އެމެރިކާއިން ނޭޓޯއަށް ފޯރުކޮށްދޭ އަސްކަރީ އެހީ މަދުކުރަނީ

އެމެރިކާއިން ދިފާޢީ އެހީތެރިކަން ބޭނުންވާ ވިލާތުގެ ޤައުމުތަކަށް އަސްކަރީގޮތުން އެހީތެރިވާ މިންވަރު ވަރަށް ބޮޑަށް މަދުކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)އަށް މީގެ ކުރިން ކުރިމަތިނުވާ މިންވަރަށް އެ އިއްތިޙާދުގެ ތެރޭގައި ވަނީ ނުތަނަވަސްކަން އުފެދި ގުޅުންތައް ހީނަރުވާން ފަށައިފައެވެ. ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އެމެރިކާއިން ނޭޓޯއިން ވަކިވުން ވެސް އެކަށީގެންވާ ކަމަށް ބުނެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިލާތުގެ ޤައުމުތަކުން އެ ޤައުމުތަކުގެ ދިފާޢީ ދާއިރާއަށް އެކަށީގެންވާ މިންވަރަށް ޚަރަދު ނުކުރާ ކަމަށް ވިދާޅުވެ، އެ ޤައުމުތަކަށް ފާޑުވިދާޅުވެފައެވެ. އަދި ޖަރުމަނުވިލާތުގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ތެރެއިން އެތައް ހާސް ސިފައިން އަނބުރާ ޤައުމަށް ގެންނަވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ގްރީންލޭންޑްއަށް ވެެރިވެގަތުމަށް ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުމުގެ ސަބަބުން ވެސް ސަރަޙައްދީ ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ.
ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމަށް ވެސް ވިލާތުގެ ޤައުމުތަކުން އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ. އެ ސަބަބަށްޓަކައި ނޭޓޯއިން ވަކިވުމާ ދޭތެރޭ ވިސްނަވަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ނޭޓޯގެ ޤަވާއިދުގައި ބުނާ ގޮތަށް، ނޭޓޯގެ ޤައުމަކަށް ޙަމަލާއެއް އަމާޒުވެއްޖެ ނަމަ އެމެރިކާއިން އެ ޤައުމެއް ދިފާޢުކޮށްދޭން ޖެހޭނެތޯ ޓްރަމްޕް ވަނީ ސުވާލު އުފައްދަވައިފައެވެ.
އެނގިފައިވާ ގޮތުގައި އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ވަނީ ނޭޓޯގެ ޤައުމުތަކަށްދޭ އަސްކަރީ އެހީތެރިކަން މަދުކުރުމާ ގުޅޭގޮތުން ނޭޓޯގެ އެ ޤައުމުތަކާއެކު މިިދިޔަ ހަފްތާގެ ތެރޭގައި ވާހަކަ ދައްކަވައިފައެވެ. އެމެރިކާއިން ވަނ އެ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުން މީގެ ކުރިން ދޭނެ ކަމަށް ވަޢުދުވެފައިވާ ހަތިޔާރުއެޅި ޖެޓުގެ ޢަދަދު ވެސް ދެބައިކުޅަ އެއްބައިން މަދުކުރުމަށް ރާވައިފައެވެ. ފައިޓަރު ޖެޓުގެ ޢަދަދު ތިންބައިކުޅަ އެއްބައިން މަދު ކުރުމަށް ނިންމާފައެވެ. އަދި، އަސްކަރީ މަނަވަރުގެ ޢަދަދު ވެސް މަދުކުރުމަށް ވަނީ ނިންމައިފައެވެ. އަދި އޭގެ އިތުުރުން ކަނޑުއަޑީގައި ދަތުރުކުރާ ސަބްމެރިން އެއްވެސް މިންވަރަކަށް ފޯރުނުކޮށްދޭން ވަނީ ނިންމައިފައެވެ. އެމެރިކާއިން ވަނީ ހަރިޔާރުއެޅި ޑްރޯން ވެސް ދެން ފޯރުނުކޮށްދޭނެ ކަމަށް ބުނެފައެވެ. މި ބަދަލާއެކު ވިލާތުގެ ޤައުމުތަކުން އަމިއްލަ ޑްރޯންތައް ހޯދުމަށް މަޖުބޫރުވާނެއެވެ.
ނޭޓޯގެ ތަރުޖަމާނަކި ވިދާޅުވީ ނޭޓޯއިން މީގެ ކުރިން އޮތީ އެ ދިފާޢީ ފައުޖު ރާވާލުމުގައި އެމެރިކާގެ މައްޗަށް މާ ބޮޑަށް ބަރޯސާވެފައި ކަމަށެވެ. ވިލާތުގެ ޤައުމުތަކާއި ކެނެޑާއިން ދިފާޢީ ދާއިރާއަށް އިންވެސްޓުކުރާ މިންވަރު އިތުރުވާ ވަރަކަށް، ނޭޓޯގެ އަސްކަރީ ޒިންމާތައް ބެހިގެންދާ ގޮތަށް ބަދަލު އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ