މަސްވެރިންނަށް ހެޔޮ އަގުގައި 2.5 މިލިޔަން ލީޓަރުގެ ތެޔޮ ދޫކޮށްފި

މަސްވެރިންނަށް ހެޔޮ އަގުގައި 2.5 މިލިޔަން ލީޓަރުގެ ތެޔޮ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހަނގުރާމައިގެ ދަތިކާ އެކު ވެސް މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ބޮޑު ނުކުރަން ސަރުކާރުން އޮތީ ނިންމާފަ އެވެ. އެކަމަށްޓަކައި، ނުވަ ސަރަހައްދަކުން ހެޔޮ އަގުގައި ތެެޔޮ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
ތަފްސީލް - މެދު އިރުމަތީ ހަނގުރާމައާ ގުޅިގެން ކުރިމަތިވެދާނެ ދަތިތައް ހައްލުކޮށް، ފިޔަވަޅުތައް އެޅުމަށް ރައީސް މުހައްމަދު މުއިއްޒު އުފައްދަވައިފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން، ތެލަށް ކުރަންޖެހޭ ހަރަދު މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގައި ވެސް އިތުރުވެފައިވާ ކަމަށެވެ. 
އެކަމަކު މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ތެޔޮ ވިއްކާ އަގަށް ދީފައިވާ ލުޔާ އެކު، މަސްވެރިންނަށް ތެޔޮ ލިބުމުގައި މާބޮޑު ދަތިކަމެއްނެތި މަސްކަނޑުތަކަށް ނިކުމެވޭވަރުވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އެގޮތުން، ފެބްރުއަރީ މަހުން ފެށިގެން މިއަދާ ހަމަޔަށް، 1،832 ދޯންޏަކަށް 2.5 ލީޓަރުގެ ތެޔޮ ހެޔޮ އަގުގައި ފޯރުކޮށްދީފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވިގޮތުގައި:
އެސްޓީއޯގެ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާއިރު އެކަމުގައި ކޮންމެވެސް ވަރެއްގެ ލަސްކަމެއް އަދި ދަތިތަކެއް އެބަހުރި 
ކުރިއަށް އޮތްތަނުގައި އެކަން ހައްލުކުރަން ވަރަށް ބޮޑު އިސްކަމެއްދީގެން މަސައްކަތްތަކެއް ކުރަމުން އެބަދޭ 
މަސްވެރިންނަށް ވިއްކާ ތެޔޮ އެސްޓީއޯ މެދުވެރިކޮށް ފޯރުކޮށްދިނުމަކީ މަސްވެރިންގެ ވަރަށް ބޮޑު އެދުމެއް
 އެހެންވެ، މިހާރު ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައި އެ ތެޔޮ ފޯރުކޮށްދެމުންދަނީ އެސްޓީއޯ މެދުވެރިކޮށް
"އެހެންވީމާ މިއީ މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް ރައީސް [މުހައްމަދު މުއިއްޒު] ވަރަށް އިސްކަމެއް ދެއްވައިގެން މަސްކަނޑުތަކަށް މަސްވެރިންނަށް ނުކުމެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ތެލަށް މި ލުއި ދެއްވުން އެއީ ވަރަށް ހާއްސަކޮށް ކުރައްވާ ކަމަކަށްވާތީ އަޅުގަނޑުމެން ކަށަވަރުކުރަން އެކަންތައް ކޮންމެ ދުވަހަކުވެސް އެގޮތުގައި ކުރިއަށް ގެންދެވޭތޯ،" ޝިޔާމް ވިދާޅުވި އެވެ.
މި އަހަރު ފެށިގެން އައިރު މަސްވެރިކަން ރަނގަޅަށް އޮތުމުން، ރާއްޖެއިން މަހުގެ ބާވަތްތައް ބޭރުކުރެވޭ މިންވަރު ވެސް ރަނގަޅު ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ