މުއިއްޒުގެ ދިފާއުގައި ކޮންޓްރޯލް ކޮމިޝަނުން ބަޔާނެއް ނެރެފި މުއިއްޒުގެ ދިފާއުގައި ކޮންޓްރޯލް ކޮމިޝަނުން ބަޔާނެއް ނެރެފި

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލައި، އަަމަން ގާއިމް ކުރަން ވަކާލާތު ކުރެއްވުމުގެ ބަދަލުގައި އިރާނުން އިޒްރޭލާއި އެމެރިކާއަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކުރަން ހިތްވަރު ލިބޭ ގޮތަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތައް ރިޕޯޓުކޮށްފައި ވަނިކޮށް، މުއިއްޒުގެ ދިފާއުގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން ބަޔާނެއް ނެރެފި އެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަރަބި ގައުމުތަކުގައި އެމެރިކާއިން ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭން ހިތްވަރު ދެއްވައި މުއިއްޒު ސުވާލަކަށް ޖަވާބު ދެއްވި އެވެ. އަދި އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަނީ އިރާނުން އިޒްރޭލަށް "ރެއާއި ދުވާލު" ހަމަލާދޭން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކުއްލި ގޮތަކަށް މިއަދު ކޮންޓްރޯލް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ޒިންމާދާރުކަމާއެކު ނޫސްވެރިންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ހަބަރު ފެތުރުމަށް އިލްތިމާސްކޮށްފަ އެވެ.
އެ ކޮމިޝަނުން ވަނީ ހަބަރާއި މައުލޫމާތު ފެތުރުމުގައި ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެދިފަ އެވެ. އަދި ވާހަކައިގެ މަފްހޫމު ނުގެއްލޭ ގޮތަށް މައުލޫމާތު ގެނެސްދޭން ވަނީ އެދިފަ އެވެ.
ކޮންޓްރޯލް ކޮމިޝަނުން އެކުލަވާލި ސުލޫކީ މިންގަނޑުގައި ވެސް ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ މާއްދާ އޮތީ ނުރައްކާތެރި ގޮތަކަށެެވެ. އޭގައި ބުނަނީ ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން، މައުލޫމާތު ހާމަކުރަން ވާނީ ކަމާބެހޭ އިދާރާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.
"'އަސްލާ އެއްގޮތް މެނިޕިއުލޭޓް ކޮށްފައިވާ އަދި ފެބްރިކޭޓް ކޮށްފައިވާ ފޮޓޯއާއި އޯޑިއޯ ވީޑިއޯ، ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ބޭނުން ނުކުރުން' މި މައްދާތަކުގައި ބަޔާންކުރާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައި މީޑިއާތަކުން އެ ފަރާތްތަކުގެ ފަރުދީ ޒިންމާ، ޒިންމާދާރުކަމާއެކު އަދާކުރުމަށް މީޑިއާތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން މި ދަނޑިވަޅުގައި ދިވެހި އެންމެހާ ނޫސްވެރިންނަށް ހަނދާންކޮށްދެން،" ކޮންޓްރޯލް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"އެއްވެސް ވަރަކަށް ފުރުސަތެއް ނުދޭނަން އިސްލާމީ ގައުމަކާ ދެކޮޅަށް ދޭ ހަމަލާއަކަށް ޖާގަ ދޭކަށް. އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. އެ ހަނގުރާމަ ޖެހޭނީ މިހާރުން މިހާރަށް ހުއްޓެން. އެ ހަނގުރާމައިގައި ހަމަލާދޭ އެއްވެސް ފަރާތަކުން ދެމުން އެ ދަނީ ދީގެންވާނެ ހަމަލާއެއް ނޫން. އިރާނުން ހަމަލާ ދެންޏާ ދޭން ޖެހޭނީ ސީދާ އިޒްރޭލަށް. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތް. އިޒްރޭލަށް ހަމަ ހަމަލާ ދޭންވީ ހަމަ ރެ އާއި ދުވާލު. އަޅުގަނޑުމެން ވަރަށް ބޭނުން އެކަން އެގޮތަށް ދާން. އެހެނެއް ނޫން މުސްލިމު އަަރަބި ގައުމުތަކަށް ހަމަލާދިނީމައި މުސްލިމުން މަރުވާނީ. މުސްލިމުންގެ ތަންތަން ހަލާކުވާނީ ވެސް. އެހެނެއް ނޫން އިރާނުގެ ހަމަލާތައް އިޒްރޭލަށް އަދި މި ހަނގުރާމަ ކުރާ، އިރާނަށް ހަމަލާ ދޭ ދެ ފަރާތަށް، އެމެރިކާ އާއި އިޒްރޭލުގެ އެ ތަންތަނަށް، އެ ސަރަހައްދުގެ މުސްލިމުންނަށް ގެއްލުން ނުވާ ގޮތަށް އެކަން ހިނގުމަކީ ކަން ނޭނގެ މިކަން ވާން ޖެހޭނެ ގޮތަކީ. އެއީ އަޅުގަނޑު ހިތުން ދިވެހި ސަރުކާރުގެ ސިޔާސަތަކީ. އެހެންވީމާ އެއްގޮތަކަށް ވެސް ފުރުސަތު ނުދޭނަން، ރާއްޖެ ބޭނުންކުރަން، އެއީ މިލިޓަރީ އެއާކްރާފްޓް އެކަންޏެއް ނޫން، ޑިޕްލޮމެޓިކަލީ ވިޔަސް، އަދި އެހެން ކަހަލަ އިންތިޒާމީ ކަމެއްގެ ގޮތުން ވިޔަސް ރާއްޖެ ބޭނުންކުރުމުގެ ފުރުސަތު ނުލިބޭނެ މި ހަނގުރާމައަކަށް."
އެމެރިކާއަށް ހަމަލާދޭން ރައީސް ހިތްވަރު ދެއްވީ އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕު ފޮނުއްވި މަންދޫބަކު ރާއްޖޭގައި ހުންނަވަނިކޮށެވެ. އެންމެ ފަހުން އޭނާ ފުރާވަޑައިގަތީ މުއިއްޒާއެކު ބައްދަލުވުމެއް ހަމަޖެއްސުމަށްފަހު އެ ބައްދަލުވުން ކެންސަލްކުރައްވާފަ އެވެ.
މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ގޮތަށް އެ ހަބަރު ރިޕޯޓުކުރުމުން ކުރިމަތިވަމުންދާ ފާޑުކިޔުންތަކާއި ޕްރެޝަރާ ހެދި ކޮންޓްރޯލް ކޮމިޝަނުން މި ބަޔާން ނެރެފައި މިވަނީ މުއިއްޒުގެ ދިފާއުގައި ކަމަށް ބެލެވެ އެވެ.
މިނިވަން މީޑިއާ ނެތިކޮށްލުމަށް ފާސްކުރި ގާނޫނުގެ ދަށުން އުފައްދާފައިވާ ކޮންޓްރޯލް ކޮމިޝަނުން އެކުލަވާލާފައިވާ ސުލޫކީ މިންގަނޑަކީ ނޫސްވެރިކަން ރެގިއުލޭޓު ކުރަން އެކުލަވާލި މިންގަނޑެކެވެ. ނަމަވެސް، ރާއްޖޭގެ ނޫސްވެރިން ވަކާލާތުކުރަމުންދިޔައީ ސަރުކާރާއި މަޖިލީހުގެ ނުފޫޒު ނޯންނަ ގޮތަށް ސެލްފް ރެގިއުލޭޓަރީ ނިޒާމެއް ގާއިމުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ