ލަންޑަން (މެއި 22) - މެންޗެސްޓާ ސިޓީގެ ފިލް ފޮޑެން އާއި ޗެލްސީގެ ކޯލް ޕާމާ އަދި މެންޗެސްޓާ ޔުނައިޓެޑްގެ ހެރީ މެގުއާ އާއި ރެއާލް މެޑްރިޓްގެ ޓްރެންޓް އެލެކްސެންޑާ އާނޯލްޑް ވެސް ނުހިމަނައި، ކުރިއަށް އޮތް ވޯލްޑް ކަޕަށް ދާ އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމު ކޯޗު ތޯމަސް ޓުޗެލް އިއުލާން ކޮށްފި އެވެ.
މި ކުޅުންތެރިންނަށް ފުރުސަތު ނުލިބުނު އިރު، ސައުދީ ޕްރޯ ލީގުގެ އަލް އަހްލީގެ ސްޓްރައިކަރު އައިވާން ޓޯނީ އަށް ވަނީ އަލުން ގައުމީ ޓީމުން ފުރުސަތު ދީފަ އެވެ.
ޓޯނީ ވަނީ ސައުދީ ޕްރޯ ލީގުގައި މި ސީޒަންގައި 32 ގޯލު ޖަހައިފަ އެވެ. ސައުދީ ލީގުގައި ރޭ ފަހު މެޗުތައް ކުޅުނު އިރު، މެޗުގެ ކުރިން ލަނޑު ލިސްޓުގެ ކުރީގައި އޮތީ އޭނާ އެވެ. ނަމަވެސް އަލް އިއްތިހާދުގެ ދަނޑުގައި 5-1 އިން އަލް ޤަދީސީއާ މޮޅުވި މެޗުގައި ހެޓްރިކް ހަދައިގެން ހޫލިއަން ކުއިނޯނޭސް ވަނީ ޖުމްލަ 33 ގޯލާ އެކު ލީގުގެ ރަން ބޫޓު ހޯދައިފަ އެވެ.
ޗެލްސީއަށް ޔޫއެފާ ޗެމްޕިއަންސް ލީގު ނަގައިދިން ކޯޗަށް ހަވާލު ކުރެވިފައިވާ މަސައްކަތަކީ އިނގިރޭސީން ކާމިޔާބީއަކަށް ކުރަމުން ގެންދާ 60 އަހަރުގެ ދިގު އިންތިޒާރު ނިމުމަކަށް ގެނައުމެވެ. އިނގިރޭސީންނަށް މިހާތަނަށް ހޯދުނު ހަމައެކަނި ބޮޑޫ ކާމިޔާބީއަކީ އަމިއްލަ ފަސްގަށުގައި 1966 ގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ.
ޓުޗެލްގެ ސްކޮޑުން ފުރުސަތު ނުލިބުނު އިތުރު ކުޅުންތެރިންގެ ތެރޭގައި ނޮޓްނަމް ފޮރެސްޓްގެ ކެޕްޓަން މޯގަން ގިބްސް ވައިޓް އާއި ލީށްސްގެ ސްޓްރައިކަރު ޑޮމިނިކް ކެލްވާޓް ލެވީން ފާހަގަ ކޮށްލެވެ އެވެ. މިއީ މި ސީޒަންގައި ޕްރިމިއާ ލީގުގައި އެންމެ ގިން ގޯލު ޖަހާފައިވާ އިނގިރޭސި ދެ ކުޅުންތެރިންނެވެ.
ޓުޗެލް ބުނީ ޔޫއެސްއޭ އަށް ފުރާ ފްލައިޓުން ގިނަ ކުޅުންތެރިންނަށް ފުރުސަތު ނެތް ކަން ހާމަކުރުން ވީ އުނދަގޫ ކަމެއް ކަމަށެވެ.
"މިއީ ހަގީގަތުގައި ވެސް އުނދަގޫ ކަމެއް، ފޯނުން ކުޅުންތެރިންނަށް އަންގަމުން ދިޔައިރު ވެސް ޖަޒުބާތުތައް ހިފަހައްޓައި ނުލެވޭ ފަހަރު އާދޭ،" ކުޅުންތެރިން ފައިނަލް ސްކޮޑަށް ނުހޮވޭ ކަން އަންގަން ޖެހުމާ ގުޅިގެން ޓުޗެލް ބުންޏެވެ.
"އެހެންވެ އަހަރެން ފަހު ފަހަރަށް އަހަރެމެންނާ އެކު ގޭމްގައި ތިބި ހުރިހާ ކުޅުންތެރިންނާ ފަހު ފަހަރަކަށް ބައްދަލު ކުރިން. އަދި ކުޅުންތެރިން ޓީމާ އެކު ކޮށްދިން ހިދުމަތަށް އިހުތިތާމާ އެކު ޝުކުރު އަދާކުރިން."
އިންގްލެންޑް މި އަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖް ފަށާ މެޗު އޮތީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. އެއަށް ފަހު ގާނާއާ ދެކޮލަށް ކުޅުމަށް ފަހު ޕެނަމާއާ ދެކޮޅަށް ކުޅޭނެ އެވެ.
ގޯލްކީޕަރުން: ޖޯޑަން ޕިކްފޯޑް، ޑީން ހެންޑަސަން، ޖޭމްސް ޓްރަފޯޑް
ޑިފެންޑަރުން: ޖޯން ސްޓޯންސް، މާކް ގޭއީ، ރީސް ޖޭމްސް، އާޒީ ކޮންސާ، ޑޭން ބާން، ޓީނޯ ލިވްރަމެންޓޯ، ޖޭޑް ސްޕެންސް، ނިކޯ އޯރައިލީ، ޖަރޭލް ކުއާންސާ
މިޑްފީލްޑަރުން: ޖޯޑަން ހެންޑަސަން، ޑެކްލަން ރައިސް، ޖޫޑް ބެލިންގްހަމް، އެބެރޭޗީ އެޒީ، މޯގަން ރޮޖާސް، ކޮބީ މެއިނޫ، އެލިއޮޓް އެންޑަސަން
ފޯވާޑުން: ހެރީ ކޭން (ކެޕްޓަން)، މާކަސް ރަޝްފޯޑް، ބުކަޔޯ ސަކާ، އޮލީ ވަޓްކިންސް، އެންޓޮނީ ގޯޑޮން، ނޮނީ މަޑުއެކޭ، އައިވަން ޓޯނީ
ފޮޑެން އާއި ޕާމާ އަދި މެގުއާ އާއި ޓްރެންޓަށް ވެސް ވޯލްޑް ކަޕުން ފުރުސަތެއް ނުލިބުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ