ރާއްޖެ އާއި ބޫޓާން އެއްވަރުވެ ސެމީގެ ފަހު ޖާގަ ހޯދަން ތިން ޓީމަށް ވެސް ފުރުސަތު

ދެ ޓީމަށް ދެ ހާފުގައި ލިބުނު މަދު ހުސް ފުރުސަތުތަކުގެ ބޭނުން ނުހިފި، ރާއްޖެ އާއި ބޫޓާން ލަނޑެއް ނުޖެހި މިރޭ އެއްވަރުވެ، ގްރޫޕް އެކަކުން ސެމީގެ ވަނަ ޖާގައަށް ތިން ޓީމެއް އިންތިޒާރުކުރަން ޖެހިއްޖެ އެވެ.
މިރޭގެ ނަތީޖާ ނުކުތް ގޮތުން ނޭޕާލު މިހާރު ވަނީ ހަ ޕޮއިންޓް ލިބިގެން ސެމީގެ ޖާގަ ކަށަވަރުކޮށްފަ އެވެ. މިއަދު ހަވީރު ކުޅުނު މެޗުގައި ސްރީ ލަންކާ 1-0 އިން ބަލިކޮށް، ފުރަތަމަ މެޗުގައި ބޫޓާން އަތުން 2-1 އިން މޮޅުވެފައި ވުމާ އެކު ނޭޕާލު ކަޓާނެ ގޮތެއް މިހާރު ނެތެވެ.
ލަންކާ މިހާރު އޮތީ ރާއްޖޭގެ މެޗުން މޮޅުވެގެން ލިބުނު ތިން ޕޮއިންޓާ އެކު ދެވަނައިގަ އެވެ. ރާއްޖެ އާއި ބޫޓާނަށް ދެ މެޗުން ޕޮއިންޓެކެވެ. އެހެންކަމުން ގްރޫޕް އޭގެ ސެމީގެ ދެވަނަ ޖާގަ އެނގޭނީ އަންނަ ހުކުރު ދުވަހުގެ މެޗުތަކުގެ ނަތީޖާ އިންނެވެ.
ހުކުރު ދުވަހު ހަވީރު ރާއްޖެ ނުކުންނާނި އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލާ ދެކޮޅަށެވެ. ލަންކާ އާއި ބޫޓާން ވާދަކުރުން އޮތީ ރޭގަނޑެވެ.
މިރޭގެ މުޅި މެޗުގެ ފޯރިއަށް ވުރެ ފަހު މިނިޓްކޮޅުގެ ފޯރި ގަދަވި އެވެ. އޭގެ ތެރޭގައި 88 ވަނަ މިނިޓްގައި ނޭޕާލުގެ ސޯނަމް ޑޮރްޖީ ފޮނުވާލަ ބޯލަ ރައްޖޭގެ ގޯލު ހުރަސް ދަނޑީގައި ޖެހުމާއި، ރާއްޖޭގެ ކެޕްޓަން މުހައްމަދު އިލާން އިމްރާނަށް، އަހުޒަމް ރަޝީދު ދިން ބޯޅަ ހުހަށް ގޮސް ނޭޕާލުގެ ކީޕަރު ޓަންޑިން ޓުޝެވެންގް ކައިރިން ނައްޓާލަން އުޅުމުން ސަލާމަތްކުރުން ހިމެނެ އެވެ.
އޭގެ ކުޑަ އިރުކޮޅެއް ކުރިން ނޭޕާލުގެ ޕެނެލްޓި އޭރިޔާގެ ކުރިމަތިން އަހުޒަމް ފޮނުވާލި ބާރު ހަމަލާ ވެސް ޓުޝެވެންގް ދިފާއުކުރި އެވެ.
ފުރަތަމަ ހާފުގައި އެންމެ ހުސް ފުރުސަތު ލިބުނީ، ލަންކާ މެޗުގައި ރާއްޖެއަށް ދެ ލަނޑު ޖަހައިދިން އިލާންއަށެވެ. މެޗުގެ 25 ވަނަ މިނިޓްގައި އީތަން ހުރަސްކޮށްލި ބޯޅަ ޕެނެލްޓީ އޭރިިޔާ ތެރެއިން އައިދު މުހައްމަދު ޖަވީޒް ހުސްކޮށްލާފައި ދިނީ ގޯލުގެ ކުރިމަތީގައި ކަހަލަ ގޮތަށް ހުރި އިލާންއަށެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
އޭގެ 10 މިނިޓް ކުރިން އިލާންްއަށް ޕެލެންޓީ އޭރިޔާގެ ބޭރު އަރިމަތިން ލިބުނު ބޯޅަ، ބޫޓާންގެ ކީޕަރު ޓުޝެވެންގް ބޭރަށް ނުކުމެފައި ހުއްޓާ ފޮނުވާލެވުނީ ވެސް މާ މަތިންނެވެ.
ނޭޕާލު، ކުޅުނު 2، ޕޮއިންޓް 6
ސްރީ ލަންކާ، ކުޅުނު 2، ޕޮއިންޓް 3
ރާއްޖެ، ކުޅުނު 2، ޕޮއިންޓް 1
ބޫޓާން، ކުޅުނު 2، ޕޮއިންޓް 1
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ