ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން ބައެއް ކުންފުނިތަކަށް އަންގައިފިން: ޒަމީރު

މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަަބަބުން ކުރިމަތިވަމުންދާ އިގްތިސާދީ ގޮންޖެހުންތަކާ ގުޅިގެން ސަރުކާރު ބައެއް ކުންފުނިތަކުން މުވައްޒަފުން ނެގުން މަޑުޖައްސާލަން މިހާރު އަންގަވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖެއަށް އިގްތިސާދީ ގިނަ ހުރަސްތަކެއް ބޯމަތީގައި އޮއްވާ އެކަންކަމަށް ބެލުމެއް ނެތި، ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރާއި ސަރުކާރުގެ އެކި ކުންފުނިތަކުގެ އެކި ވަޒީފާތަކަށް މީހުން ނަގާތީ، ބައެއް އާންމު ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒު ކުރަމުންނެވެ. އަދި މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ މޫސާ ޒަމީރާ އެ ފާޑުކިޔުންތަކާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.
ތަފްސީލު - އެ ސުވާލަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ، ކޮންމެހެން ނަގަން ޖެހިގެން ނޫނީ އާ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސަމުން އަންނަ ކަމަށެވެ. އަދި އެގޮތުގެ މަތިން މިއަދު ވެސް ބައެއް ކުންފުނިތަކަށް މުވައްޒަފުން ނެގުން މަޑުޖައްސާލަން އަންގަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަށާފައި ހުރި ޕްރޮޖެކްތްތަކަށް ނޫން ކަމުގައިވާ ނަމަ، ނުވަތަ ހިނގަމުންދާ ކަމަކަށް ނޫނީ ސަރުކާރު ހިންގުމަށްޓަކައި ބޭނުންވާ ބަޔަކު ނަގަން ޖެހިދާނެ. އެކަމަކު މިހާރު އަޅުގަނޑުމެން ވަރަށް ބޮޑަށް ރެސްޓްރިކްޓް ކުރަމުން މިދަނީ. މިއަދު ވެސް ބައެއް ޕްރޮޖެކްޓްތަކަށް ބައެއް ވަޒީފާތަކަށް މީހުން ނަގަން ބޭނުން ވެގެން ބައެއް ކުންފުނިތަކުން ގުޅީމާ ވެސް އަޅުގަނޑު ބުނިން، އިހަށް މަޑު ކުރާށޭ، އިހަށް މަޑު ކުރާށޭ،" މޫސާ ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މާލީ ހުރަސްތަކުގެ ސަބަބުން ރައީސް މުހައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދަކީ ވެސް އެެއީ ކަމަށެވެ. އަދި އެހެންވެ، މިވަގުތަކީ އާ މުވައްޒަފުން ނެގުން އެންމެ ރަނގަޅު ވަގުތު ނޫންކަން ކުންފުނިތަކުގެ ވެރިންނަށް ދެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަސް ފެށުނު ފަހުން ކިހާ އަދަދެއްގެ މުވައްޒަފުން ސަރުކާރުގެ މަގާމުތަކަށް ނަގާފައިވޭތޯ ވެސް ނޫސްވެރިޔާ ސުވާލު ކުރި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ މައުލޫމާތަކީ އެ މިނިސްޓްރީން "އިއުލާން ކުރާ ޑޭޓާތަކެއް ނޫން" ކަމަށެވެ. އަދި މައުލޫމާތު ރައީސް އޮފީސް މެދުވެރިކޮށް ހޯދުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ