ދެކުނު އޭޝިއާގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް އަންނަ ނޮވެމްބަރު މަހު ކުޅޭ ގޮތަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ނިންމާފައިވާ ކަމަށް އިންޑިއާގެ ޓައިމްސް އޮފް އިންޑިއާ (ޓީއޯއައި) އިން ރިޕޯޓްކޮށްފި އެވެ.
ސާފް އިން އޮތީ މި އަހަރުގެ ސެޕްޓެމްބަރު މަހު 21 އިން އޮކްޓޫބަރު މަހު ހަ ވަނަ ދުވަހުގެ ނިޔަލަށް ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގައި ހޯސްޓްކުރުމަށް ކުރަން ޖެހޭ ގިނަ ކަންކަން ނިންމައިފަ އެެވެ. އެހެން ނަމަވެސް، ސާފް ޗެމްޕިއަންޝިޕް އޮންނަ މުއްދަތުގައި، އިންޑިއާ އިން މި ވަނީ، އިންޑޮނޭޝިއާ އާއި ހޮންގް ކޮންގްގައި ކުރިއަށްދާ ފީފާ އާސިއާން ކަޕްގައި ކުޅެން ނިންމާފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.
ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސާފް އިން މިހާރު ނިންމާފައިވަނީ ނޮވެމްބަރު މަހުގެ ފީފާ ބްރޭކުގެ ތެރޭގައި ސާފް ޗެމްޕިއަންޝިޕް ކުރިއަށްގެންދިއުމަށެވެ. އެއީ، ނޮވެމްބަރު 9-17 އަށް ފައްތައިގެން ކުރިއަށްދާ ގޮތަށެވެ. އެ ގޮތުން، ހަތް ގައުމު ވާދަކުރާ މި މުބާރާތް ސީދާ އެ ދުވަސްވަރު ނުބޭއްވޭނެތީވެ، ސާފްގެ ވިސްނުމަކީ ފީފާ ބްރޭކު ފެށުގެ ދެ ދުވަހެއް ވަރު ކުރިން މުބާރާތް ފެށުމަށެވެ.
ސާފްގެ ޖެނެރަލް ސެކްރެޓަރީ، ޕްރުޝޮތަމް ކަޓޭލް ވިދާޅުވީ، އިންޑިއާ އިން އާސިއާން ކަޕް ކުޅެން ނިންމުމުން، ސާފް ޗެމްޕިއަންޝިޕް ބާއްވާނެ މުއްދަތު ފަސްކުރަން ނިންމީ އިންޑިއާގެ ސީނިއާ ޓީމު ސާފް ކުޅުމަކީ މި މުބާރާތަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކޭތީ ކަމަށެވެ.
"އިންޑިއާ ކަހަލަ ގައުމެއްގެ އެ ހައިބަތު އޮތުމާ އެކު، ސާފް އަށް ވަރަށް މުހިންމު އިންޑިއާ އަށް ކުޅެވޭނެ ދުވަސްވަރަކަށް މިކަން ކުރުން. އަހަރެމެން ޖުމްލަ އެކު ސާފްގެ ހަތް ގައުމާ ވާހަކަ ދައްކައިގެން، އެންމެންގެ ރުހުން ހޯދައިފިން، ނޮވެމްބަރު މަހުގައި ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގައި ކުޅޭ ގޮތަށް،" ކަޓޭލް ވިދާޅުވި އެވެ.
ކުރިން އޮތް ތާރީހުގައި، ސެޕްޓެމްބަރާއި އޮކްޓޫބަރުގައި އިންޑިއާެގެ 23 އަހަރުން ދަށުގެ ޓީމާ އެކު، ސާފް ޗެމްޕިއަންޝިޕް ކުރިއަށްގެންދިއުމަކީ ސާފް އަށް އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ކަޓޭލް ވަނީ ބުނެފަ އެވެ.
އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބާއްވާފައިވަނީ، 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގަ އެވެ. އެ ފަހަރުގެ މުބާރާތް ކުރިއަށްދިޔައީ، ދައުވަތު ދީގެން ލެބަނަން އާއި ކުވެއިތު ވެސް ހިމަނައިގެންނެވެ. އެ ފަހަރުގެ މުބާރާތުގައި ސަސްޕެންޝަނުގެ ސަބަބުން ސްރީ ލަންކާ ނުކުޅެ އެވެ.
ބަންގްލަދޭޝްގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރާއިރު، މި މުބާާރާތް އެ ގައުމުގައި މި ހޯސްޓްކުރަނީ، އަށް އަހަރަށް ފަހު އެވެ. އެންމެ ފަހުން، ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަަނަ އަހަރު އެވެ. ބަންގްލަދޭޝް އިން ވަނީ 2003 ވަނަ އަހަރާއި 2009 ވަނަ އަހަރުގައި ވެސް ސާފް ޗެމްޕިއަންޝިޕް ހޯސްޓްކޮށްފަ އެވެ. އެ ގޮތުން، 2003 ވަނަ އަހަރު ރާއްޖޭން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުން ބަލިވިއިރު، 2009 ވަނަ އަހަރު އިންޑިއާ އަތުން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަލިވި އެވެ. އަދި، 2018 ވަނަ އަހަރު ފައިނަލުގައި އިންޑިއާ ބަލިކޮށް ރާއްޖޭން ޗެމްޕިއަންކަން ހޯދި އެވެ.
ސާފް ޗެމްޕިއަންޝިޕް އޮންނާނީ ނޮވެމްބަރު މަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ