ޔުނައިޓެޑް ވާން ޖެހޭނީ ބޮޑު މުބާރާތްތަކަށް ވާދަކުރާ ކްލަބަކަށް

މެންޗެސްޓާ (މެއި 22) - މެންޗެސްޓާ ޔުނައިޓެޑް ވާން ޖެހޭނީ ބޮޑެތި މުބާރާތްތަކުގެ ތަށްޓަށް ވާދަކުރާ ކްލަބަކަށް ކަަމަށާއި އެ ޓީމަށް ހައްގުވާ މަގާމަށް ގެންދިއުމަށް ސަޕޯޓަރުންނާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް އެ ކްލަބާ އެކު ދާއިމީ އެއްބަސްވުމެއްގައި ދާދި ފަހުން ސޮއިކުރި ކޯޗު، މައިކަލް ކެރިކް ބުނެފި އެވެ.
ޖެނުއަރީ މަހު، ޕޯޗުގީސް ކޯޗު، ރުބެން އަމޮރިމް ވަކިކޮށް، އެ ޓީމަށް ގެނައި ކޯޗު، ކެރިކް، 44، ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެ، އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ވަނަ ހޯދައިދީ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށްދީފަ އެވެ.
އެ ގޮތުން، ކެރިކް ހަވާލުވި ފަހުން ކުޅުނު 16 މެޗުގެ ތެރެއިން ޔުނައިޓެޑުން 11 މެޗުން މޮޅުވިއިރު، މި ސީޒަނުގެ އެންމެ މޮޅު ކޯޗުންގެ އެވޯޑަށް ނޮމިނޭޓްވި ހަ ކޯޗުންގެ ޝޯޓްލިސްޓުގައި ކެރިކްގެ ނަން ވަނީ ހިމެނިފަ އެވެ. ޖެނުއަރީ 13 ވަނަ ދުވަހު ކެރިކް ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވި ފަހުން، ޕްރިމިއާ ލީގުގެ 20 ކްލަބްގެ ތެެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދީ ޔުނައިޓެޑުންނެވެ. 
އާ ކޮންޓްރެކްޓެއްގައި ސޮއިކުރުަމަށް ފަހު، ކެރިކް ބުނީ މީގެ 20 އަހަރު ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ޔުނައިޓެޑަށް ސޮއިކުރި ހިސާބުން އެ ކްލަބްގެ ޖާދޫގައި އޭނާ ޖެހިފައިވާ ކަމަށެވެ. އަދި، މިހާރު ތަފާތު ޒިންމާއަކާ ހަވާލުވެހުރިއިރު ވެސް ބޭނުމީ ކްލަބަށް ވީހާވެސް ބޮޑެތި ކާމިޔާބީ ހޯދައިދިނުން ކަމަށް ކެރިކް ވަނީ ބުނެފަ އެވެ. 
"މިދިޔަ ފަސް މަސް ދުވަސް ތެރޭ ކުޅުންތެރިންގެ އެއްބައިވަންތަ ކަމާ އެކު އެނގިގެން ގޮސްފި، އަހަރެެމެންނަށް އެކުގައި ތިބެގެން ކިހާ ކަމެއް ހާސިލްކުރެވިދާނެކަން. މިހާރު މިއީ އަނެއްކާ ވެސް އެއް މިސްރާބަކަށް ކުރިއަށްދާންވީ ވަގުތު. މެންޗެސްޓާ ޔުނައިޓެޑް ވާން ޖެހޭނީ މި ކްލަބްގެ އާދަޔާހިލާފު ސަޕޯޓަރުންނާ އެކު އެންމެ ބޮޑެތި ޓްރޮފީތަކަށް ވާދަކުރާ ކްލަބަކަށް،" 2006-2018 އަށް ޔުނައިޓެޑަށް 464 މެޗު ކުޅެދިން ކެރިކް ބުންޏެވެ. 
ކެރިކް ވަނީ މީގެ ކުރިން، 2021 ވަނަ އަހަރު ވަގުތީ ކޯޗެއްގެ ގޮތުގައި، ތިން މެޗުގައި ޔުނައިޓެޑަށް އިރުޝާދުދީފަ އެވެ. އެއީ، އޮލެ ގުނަ ސޯލްޝެއާ، ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރުމުންނެވެ. އެކަމަކު، އެ ފަހަރު އޭނާ އަށް ދާއިމީ އެއްބަސްވުމެއް ނުދީ، ޔުނައިޓެޑުން އެ ޓީމުގެ ކޯޗުކަން ހަވާލުކުރީ ނެދަލެންޑްސްގެ ކޯޗު އެރިކް ޓެން ހާގް އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ