ޞަހްޔޫނީން ރުއްސުމަށް އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަޝްވަރާތައް ހަލުއިކޮށްގެން އެއްބަސްވުމެއްގައި ސޮއިނުކުރައްވާނެ ކަމުގައި ވިދާޅުވެ، އީރާނާއެކު ކުރަމުންދާ މަޝްވަރާތައް އަވަސްނުކުރުމަށް އެމެރިކާގެ މަންދޫބުންނަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިފިއެވެ. އޭނާ މި މޭރުމުން ވިދާޅުވުމާއެކު، އީރާނާއެކު އެމެރިކާއިން އެއްބަސްވުމެއް އެކުލަވައިލި ނަމަވެސް، ލުބްނާންގެ ރައްޔިތުންނަށް ޙަމަލާދިނުމުގެ މިިނިވަންކަން ޔަހޫދީންނަށް ލިބިގެންވާ ކަމުގައި ޔަހޫދީ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވަނީ ބުނެފައެވެ.
ފުރިހަމަ އެއްބަސްވުމެއްގައި އެކުލަވައިލެވެންދެން ހުރްމުޒް ކަނޑުއޮޅިއާއި އީރާންގެ ބަނދަރުތަކުގެ ޙިޞާރު ދަމަހައްޓަވާނެ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ. ޔަހޫދީ ދައުލަތުގެ މަޞްދަރަކުން ބުނީ، ޓްރަމްޕާއި ނަތަންޔާހޫއާ ދެމެދު ދާދިފަހުން ފޯނުން ގުޅައި ދެއްކި ވާހަކަތަކުގައި، ލުބްނާނަށް ޙަމަލާދިނުމުގެ މިނިވަންކަން ޔަހޫދީ ފައުޖަށް ދޫކޮށްދިނުމަށް ޓްރަމްޕްގެ އަރިހުން ނަތަންޔާހޫ އެދިފައިވާ ކަމުގައެވެ. އަދި، ޓްރަމްޕް އެ ކަމަށް އެއްބަސްވެވަޑައިގަންނަވައި، ތާޢީދުކުރައްވާފައިވާ ކަމުގައެވެ. އަދި، އިރާނާއެކު އެކުލަވައިލާ އެއްބަސްވުމެއްގެ ދަށުން އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމު ނިމުމަކަށް ގެނެސް، މުއްސަނދިކޮށްފައިވާ ޔުރޭނިޔަމް އަތުލައްވާނެކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވާފައިވާ ކަމުގައި ވެސް ޔަހޫދީ މަޞްދަރުން ބުންޏެވެ.
ޕާކިސްތާނުން މެދުވެރިވެގެން ކުރަމުންދާ މަޝްވަރާތަކުގައި، ހުރްމުޒް ކަނޑުއޮޅި ހުޅުވައިލުމަށް ތެހްރާނުން އެއްބަސްވެފައިވާ ކަމުގައި އެމެރިކާގެ މަޞްދަރުތަކުން ބުންޏެވެ. އަދި، ބަދަލުގައި އީރާންގެ ބަނދަރުތައް ޙިޞާރުކުރުން ހުއްޓައިލުމަށް ވޮޝިންގޓަނުން ވެސް ވަނީ އެއްބަސްވެފައެވެ. މި ވަގުތު ދެބަސްވުންތައް އުފެދިފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ހުޅަނގުން ފްރީޒްކޮށްފައިވާ ނުވަތަ ހިފަހައްޓާފައިވާ އީރާންގެ މުދަލާއި ފައިސާ ދޫކޮށްލުމުގެ މައްސަލައެވެ. ވޮޝިންގޓަނުން އެ ކަމަށް އިންކާރުކުރަމުންދާ ކަމުގައި އީރާންގެ ތަސްނީމް ނޫސް އޭޖެންސީން ރިޕޯޓުކުރިއެވެ.
އަދި، ފުރިހަމަ އެއްބަސްވުމެއް އެކުލަވައިލުމަށް 60 ދުވަހުގެ މުހުލަތަކަށް އިތުރު މަޝްްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދިޔުމަށް ދެ ފަރާތުން ރުހިފައިވާ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ. އީރާންގެ އިސް މުރުޝިދު އާޔަތުالله ސައްޔިދް މުޖްތަބާ ޙުސައިނީ ޚާމަނާޢީ މި އޮނިގަނޑަށް ރުހުން ދެއްވާފައިވާ ކަމުގައި އެމެރިކާ ސަރުކާރުގެ އޮފިޝަލުން ބުނި ނަމަވެސް ތެހްރާނުން މި ކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނެތެވެ. ނަމަވެސް، މި މަޝްވަރާތަކަށް އެމެރިކާ ސަރުކާރާ ދެކޮޅު ފަރާތްތަކުގެ ނުރުހުމާއި ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ.
އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެޔޯ ވިދާޅުވީ، ޓްރަމްޕްގެ ސަރުކާރުން މިހާރު އެކުލަވައިލުމަށް މަސައްކަތް ކުރަމުންދާ އެއްބަސްވުމަކީ ކުރިން އީރާނާއެކު އަމަލުކުރަމުންދިޔަ އެއްބަސްވުމާ އަޅައިބަލާއިރު، އައު ކަންތައްތަކެއް އަދި އެއްވެސް ކުރިއެރުމެއް ނެތް އެއްބަސްވުމެއް ކަމުގައެވެ. 2015 ވަނަ އަހަރު ކުރީގެ ރައީސް ބަރާކް އޮބާމާގެ ސަރުކާރުން އީރާނާއެކު ވެފައިވާ އެއްބަސްވުން 2018 ވަނަ އަހަރު އުވައިލެއްވީ ޓްރަމްޕް، އޭނާގެ ރިޔާސަތުގެ ފުރަތަމަ ދައުރުގައެވެ. ޕޮމްޕެޔޯގެ އިތުރުން ޤާނޫނު ހަދާ މަޖިލީހުގައި ޑިމޮކްރެޓިކް ޕާޓީ ތަމްސީލުކުރައްވާ މެންބަރުން ވިދާޅުވީ، އެ އެއްބަސްވުމާ އަޅައިބަލާއިރު، ޓްރަމްޕްގެ ހުށަހެޅުއްވުންތަކުގައި އައު ކަންތައްތަކެއް ނުވަތަ ކުރިއެރުންތަކެއް ހިމެނިފައި ނެތް ކަމުގައެވެ.
އަވަސްކޮށްގެން އީރާނާއެކު އެއްބަސްވުމެއް ނަހަދާނަން: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ