ފީފާ ވޯލްޑްކަޕް 2026: ނެދަލެންޑްސް - ޖަޕާން

ތިން ފަހަރު މަތިން ވޯލްޑްކަޕް ފައިނަލުގައި ކުޅުނު ނަމަވެސް މިހާތަނަށް ނެދަލޭންޑްސް އަށް ވޯލްޑްކަޕް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މީގެ ކުރިން 11 ފަހަރު މަތިން ވޯލްޑްކަޕްގައި ވާދަކޮށްފައިވާ ނެދަލޭންޑްސް އިން ވަނީ 1974, 1978 އަދި 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލުގައި ކުޅެފަ އެވެ.
1974 ވަނަ އަހަރުގެ ވޯލްޑްކަޕަށްފަހު ނެދަލޭންޑްސް އިން ވާދަކުރި ކޮންމެ ވޯލްޑްކަޕެއްގައިވެސް އެ ޓީމުން ވަނީ މުބާރާތުގެ ކުއާޓަރ ފައިނަލުން ފުރުސަތު ހޯދާފަ އެވެ. އެހެންކަމުން އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕްގެ ފުރަތަމަ މެޗަށް ނެދަލޭންޑްސް އިން މިރޭ ޖަޕާނާއި ދެކޮޅަށް ނިކުންނާނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ އަޒުމުގައި ފަށާ ދަތުރުގެ ފުރަތަމަ މެޗުން މޮޅުވުމުގެ ނިޔަތުގަ އެވެ.
2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ރޮނަލްޑް ކޫމަން ދެވަނަ ފަހަރަށް ނެދަލޭންޑްސްގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރ މަހު އޭރު ނެދަލޭންޑްސްގެ ކޯޗެއްގެ ގޮތުގައި ހުރި ލުއި ވެން ހާލް އެ މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.
ކޫމަންގެ އިރުޝާދުގެ ދަށުން ނެދަލޭންޑްސް އިން ވަނީ 2024 ވަނަ އަހަރުގެޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކޮށް އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. ނަމަވެސް ސެމީ ފައިނަލުގައި އިންގްލެންޑް އަތުން 2-1 ގެ ނަތީޖާއަކުން ނެދަލޭންޑްސް ވަނީ ބަލިވެފަ އެވެ.
ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި މިރޭ ޖަޕާނާއި ދެކޮޅަށް ނެދަލޭންޑްސް ނިކުންނައިރު 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑްކަޕްގައި މި ދެ ގައުމު ވަނީ ބައްދަލުކޮށްފަ އެވެ. އެ މެޗުގައި ވެސްލީ ޝްނައިޑާ ޖެހި ލަނޑާއެކު 1-0 ގެ ނަތީޖާއަކުން ނެދަލޭންޑްސް ވަނީ ޖަޕާން އަތުން މޮޅުވެފަ އެވެ.
މި ފަހަރުގެ ވޯލްޑްކަޕުން ނެދަލޭންޑްސް ފުރުސަތު ހޯދާފައިވަނީ ޔޫރަޕްގެ ކޮލިފައިންގައި ކުޅުނު 8 މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެ ދެ މެޗު އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިންގެ އަށް މެޗުގައި ޖުމްލަ 27 ލަނޑު ޖަހާފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ ހަތަރު ލަނޑެވެ.
ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން ނެދަލޭންޑްސް އިން އެކުވެރިކަމުގެ ހަތަރު މެޗު މި އަހަރުގެ ތެރޭގައި ކުޅެފައިވާއިރު އަލްޖީރިއާ އަތުން 1-0 ގެ ނަތީޖާއަކުން ވަނީ ބަލިވެފަ އެވެ. ނޯވޭ އާއި އުޒްބެކިސްތާނާއި ދެކޮޅަށް ކުޅުނު ދެ މެޗުން މޮޅުވެފައިވާއިރު އިކުއެޑޯ އާއި ވަނީ އެއްވަރުވެފަ އެވެ.
މި ފަހަރުގެ ވޯލްޑްކަޕް ބާއްވާ ތިން ގައުމު ކަމުގައިވާ އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާ އަށްފަހު ވޯލްޑްކަޕުން ފުރުސަތު ހޯދި އެންމެ ފުރަތަމަ ގައުމަކީ ޖަޕާން އެވެ.
ޖެހިޖެހިގެން އަށްވަނަ ފަހަރަށް ޖަޕާނުން ވޯލްޑްކަޕްގައި ވާދަކުރާއިރު, ޖަޕާން އިން ވަނީ ހަތަރު ފަހަރެއްގެ މަތިން ވޯލްޑްކަޕްގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފަ އެވެ. 2022 ވަނަ އަހަރާއި 2014 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑްކަޕްގެ ދެވަނަ ބުރަށް ޖަޕާން ވަނީ ކޮލިފައިވެފަ އެވެ.
2018 ވަނަ އަހަރުގެ ޖުލައި މަހު ޖަޕާނުގެ ކޯޗު ކަމާއި ހަވާލުވި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރ ހަޖިމޭ މޮރިޔާސޫގެ އިރުޝާދުގެ ދަށުން ޖަޕާން މިހާތަނަށް 104 މެޗު ކުޅެފައިވާއިރު 73 މެޗުން ވަނީ މޮޅޫވެފަ އެވެ. ބަލިވެފައިވަނީ އެންމެ 17 މެޗުންނެވެ.
ފީފާ ވޯލްޑްކަޕްގެ ކޮލިފައިންގެ އޭޝިޔާގެ ދެވަނަ ބުރުގައި ދެކުނު ކޮރެއާ އާއި ސީރިޔާގެ އިތުރުން މިޔަންމާ ހިމެނޭ ގްރުޕްގެ ހުރިހާ މެޗަކުން ޖަޕާން ވަނީ މޮޅުވެފަ އެވެ. އަދި ތިންވަނަ ބުރުގައި ޗައިނާ, ބަހްރޭން, ސައުދި އަރަބިއްޔާ އޮސްޓްރޭލިއާގެ އިތުރުން އިންޑޮނޭޝިޔާ އާއި ދެކޮޅަށް ކުޅުނު މެޗުތަކުގެ ތެރެއިން ތިން މެޗު ބާކީ އޮއްވާ ޖަޕާނުން ވަނީ 20 މާޗް 2025 ގައި 2-0 ގެ ނަތީޖާއަކުން ބަހްރޭން ބަލިކޮށް ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.
މި ފަހަރުގެ ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން އެކުވެރިކަމުގެ މެޗުތަކެއް ޖަޕާން ކުޅެފައިނުވި ނަމަވެސް އެ ޓީމުން ވަނީ ކިރިން ޗެލެންޖް ކަޕްގައި މި އަހަރުގެ ތެރޭގައި ތިން މެޗު ކުޅެފަ އެވެ. ސްކޮޓްލޭންޑާއި އިންގްލެންޑްގެ އިތުރުން އައިސްލޭންޑް އާއި ދެކޮޅަށް ކުޅުނު ތިން މެޗު ވެސް ޖަޕާނުން ވަނީ ކާމިޔާބުކޮށްފަ އެވެ.
ވޯލްޑްކަޕްގެ ފުރަތަމަ މެޗަށް ޖަޕާން ނިކުންނައިރު ޖަޕާނުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިން ކަމުގައިވާ ވަޓަރު އެންޑޯގެ އިތުރުން ބްރައިޓަންގެ ފޯވަޑް މިޓޯމާ އަދި ޓަކޫމީ މިނަމީނޯ ހިމެނިފަ އެއް ނުވެއެވެ. މި ތިން ކުޅުންތެރިންނަށްވެސް އަނިޔާވެފައިވާއިރު ކެޕްޓަން ވަޓަރު އެންޑޯ ޓީމާއި ވަކިވެފައިވަނީ މި ޖޫން މަހުގެ 11 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ