އޭޓީއެމް 2026 ފެއަރ ސެޕްޓެމްބަރ 14 އިން 17 އަށް!

އެރޭބިއަން ޓްރެވަލް މާކެޓް 2026 (އޭޓީއެމް) ފެއަރ  ސެޕްޓެމްބަރ 14 އިން 17 އަށް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބޮޑެތި ހިއްސާދާރުން ބައިވެރިވާ މި ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ ދުބާއީގައެވެ.
ފެއާގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަމްސީލްކުރާ 150 އަށްވުރެ ގިނަ ގައުމުން ބައިވެރިވެ، ޓޫރިޒަމް ބޯޑުތަކާއި، އެއަރލައިންތަކާއި، ހޮޓާތަކާއި، ޓްރެވަލް ޓެކްނޮލޮޖީ ހިދުމަތްދޭ ފަރާތްތަކުގެ އިތުރުން ކްރޫޒް އޮޕަރޭޓަރުން ބައިވެރިވެއެވެ.
މިއީ ގުޅުންތައް އުފައްދައި، ވިޔަފާރި ފުރުސަތުތައް ހޯދައި، ސިނާއަތުގެ އިސް ފަރާތްތަކާ ބައްދަލުކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ.
ވިޒިޓް މޯލްޑިވްސްގެ ފަރާތުން އާންމު ކުރި ބަޔާނެއްގައި ބުނީ ފެއަގެ ތާރީޚަށް ގެނެވުނު ބަދަލުތަކުން ދޭހަވަނީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ކަލަންޑަރުގައި އޭ.ޓީ.އެމް އަށް ދެވިފައިވާ މުހިންމުކަން ކަމަށެވެ. ހާއްސަކޮށް، މެދުއިރުމައްޗަކީ ދުނިޔޭގެ ފަތުރުވެރިކަމާއި އޭވިއޭޝަންގެ މައި މަރުކަޒަކަށް ވަމުންދާ ހިނދު، މިފަދަ ހަރަކާތްތަކުގެ ދައުރު ބޮޑުކަމަށް ވަނީ ބުނެފަ އެވެ.
ވިޒިޓް މޯލްޑިވްސް ބުނީ އެ ކޯޕަރޭޝަނުން ދަނީ ފެއަރ އިންތިޒާމްކުރާ ފަރާތްތަކާއި ރާއްޖޭގެ ފަރާތުން ބައިވެރިވާ ކުންފުނިތަކާ ގުޅިގެން ލޮޖިސްޓިކްސް ކަންކަން ހަމަޖައްސަމުން ކަމަށެވެ. އަދި ތާރީޚަށް ބަދަލު އައި ނަމަވެސް، ރާއްޖޭގެ ފަރާތުން ބައިވެރިވާ ފަރާތްތަކުގެ ސްޓޭންޑްތަކާއި ބްރޭންޑިންގ އަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ވަނީ ބުނެފަ އެވެ.
ރާއްޖެ އިސްތިހާރުކުރުމަށް ބައިނަލްއަޤްވާމީ މި ފެންވަރުގައި ބޭނުންކުރާ އެންމެ މުހިންމު އެއް ޕްލެޓްފޯމަކީ އޭޓީއެމްކަން ވިޒިޓް މޯލްޑިވްސް ވަނީ ފާހަގަކޮށްފަ އެވެ. އަދި މިއީ މެދުއިރުމައްޗާއި ދުނިޔޭގެ އެކި މާކެޓްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެއްކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ