ކައުންސިލް އިންތިޚާބު ގާތުގައި އޮއްވައި އާރްޑީސީ، ފެނަކަ އެމްޓީސީސީއަށް ރަށްތަކެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފި

ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުލުމުގެ ދުވަސް ގާތްވަމުން އަންނަނިކޮށް ޖުމްލަ ފަސް ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތްތައް ބިނާކުރުމާއި، އިތުރުކުރެވޭ ބައިތަކުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ. މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)، ފެނަކަ ކޯޕަރޭޝަން އަދި އެމްޓީސީސީއާއެވެ. ގދ. ހޯޑެއްދޫ ސިއްހީ މަރުކަޒުގެ މަސައްކަތް އާރްޑީސީއަށްގދ. ހޯޑެއްދޫ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ހަވާލުކުރީ އާރްޑީސީއާއެވެ. 8.1 މިލިއަން ރުފިޔާއަށް ހަވާލުކުރި މި މަޝްރޫއުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ ސީއެފްއޯ ރިފާއީ ބުޝްރީއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މި މަޝްރޫއުގެ ދަށުން ނާސް ސްޓޭޝަނަކާއި، ހަތަރު އެނދުގެ ވާޑެއް، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ޕަބްލިކް ހެލްތު ޔުނިޓް އަދި މީޓިން ހޯލެއްގެ އިތުރުން ލޯންޑްރީއާއި ސްޓޯ ރޫމެއް ހިމެނެއެވެ. މާކުރަތާއި ވާދޫގެ ސިއްހީ މަރުކަޒުގެ މަސައްކަތް ފެނަކައަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ ރ. މާކުރަތާއި ރ. ވާދޫ ސިއްހީ މަރުކަޒުގެ އިތުރުކުރެވޭ އިމާރާތުގެ މަސައްކަތްތަކެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑީއެމްޑީ މުހައްމަދު އާރިފެވެ.މާކުރަތު ސިއްހީ މަރުކަޒުގެ މަސައްކަތް 5.1 މިލިއަން ރުފިޔާއަށް 300 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރިއިރު، ވާދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ 5.7 މިލިއަން ރުފިޔާއަށް 365 ދުވަހުގެ ތެރޭގައެވެ. މި ދެ ރަށުގައިވެސް ވޯޑުތަކާއި ލެބޯޓްރީގެ ހިދުމަތް ގާއިމުކުރެވޭނެއެވެ. ކަނޑޫދޫއާއި ހިއްމަފުށީގެ މަސައްކަތް އެމްޓީސީސީއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ތ. ކަނޑޫދޫ އައު ސިއްހީ މަރުކަޒުގެ ނުނިމި ހުރި މަސައްކަތްތަކާއި ކ. ހިއްމަފުށީ ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފާއި އެމްޓީސީސީގެ ޑީއެމްޑީ އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފެވެ. ކަނޑޫދޫގެ މަސައްކަތް 21.8 މިލިއަން ރުފިޔާއަށް ހަވާލުކުރިއިރު، ހިއްމަފުށީގެ މަޝްރޫއު ހަވާލުކުރީ 11.2 މިލިއަން ރުފިޔާއަށެވެ. ހިއްމަފުށީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަނާރާ ނައީމް ބައިވެރިވެވަޑައިގެންނެވިއެވެ. ހިއްމަފުށީގައި އަށް އެނދުގެ ވާޑަކާއި، އެކްސްރޭ ރޫމް އަދި ޕްރައިވެޓް ރޫމްތައް ހިމެނޭހެން ޒަމާނީ ވަސީލަތްތައް ގާއިމުކުރެވޭނެއެވެ. މި މަޝްރޫއުތަކަކީ އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ލިބޭނެ މަގު ތަނަވަސްކުރުމަށް ސިއްހީ ވުޒާރާއިން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެއް ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ