ޖުމްލަ 2645 މަޝްރޫއު؛ ދެން ފެންނާނީ މަސައްކަތުގެ ސްޕީޑް ބާރުވާތަން: ރައީސް

ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުގައި ދެން ފެންނާނީ މަސައްކަތްތަކުގެ ސްޕީޑް ބާރުވާ މަންޒަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ދ. މީދޫ ކައުންސިލްގެ ފުލް މެޖޯރިޓީ ވެރިކަންކުރާ ޕީއެންސީއަށް ލިބުން ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޭރުގެ ހަނގުރާމަތަކާ ގުޅިގެން ތެލުގެ އަގުބޮޑުވުމާއި، ކޮންސްޓްރަކްޝަން ސާމާނު ގެނައުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ސަރުކާރިގެ މަޝްރޫއުތަކަށް މަޑުޖެހުމެއް އައި ކަމަށެވެ.
މިހާރު އެކަންކަން ހައްލުވަމުންދާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މި ހަފުތާގެ ތެރޭގައި ކެބިނެޓުގައި މަޝްވަރާކޮށް ހުރިހާ މަޝްރޫއުތަކެއް ކުރިއަށްގެންދާނެ ތަރުތީބު މިހާރު ފައިނަލް ކުރެވިފައިވާ ކަމަށެވެ.
"މިހާރު ސޮއި ކުރެވިފައި ހުރި މަޝްރޫއުތަކާއި މި އަހަރު އަލަށް ސޮއި ކުރަން ހުރި މަޝްރޫއުތަކާއި އަދި އަންނަ އަހަރު އަޅުގަނޑުމެންގެ ވައުދުތައް ފުއްދުމަށް ދެން ސޮއި ކުރަން ހުރި މަޝްރޫއުތައް އެއްކޮށްލާއިރު ޖުމްލަ 2645 މަޝްރޫއު ހިމެނޭ،" ރައީސް ވިދާޅުވި އެވެ.
މަޝްރޫއުތައް ތަރުތީބުކޮށްފައިވަނީ ޕްލޭނެއްގެ ދަށުން ކޮންމެ މަހަކު ނިންމާނެ މަޝްރޫއުތަކާއި އިސްކަންދީ، ދަރަނިތައް ދައްކަމުން، ކޭޝްފްލޯ މެނޭޖްކުރެވޭނެ ފަދަ ތާވަލެއްގެ ދަށުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ގައުމުގެ ސިޔާސީ އަދި ފިކުރީ މިސްރާބާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ރައްޔިތުންގެ ކުރިމަތީގައި އޮތީ މައިގަނޑު ދެ މަގެއް ކަމަށެވެ.
އެއީ ތަރައްގީ އާއި ތަމައްދުންނާއި، ބިނާކުރަނިވި ފިކުރާއި، ގައުމާއި ދީން އިސްކުރާ ފިކުރުގެ މަގާއި، އަނެއްކޮޅުން މީގެ ކުރިން ގައުމަށް ހަލާކާއި ގެއްލުން ގެނެސްދީފައިވާ ފަނާކުރަނިވި މަގުކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ޕީއެންސީގެ ފިކުރަކީ ވަރަށް ވަރުގަދަ ނުގުޑާ ފިކުރެއް ކަމަށާއި އެއީ އިސްލާމް ދީނާއި ގައުމު ކުރިއަށް ނެރޭ ފިކުރެއް ކަމަށާއި އެ ފިކުރުން އިސްލާމް ދީނަށް ނަސްރު ދިނުމާއި ހަމަޖެހުމާއި ތަރައްގީ އާއި ރައްކާތެރިކަން ގެނެސްދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ