22 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ ބިދޭސީން ޑީޕޯޓް ކޮށްލަނީ
ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް އެކަކުން ބަންގްލަދޭޝްގެ ދެ ރައްޔިތަކު ފުލުހުން އިއްޔެ ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ އެމްޑީ ބިލާލް މިއާ އާއި އުމުރުން 20 އަހަރުގެ އެމްޑީ ޓެންވާ ރަޙްމާން އެންޓޯއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގެ ފެރީ ޓާމިނަލް ކައިރިންނެވެ. ފަހަކަށް އައިސް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބިދޭސީން އިސްވެ ތިބެ ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ޝަކުވާތައް އާންމުންގެ ފަރާތުން ފުލުހުންނަށް ވަނީ ލިބިފައެވެ. ފުލުހުން ބުނިގޮތުގައި، ހުޅުމާލެ ފޭސް އެކެއްގެ މަގުމަތި ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންނަށް މި ދެ މީހުންގެ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން އެ މީހުން ހުއްޓުވައި ބަލައިފާސްކުރީއެވެ. މިގޮތުން އެ މީހުން ގެންގުޅުނު ދަބަސްތައް ފާސްކުރިއިރު، އޭގެ ތެރެއިން 22 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ބަނގުރަލާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބިދޭސީންގެ ނިސްބަތް ވަނީ ވަރަށް އިތުރުވެފައެވެ. މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންނާ ގުޅޭގޮތުން ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެ މީހުން ރާއްޖެއިން ޑީޕޯޓްކުރުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. ބިދޭސީން ހިންގާ މިފަދަ ކުށްތައް ހުއްޓުވުމަށް ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާއިރު، ކުށުގެ ވެށީގައި އުޅޭ ބިދޭސީން ވަގުތުން ޑީޕޯޓްކުރުމުގެ ސިޔާސަތެއް އިމިގްރޭޝަނުން ދަނީ ތަންފީޒުކުރަމުންނެވެ. މިގޮތުން ފާއިތުވި މަސްތަކުގައިވެސް ބަނގުރަލާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ