ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ދެ މީހަކު އުމުރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށާއި ކެނެބިސް ބޭނުންކުރުމުގެ ކުށް ސާބިތުވެފައި ވަނީ ނ. ވެލިދޫ، ދިލްބަހާރުގެ، އަހުމަދު އިބްރާހީމް، 44، ގެ މައްޗަށް ކަމަށެވެ.
އެ ދެ ކުށުގެ އުގޫބާތެއްގެ ގޮތުން، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ (ނ) ގެ ދަށުން އޭނާ 25 އަހަރު ދުވަހުގެ މުއްދަަތަށް ޖަލަށް ލުމާ އެކު، 100،000ރ. އިން ޖޫރިމަނާކޮށް އަދި އެ ގާނޫނުގެ 115 ވަނަ މާއްދާގެ (ނ) ގެ ދަށުން އިތުރު ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް، އަހުމަދު އިބްރާހިމް ތަންފީޒު ކުރަން ޖެހޭ ޖަލު އަދަބަކީ 27 އަހަރާއި 11 މަހާއި ފަސް ދުވަސް ކަމަށް ކޯޓު ހުކުމުގައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މެއި 7، 2024 ގަ އެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި، އަހުމަދު އިބްރާހިމްގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ ޖޫން 30، 2024 ގަ އެވެ.
އޭނާގެ އިތުރުން، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެފައި ވަނީ ނ. ވެލިދޫ، ހެޕީގާޑަން، ހުސައިން އިބްރާހީމް، 39، ގެ މައްޗަށެވެ.
އެ ކުށުގެ އުގޫބާތެއްގެ ގޮތުން، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ (ނ)ގެ ދަށުން 25 އަހަރު ދުވަހުގެ މުއްދަަތަށް ޖަލަށް ލުމާ އެކު، 100،000ރ. އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް، ހުސައިން އިބްރާހީމް ތަންފީޒުކުރަން ޖެހޭ ޖަލު އަދަބަކީ 24 އަހަރާއި 11 މަހާއި 14 ދުވަސް ކަމަށް ހުކުމްގައި ކަނޑައަޅާފައި ވެ އެވެ.
މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހުސައިން އިބްރާހީމް ހައްޔަރުކުރީ އެޕްރީލް 11، 2022 ގަ އެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މެއި 10، 2022 ގަ އެވެ.
ފުލުހުން ބުނި ގޮތުގައި، މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ އެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޑައިމޯފިން ޓްރެފިކް ކުރި ދެ މީހަކު އުމުރު ދުވަހަށް ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ