ސާފް 20 އަހަރުން ދަށުގެ މުބާރާތް: ދެ ވަނަ މެޗުގައި ރާއްޖޭން ބޫޓާނާ އެއްވަރު ސާފް 20 އަހަރުން ދަށުގެ މުބާރާތް: ދެ ވަނަ މެޗުގައި ރާއްޖޭން ބޫޓާނާ އެއްވަރު

މާލޭގައި މިހާރު ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖޭން ކުޅުނު ދެ ވަނަ މެޗުގައި މިރޭ ބޫޓާނާ ދެކޮޅަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.
ގްރޫޕް އޭގެ ފުރަަތަމަ މެޗުތަކުން ބޫޓާނާއި ރާއްޖެ ވަނީ ބަލިވެފަ އެވެ. ސްރީ ލަންކާ އަތުން ރާއްޖެ 3-2 އިން ބަލިވިއިރު، ނޭޕާލް އަތުން ބޫޓާން ވަނީ 2-1 އިން ބަލިވެފަ އެވެ. އަދި، މި ގްރޫޕްގައި މިއަދު ހަވީރު ސްރީ ލަންކާ އަތުން ނޭޕާލް މޮޅުވުމާ އެކު، އަމިއްލަ ބާރުގައި، ސެމީ ފައިނަލަށް ދިއުމަށް ބޫޓާނާއި ރާއްޖެ އަށް މި މެޗުން މޮޅުވުން އޮތީ މަޖުބޫރުވެފަ އެވެ. އެކަމަކު، މިރޭގެ މެޗުން އެއްވަރުވުމުން، ރާއްޖެ އަށް ވަނީ ސެމީ އަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފަ އެވެ. މި ގްރޫޕުން ސެމީ ޔަގީންވީ ނޭޕާލަށެވެ.
މި ގްރޫޕްގެ ފަހު މެޗުތައް ހުކުރު ދުވަހު ކުޅޭއިރު، ހަވީރު ކުޅޭ މެޗުގައި ރާއްޖޭން ކުޅޭނީ ނޭޕާލާ އެވެ. އަދި، އެރޭ ސްރީ ލަންކާ އާއި ބޫޓާނުން ވާދަކުރާނެ އެވެ. ރާއްޖޭން ސެމީގެ ޖާގައެއް ހޯދާނަމަ، ނޭޕާލް އަތުން މޮޅުވުމަށް ފަހު، ޖެެހޭނީ ސްރީ ލަންކާ އާއި ބޫޓާން މެޗުގެ ނަތީޖާ އަކަށް އިންތިޒާރުކުރާށެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗަށް ރާއްޖޭން ނުކުތީ ފުރަަތަމަ އެގާރަ އަށް ތިން ބަދަލެއް ގެނެސްގެންނެވެ. އެ ގޮތުން ސްރީ ލަންކާ މެޗުގައި ފެށި، އައިދާން އަހުމަދު މޫސާ، އަލީ ހައިޒޫމް ހައްސާން އަދި، ހަސަން ގައިސް މުހައްމަދުގެ ބަދަލުގައި، ފުރަތަމަ އެގާރައިގައި ހިމަނާފައިވަނީ، ނާޝިއު އަހުމަދު ޝިހާމް، މުހައްމަދު ނައިސަމް ނަދީމް އަދި އައިދު މުހައްމަދު ޖަވީޒު އެވެ.
ބޫޓާނުން އަވަސް ކުޅުމެއް ދައްކައިގެން ރާއްޖޭގެ ފަހަތަށް ކުޅޭ ބޯޅަތަކުގައި ޖާގައެއް ހޯދައިގެން އެޓޭކްކުރެވޭތޯ މަސައްކަތްކުރަމުންދިޔައިރު، ރާއްޖޭގެ ޑިފެންޑަރުން ވަނީ ރަނގަޅަށް ޑިފެންސްކޮށްފަ އެވެ. އަނެއްކޮޅުން ލިބޭ ބޯޅަތަކުގައި ރާއްޖޭން ރަނގަޅު ތަނަށް ބޯޅަ ފޮނުވާލައިގެން، އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ އެވެ.
ފުރަތަމަ ހާފުގައި ރާއްޖެ އަށް ލިބިގެންދިޔަ އެންމެ ރަނގަޅު ފުރުސަތު މެޗުގެ 24 ވަނަ މިނިޓްގައި ލިބުނީ ޓީމުގެ ކެޕްޓަން، މުހައްމަދު އިލާން އިމްރާން އަށެވެ. އެ ގޮތުން، އީތަން އޭރިއާތެރެއަށް މަތިން ވައްޓާލި ބޯޅައަކަަށް އަރައި، ނައްސާހު އިބްރާހިމް ނާސިރު ހަމަޖައްސާލުމަށް ފަހު، ހުސްކޮށް ހުރި އިލާން އަށް ދިނުމުން އޭނާ އެއް ފަހަރުން ޖެހި ޝޮޓްގައި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.
އޭގެ ފަހުން، ރާއްޖޭގެ އައިދު އާއި އިލާން އަށް ރަނގަޅު ތަނަށް އަރައި ފޮނުވާލަން ލިބުނު ބޯޅަތައް ބޭނުންކުރެވުނެވެ. އަދި، އޭރިއާތެރެއިން އީތަން ޖެހި ޝޮޓެއް ވެސް ވަނީ ބްލޮކްވެފަ އެވެ.
ރާއްޖޭން ދެ ވަނަ ހާފުގައި ކުޅެން ނުކުތީ އައިދުގެ ބަދަލުގައި، ޔޫސުފް އަޔާން އާމިރު ކުޅެން އަރުވައިގެންނެވެ. ދެ ވަނަ ހާފުގެ ފުރަތަމަ އެޓޭކުގައި ވެސް އަޔާން މުހިންމު ރޯލެއް އަދާކުރި އެވެ. އެ ގޮތުން، އަޔާން އަށް ކުރި ފައުލަކަށް ދިން ޖެހުމަކުން، އަހުޒަމް ރަޝީދު (އަހު) ނަގައިދިން ބޯޅަ ބޫޓާން ކީޕަރު، ޓަންޖިން ޕެންޖޯ އަތުގައި ޖެހިފައި ރީބައުންސަކުން އަޔާން އަށް ލިބުނު ބޯޅަ ފޮނުވާލި ނަމަވެސް ކީޕަރު ޕެންޖޯ ވަނީ އަތަށް ބޯޅަ ނަގައިފަ އެވެ.
ބޫޓާން ދެ ޑިފެންޑަރުން ކައިިރިން ދެމިގަތުމަށް ފަހު، އޭރިއާތެރެއަށް ބޯޅަ ހިފައިގެންދާން އިލާން މަސައްކަތްކުރި ވަގުުތު ބޫޓާން ޑިފެންޑަރުން ކުރި ފައުލަކަށް ދިން ހިލޭ ޖެހުމަކުން އީތަން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
އެޓޭކަށް ޖެހިގެން ކުޅެން ލިބުނު ފުރުސަތުތަކުގައި، ބޫޓާންގެ ކެޕްޓަން، ރިންޒިން ޑޯޖީ އަށް ލިބުނު ފުރުސަތުތަކުގައި އެ ޓީމުން ނުރައްކާ ކުރަން މަސައްކަތް ކުރި ނަމަވެސް ރާއްޖޭގެ ފަހަތުގައި ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ، މުހައްމަދު ޝަމްހާން ވަނީ އެ ބޯޅަތައް ހުއްޓުވައިފަ އެވެ.
މެޗުގެ 88 ވަނަ މިނިޓްގައި ބޫޓާންގެ ސޯނަމް ޑޯޖީ ފޮނުވާލި ބޯޅައެއް ހުރަސްދަނޑިއަށް ވަނީ އަމާޒުވެފަ އެވެ. އަދި، އިތުރު ވަގުތުގެ އަށް މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓްގައި ރާއްޖޭގެ އަހު އޭރިއާބޭރުން ޖެހި ބޯޅަ ކީޕަރު ޕެންޖޯ ވަނީ މަތަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ