ޗެއާޕާސަން އިންތިހާބުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރި މެމްބަރެއް، އެ ކެންޑިޑޭޓު ބަލިވާ ހާލަތުގައި ޕާޓީގެ ކަންކަމުގައި ދުރުގައި ހުންނަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ޕާޓީ ބައިބައިކުރުމަށް ދައްކަމުންދާ ވާހަކަތަކަށް، މީކާއިލް ވަނީ ރައްދު ދެއްވާފަ އެވެ. މީކާއިލް އާންމު ކުރި މެސެޖުގައި ވިދާޅުވީ އިންތިހާބުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރާ މެންބަރުން ޕާޓީގެ ހަރަކާތްތަކުން އެކަހެރިވާން ޖެހޭނެކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ބިރު ދެއްކުމުގެ މެސެޖުތައް އާންމު ކުރަމުންދާކަމަށެވެ.
ޗެއާޕާސަން އިންތިހާބަށް ފަހު ނާކާމިޔާބުވާ ކެންޑިޑޭޓެއްގެ ޓީމުތައް އެކުގައި ކުރިޔަށް ދިއުމަށް އެދިވަޑައިގެން ރައީސް ނަޝީދު ވަނީ މަސްލަހަތަށްޓަކައި އެބޭފުޅުން ތިބެން ޖެހޭނީ ދުރުގައިކަމަށް ވިދާޅުވެފަ އެވެ. ގައުމީ މަޖިލީހަށް ރައީސް ނަޝީދު ފޮނުވި އެ މެސެޖުގެ ސްކްރީންޝޮޓުތައް އާންމުކޮށް ބައެއް ފަރާތްތަކުން ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
މިކަމާއި ގުޅޭގޮތުން އާންމު ކުރި ވީޑިއޯ މެސެޖުގައި މީކާއިލް ވިދާޅުވީ އޭނާގެ ލީޑަޝިޕެއްގައި އެއްވެސް މެންބަރަކު ނުވަތަ އިންތިހާބީ މަގާމެއްގައި ހުންނެވި ބޭފުޅަކުވެސް ބާކީ ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ. އަދި ވިދާޅުވީ އިންތިހާބުގެ ކޮންމެ ކެންޑިޑޭޓަކަށް ތާއިދު ކުރާ މެމްބަރަކަށް ވެސް ޕާޓީގެ ތެރޭގައި ޖާގަ އޮންނާނެ ކަމަށެވެ.
އިންތި އިތުރަށް ގޮތުގައި، އިންތިހާބުގެ ވާދަވެރިކަމުގައި ކޮންމެ ފަރާތަކަށް ތާއީދު ކުރި ނަމަވެސް، ކުރިމަގުގައި ޕާޓީގެ ތެރެއިން ކުރިއަށް ދިއުމުގެ ހަމަހަމަ ފުރުސަތު ކޮންމެ މެންބަރަކަށްމެ އޮންނާނެއެވެ.
މީކާއީލް ވިދާޅުވީ އޭނާގެ އަމާޒަކީ ވަކި ފެކްޝަނަކަށް އިސްކަންދިނުމުގެ ބަދަލުގައި، އެމްޑީޕީއަކީ ހުރިހާ މެންބަރުންގެ ބައިވެރިވުން އޮންނަ ”އިންކްލޫސިވް“ ޕާޓީއަކަށް ހެދުން ކަމަށެވެ. އަދި ބަދަލުހިފުމުގެ ރޫހު ނައްތާލައި، ޑިމޮކްރެޓިކް އުސޫލުތަކުގެ މަތީގައި ޕާޓީ އެއްބައިވަންތަ ކުރުމަކީ އޭނާގެ އެންމެ ބޮޑު އިސްކަންދޭ ކަންތަކުގެ ގޮތުގައި ވިދާޅުވި އެވެ.
ބަލިވާ ކެންޑިޑޭޓުގެ ފަހަތުގައި ތިބޭ ބަޔަކު، ޕާޓީގެ ކަންކަމާ ދުރުގައި ތިބެން ޖެހޭ ސަބަބެއް ނެތް: މީކާއިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ