ިހިތަދޫ އުތުރު ބައި އިލެކްޝަން: 4،120 މީހުން ވޯޓަށް ޝަރުތު ހަމަވޭ

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާ މެންބަރުކަމުގެ ބައި-އިލެކްޝަންގައި ވޯޓުލާން ޝަރުތު ހަމަވާ މީހުންގެ ލިސްޓު، އިލެކްޝަންސް ކޮމިޝަނުން މިއަދު އާއްމުކޮށްފި އެވެ.
ވީ ކިހިނެއް؟- ގެޒެޓުގައި އާއްމުކުރި އެ ލިސްޓުން އެނގޭ ގޮތުގައި މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު، 4،120 މީހުންނަށް ލިބެ އެވެ. އައްޑު އާއި މާލޭގައި ބަހައްޓާ ހަތް ފޮއްޓަށް ވޯޓުލެވޭ މީހުންގެ މައުލޫމާތު މިހާރު ވަނީ އާއްމުކޮށްފަ އެވެ.
އިންތިހާބު އޮންނާނީ 6 ޖޫންގަ އެވެ.
ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮވެގެން ހުސްވި އެ ގޮނޑީގެ ބައި-އިލެކްޝަނުގައި ވާދަކުރައްވަނީ އައްޑޫގެ ކުރީ މޭޔަރު އެމްޑީޕީން އަބްދުﷲ ސޯދިގާއި ޕީއެންސީގެ އަހުމަދު ސައީދެވެ. 
އެމްޑީޕީގެ ފަރާތުން އިތުރު ކެންޑިޑޭޓަކު ވާދަނުކުރައްވާތީ ސޯދިގަށް އެ ޓިކެޓު ލިބިވަޑައިގަތީ ޕްރައިމަރީއަކާ ނުލަ އެވެ.
ބައި އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވަން ޕީއެންސީއިން ބޭއްވި ޕްރައިމަރީގައި ސައީދު ވާދަކުރައްވި އެވެ. ނަމަވެސް އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލުނު ސިނާނެވެ.
ސައީދަށް ޓިކެޓު ލިބިވަޑައިގަތީ ޕްރައިމަރީއަށް ފަހު ބައި އިލެކްޝަންގައި ވާދަނުކުރައްވަން ސިނާން ނިންމެވުމުންނާއި އިތުރު ޕްރައިމަރީއެއް ބާއްވަން ވަގުތު ނެތުމާ އެކު ޕީއެންސީއިން އެގޮތަށް ނިންމުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ