ސަލާހާއި އަހަރެން ވެސް ބޭނުމީ ލިވަޕޫލަށް ރަނގަޅު ގޮތް: ސްލޮޓް

ލިވަޕޫލް (މެއި 22) - މުހައްމަދު ސަލާހާއި އޭނާ ވެސް އެދެނީ އެއް ކަމަަކަށް ކަމަށާއި އެއީ ލިވަޕޫލަށް އެންމެ ރަނގަޅު ގޮތް ވުން ކަމަށް ލިވަޕޫލްގެ ކޯޗު ނެދަލެންޑްސްގެ އާނާ ސްލޮޓް ބުނެފި އެވެ. 
ސްލޮޓް މި ގޮތަށް ބުނެފައިވަނީ، ދާދި ފަހުން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި، ސަލާހު ލިވަޕޫލްގެ މިހާރުގެ ކަންކަމަށާއި ސްލޮޓް ބެލުމުގެ ދަށުން ޓީމު ކުޅޭ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައިވާތީވެ، އެކަމާ ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ދިން ޖަވާބުގަ އެވެ. 
"އަހަރެން އެކަމާ ދެކޭ ގޮތެއް އެއީ މުހިންމު ކަމެއް ނޫން ހެން ހީވަނީ. މުހިންމު ކަމަކީ އަހަރެމެން ޗެމްޕިއަންސް ލީގަށް ކޮލިފައިވުން. ދެން، އާދިއްތަ ދުވަހު، އަހަރެން، މޯ (ސަލާހު) އާއި މުޅި ޓީމު އެންމެ ރަނގަޅަށް މެޗަށް ތައްޔާރުކުރުމަށް،" ސްލޮޓް ބުންޏެވެ. 
އެސްޓަން ވިލާ މެޗުން ބަލިވުމުން ވަރަށް ބޮޑަށް މާޔޫސްވި ކަމަށާއި އެ މެޗުން މޮޅުވެގެން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެވެން އޮތްއިރު އެކަން ނުވެދިއުމަކީ ދެރައެއް ކަމަށް ސްލޮޓް ވަނީ ބުނެފަ އެވެ. އަދި، މިހާރު ތައްޔާރުވަމުން އަންނަނީ އާދިއްތަ ދުވަހު ބްރެންޓްފޯޑް އަތުން ކާމިޔާބު ހޯދައިގެން، އެންމެ ފަހުން މެޗުގައި ނުވި ކަންތައް ކުރުމަށް ކަމަށް ސްލޮޓް ވަނީ ބުނެފަ އެވެ. 
"އަހަރެމެން (ސަލާހުއާ ދެމީހުން) ބޭނުންވަނީ މި ކްލަބަށް އެންމެ ރަނގަޅު ގޮތް. އެއީ ކާމިޔާބު ބައެއްގެ ގޮތުގައި މި ކްލަބް ކުރިއަށްދިއުން. އެއީ އެންމެ ބޮޑު ކަމަކީ،" ސްލޮޓް ބުންޏެވެ. 
ލިވަޕޫލުން މިހާރު ދަށްކަމުން އަންނަ ކުޅުމަަށް ބަލާއިރު، އޮތީ ގަބޫލުކުރަން ދަށް ހާލަތެއް ކަމަށް ބުނެ، މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލަން ނިންމާފައިވާ މިސްރުގެ ތަރި، މުހައްމަދު ސަލާހު ވަަރަށް ބޮަޑަށް ހިތްހަމަނުޖެހުން ވަނީ ފާޅުކޮށްފައި.
ސަލާހު، 33، މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލާނީ ނުވަ އަހަރު އެ ކްލަބްގައި ހޭދަކޮށްފަ އެވެ. ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗަކީ ސަލާހު ލިވަޕޫލް ޖޯޒީގައި ފެންނާނެ ފަހު މެޗެވެ. އެކަމަކު، އެ މެޗުގައި ސަލާހު ބޭނުންކުރާނެތޯ ސުވާލުކުރުމުން ސްލޮޓް ބުނެފައިވަނީ، މެޗުގެ ކުރިން، "ޓީމު ސިލެކްޝަނާ ބެހޭގޮތުން،" ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވާހަކަ ނުދައްކާނެ ކަމަށެވެ. 
 މިސްރާ އެކު އަންނަ މަހުގެ ވޯލްޑް ކަޕަށް ދިއުމަށް ތައްޔާރުވަމުން އަންނަ، ސަލާހު ވަނީ މިދިޔަ ޑިސެމްބަރު މަހު ވެސް  ސްލޮޓަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެ ގޮތުން، ސަލާހު، އެ ފަހަރު، ބުނީ، ލިވަޕޫލްގެ މައްސަލަތައް އޭނާ ބޮލުގައި އަޅުވާ ކަމަށެވެ.
މެނޭޖްމަންޓަށް ފާޑުކިޔުމާ ގުޅިގެން، ސަލާހު އަށް އަދަބެއްގެ ގޮތުގައި އެއް މެޗުން ޓީމުން ބާކީކުރި އެވެ. ޖެނުއަރީ ޓްރާންސްފާގައި ސަލާހު ލިވަޕޫލް ދޫކޮށްލާނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ މަޑުކުރީ އެވެ. އެކަމަކު، މިދިޔަ މާޗް މަހު  ވަނީ ލިވަޕޫލް ދޫކޮށްލަން ނިންމިކަން އިއުލާނުކޮށްފަ އެވެ. ލިވަޕޫލުން އަންނަނީ، ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗަށް ސަލާހު އަށް ހާއްސަ މީޑިއާ ކަވަރޭޖެއް ގެންނަމުންނެވެ. 
ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗުގައި ސަލާހު ބޭނުންނުކުރަން، މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް، ވޭން ރޫނީ ވަނީ ގޮވާލައިފަ އެވެ. 
އަންނަ އާދިއްތަ ދުވަހު ލިވަޕޫލުން މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ފަހު މެޗުގައި މުހައްމަދު ސަލާހަށް ފުރުސަތު ދޭން ނުޖެހޭ ކަަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް، ވޭން ރޫނީ ވަނީ ބުނެފައި. ރޫނީ، މި ގޮތަށް ބުނެފައިވަނީ، ސޯޝަލް މީޑިއާ މެދުވެރިކޮށް، ސަލާހު ލިވަޕޫލްގެ މިހާރުގެ ކަންކަމަށް ފާޑުކިޔާފައިވާތީވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ