ލަންޑަން (މެއި 22) - މެންޗެސްޓާ ސިޓީގެ ފިލް ފޯޑެން، ޗެލްސީގެ ކޯލް ޕާމާ އަދި ރެއާލް މެޑްރިޑްގެ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނުހިމަނައި، އަންނަ މަހު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ކުޅޭ އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު އިއުލާނުކޮށްފި އެވެ.
މީގެ އިތުރުން، އިނގިރޭސި ޓީމުގެ ކޯޗު، ޖަރުމަނުގެ ތޯމަސް ޓުޗެލް ނެގި 26 ކުޅުންތެރިންގެ ސްކޮޑުން، މިދިޔަ ދެ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދެއްކި މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު، ހެރީ މެގުއާ އަށް ވެސް ފުރުސަތު ލިބިފައިނުވެ އެވެ.
ދެން، ފުރުސަތު ނުލިބިދިޔަ ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު، ނޮޓިންހަމް ފޮރެސްޓްގެ މޯގަން ގިބްސް-ވައިޓް އާއި ޔުނައިޓެޑްގެ ލޫކް ޝޯ، ކްރިސްޓަލް ޕެލަސްގެ އެޑަމް ވާޓަން އަދި ޗެލްސީގެ ލީވައި ކޯލްވިލް ހިމެނެ އެވެ.
އަންނަ މަހު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އިންގްލެންޑުން ނެގި ސްކޮޑުގައި އޭނާ ނުހިމެނޭކަން އެނގުމުން ލިބުނީ ޝޮކެއް ކަމަށް މެންޗެސްޓާ ޔުނައިޓެެޑްގެ ޑިފެންޑަރު، ހެރީ މެގުއާ ވަނީ ބުނެފައި.
ސްކޮޑުގައި ހިމެނުނު ފާހަގަކޮށްލެވޭ ކުުޅުންތެރިންނަށް ބަލާއިރު، ޓޮޓެންހަމް ހޮޓްސްޕާސްގެ ފުލްބެކް، ޖެޑް ސްޕެންސް އާއި މެންޗެސްޓާ ސިޓީގެ ޖޯން ސްޓޯންސް އާއި ނިކޯ އޯރައިލީ، ނިއުކާސަލް ޔުނައިޓެޑްގެ ޑޭން ބާން އަށް ވަނީ ޓުޗެލްގެ ޓީމުން ފުރުސަތު ދީފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުން ބޭރުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އިނގިރޭސި ވޯލްޑް ކަޕް ސްކޮޑުގައި ހިމެނުނީ ބަޔާ ލެވަކޫސަންގެ ޑިފެންޑަރު، ޖަރަލް ކުއަންސާ، ރެއާލްގެ މިޑްފީލްޑަރު، ޖޫޑް ބެލިންހަމް، ބާސެލޯނާގެ ފޯވާޑް، މާކަސް ރެޝްފޯޑް އަދި އަލް އަހްލީގެ ފޯވާޑް، އައިވާން ޓޯނީ އެވެ.
ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މި ސްކޮޑަށް ޓުޗެލްގެ އިތުބާރު އެބައޮތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ސްކޮޑަށް އަމާޒުވާ ފާޑުކިޔުންތަކާ ގުޅޭގޮތުން، ކުރިން ޗެލްސީ އާއި ޕީއެސްޖީ އަދި ބޮރޫޝިއާ ޑޯޓްމަންޑަށް އިރުޝާދުދިން ޓުޗެލް ބުނެފައިވަނީ، މިއީ، އިންގްލެންޑްގެ އެންމެ މޮޅު ޓީމު ކަމަށް ބުނެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި މިއީ، ވޯލްޑް ކަޕެއްގައި ކުޅެން އޭނާ އަށް ގަބޫލުކުރެވޭ އެންމެ ރަނގަޅު ސްކޮޑު ކަމަށެވެ.
އަދި، މި ޓީމުގެ ކިބައިގައި، 1966 އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ތަށި އިންގްލެންޑަށް ގެނެވޭނެ ފެންވަރު އެބަހުރި ކަމަށް ވެސް ޓުޗެލް ވަނީ ބުނެފަ އެވެ.
"ވަރަށް ފަހުން އަހަންނަށް ފެނުނު ރަފައެލް ނަޑާލް (ސްޕެއިންގެ ޓެނިސް ލެޖެންޑް) ގެ ކުއޯޓެއް. އަހަންނަަކީ އަބަދު މޮޅުވާ މީހެއް ނޫނޭ. އަހަންނަކީ އަބަދުވެސް ވަރުގަދަ އަށް ވާދަކުރާ މީހަކަށް ވާނަމޭ. އަހަންނަކީ ޗެލެންޖް ދޭނެ މީހެކޭ ކާމިޔާބު ހޯދަން. އެއީ، އަހަރެމެން ވޯލްޑް ކަޕަށް އެމެރިކާ އަށް ދާނެ ވިސްނުމަކީ. ހިތްހަމަޖެހުމާ އެކީ ރަނގަޅު ވާދައެއްކޮށް މި ޓީމުގެ އިތުބާރު ބޮޑުކުރުން އޮތީ،" ޓުޗެލް ބުންޏެވެ.
ޓުޗެލް ބުނީ ފުރަތަމަ މެޗުން ފަށައިގެން ވެސް ބޭނުންވަނީ އިންގްލެންޑްގެ ފެންވަރު ސާބިތުކޮށްދޭން ކަމަށާއި އެކަން ކުރަން ސަޕޯޓަރުންގެ އިތުބާރު ހޯދުމަށްޓަކައި ކުރަން ޖެހޭ ކަންކަން ވެސް ފުރިހަަމަ އަށް އަދާކުރެވޭނެ ކަމަށެވެ.
"ވަރަށް އުނދަގޫ ކަމެއް އެއްބުރުން މުޅި ކޭކް އެއްކޮށް ކައިގެން ހަޖަމުކުރުމަކީ. މަޑުމަޑުން ކެތްތެރިކަމާ އެކު އެކަން ކުރެވޭނީ. އަހަރެމެން މަސައްކަތް ކުރާނީ ފުރަތަމަ ވޯލްޑް ކަޕްގެ ކުރިން ރަނގަޅު ޕްރީ ކޭމްޕަކަށް. ދެން، މަޑުމަޑުން ކުރިއަށްދާނީ،" ޓުޗެލް ބުންޏެވެ.
އިންގްލެންޑުން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި، ޖޫން 17 ވަނަ ދުވަހު ބައްދަލުކުރާނީ ކްރޮއޭޝިއާއާ އެވެ. އަދި، ދެން އެ ގްރޫޕްގައި އޮތް ދެ މެޗުގައި ކުޅޭނީ ގާނާ އާއި ޕެނަމާއާ އެވެ.
އާނޯލްޑް، ފޯޑެން އަދި ޕާމާ ނުހިމަނައި އިންގްލެންޑްގެ ވޯލްޑް ކަޕް ސްކޮޑު އިއުލާނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ