" ޒަމީރު ވިދާޅުވި އެވެ.
"އަދި ވެސް އަޅުގަނޑު ބޭނުންވާ ވަރަށް ފިގާސްތައް ނާންނާތީ [އަދިވެސް ދިރާސާ ކުރަމުން މިދަނީ] އަދި އޭގެ އިތުރަށް [ރެވެނިއު އާއި ހަރަދުތަކާއި ރެވެނިއުގެ] އެ އަންނަ ތަފާތުތައް އިތުރަށް ފައިނޭންސް ކުރެވޭނެ ކޮންމެވެސް މެކޭނިޒަމެއް ގެންނަން ޖެހޭނެ. ޓޯޓަލް [ޖުމުލަ] ފައިނޭންސިން އެވޭލަބަލް [ފައިސާ ލިބޭ] ވާނެ އަދަދަށް ވެސް ބަދަލު އަންނާނެ މިހާ ބޮޑު މާކެޓް ވޮލަޓިލަޓީއެއް އައިމާ. އެގޮތަށް ބަލާފައި، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭ އަޅުގަނޑު ރައީސް އަރިހަށް ދާނަން [ހަރަދު ކުޑަ ކުރުމުގެ ޕްލޭން ހިފައިގެން]."
އެއާއެކު ޒަމީރު ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓުމަކަށް އަޔަސް، މާލީ ހާލަތު އާންމު ހާލަތަކަށް އައުމަށް ހަތަރު މަހެއްހާ ދުވަސް ނަގާނެ ކަމަށް އެނަލިސްޓުން ފާހަގަ ކުރެ އެވެ. އަދި ހަރަދު ކުޑަ ކުރުމުގެ ޕްލޭން ހަދަމުންދަނީ އެކަމަށް ވެސް ރިއާޔަތްކޮށްގެންކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ، މި ޕްލޭން އެއްކޮށް އާންމުންނަށް ހާމަ ނުކުރެވިދާނެ ކަމަށާއި ނަމަވެސް އޭގައި ހިމެނޭ މައިގަނޑު ބައިތައް އާންމު ކުރާނެ ކަމަށެވެ. އެ ޕްލޭން އެއްކޮށް ހާމަ ނުކުރެވޭނެ ސަބަބެއްގެ ގޮތުގައި ވިދާޅުވީ މާކެޓް ސެންސިޓިވިޓީ އާއި ބޭރުން ނަގަން ޖެހޭ ލޯނުތައް ނެގުމުގައި ހުރަސްތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮތުމެވެ.
ސަޕްލިމަންޓްރީ ބަޖެޓެއް މިއަހަރު ހުށަހަޅާތޯ ކުރި ސުވާލަށް ޖަވާބު ދެއްމުން ޒަމީރު ވިދާޅުވީ:
2020އިން ފެށިގެން ކޮންމެ އަހަރަކު ވެސް ބެޖެޓު ޑެފިސިޓް ހުރީ 10 ބިލިއަން ރުފިޔާއިން މަތީގައި؛ ނަމަވެސް މިދިޔަ އަހަރު ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކޮށްގެން މިއިން ޒަމާނަކު ޑެފިސިޓް ދަށް ނުވާވަރަށް ދަށް ކުރިން
މިދިޔަ އަހަރު މި ސަރުކާރުގެ ފުރަތަމަ ބެޖެޓަށް ވާއިރު، އެ ބަޖެޓުގެ ޑެފިސިޓް ހުރީ 6 ބިލިއަން ރުފިޔާގައި
މިއަހަރު އަޅުގަނޑުމެންގެ ފޯކާސްޓް ދައްކަނީ ޑެފިސިޓް 8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް
"އަޅުގަނޑުގެ ޓާގެޓް އޮތީ އަށްވުރެ ވެސް ދަށް ރޭންޖެއްއްގައި ބެހެއްޓުމަށް އެކަމަކު މިހާރު މިދާ ގޮތުން އަޅުގަނޑުމެންނަށް އެވަރު [ޑެފިސިޓް 8 ބިލިއަންއަށް ތިރި] ނުކުރެވިދާނެ،" ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅާނެތޯ ކުރި ސުވާލަށް ސީދާ ޖަވާބު ނުދެއްވައި، ޒަމީރު ވިދާޅުވި އެވެ.
ބޭރު ދަތުރުތައް މެދުކަނޑާލައިފިން، ހަރަދު ކުޑަ ކުރުމުގެ ޕްލޭން ވަރަށް އަވަހަށް ފައިނަލް ވާނެ: ޒަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ