ނޫސްވެރިންގެ ހައްގުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މުހައްމަދު ނަޝީދާއެކު މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ބައެއް މީޑިއާތަކަށް ޔާމީން މިއަދު ދެއްވި އިންޓަވިއުއެއްގައި އެހެން ވިދާޅުވެފައި މިވަނީ، މިއީ ގައުމު ސަލާމަތްކުރުމަށް ސޯލިހާއި ނަޝީދު އަދި ޔާމީން އެކުގައި ނުކުންނަވައި މަސައްކަތްކުރައްވަން ޖެހޭ ވަގުތު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެފައިވަނިކޮށެވެ.
އެކަމާ ގުޅިގެން ޔާމީން ވިދާޅުވީ ދެ ނޫސްވެރިޔަކު ޖަލަށް ލުމާއެކު، ނޫސްވެރިންގެ ދިފާއުގައި އިދިކޮޅު ލީޑަރުންނާއެކު މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވާހަކަތަކެއް ހިމަނައިގެން އަދަދު ނޫހުން ގެނެސްދިން ”އައިޝާ“ ޑޮކިއުމެންޓަރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައިވާ އިރު، އަދަދުގެ ދެ ނޫސްވެރިން ކަމަށްވާ ޝަހުޒާން 15 ދުވަހަށް އަދި ލީވާން ދިހަ ދުވަހަށް ޖަލަށް ލުމަށް އެ ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ.
މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ އަދަދު ނޫހުން ގެނެސްދިން ”އައިޝާ“ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން މަނާކޮށްފައެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަމަށް ވެސް އެ އަމުރުގައިވެއެވެ.
އެ އަމުރުގައި ވަނީ ޑޮކިއުމެންޓްރީ މުޖުތަމައުގައި ދައުރުނުކުރުމާއި، އެއާ ގުޅޭ ވާހަކަ އެއްވެސް ސިފައެއްގައި ނުދެއްކުމާއި، މައްސަލައިގެ ހަސްމުންނާއި އަނިޔާ ލިބުނު ފަރާތުގެ ވާހަކަ އެއާ ގުޅުވައިގެން ނުދެއްކުމާއި، ޝަރީއަތާ ގުޅުންހުރި މައުލޫމާތާއި ލިޔުންތައް ނުފެތުރުމަށެވެ.
ލީވާން ދިހަ ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ އަމުރު ނެރުނު ހަބަރު ގެނެސްދިން ގޮތުންނެވެ. އަދި ޝަހުޒާން ޖަލަށް ލުމަށް ހުކުމްކުރީ މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްއާ އެ ޑޮކިއުމެންޓަރީއާ ގުޅޭ ސުވާލުތަކެއް ކުރުމުންނެވެ. އެ ދެ ނޫސްވެރިން ވެސް ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށް މިއަދު ވަނީ ކަނޑައަޅައިފައެވެ.
އެ މައްސަލައިގައި ”އަދަދު“ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން ވަނީ ގަޒުފުކުރުމުގެ ދައުވާ އުފުލައިފައެވެ. ކުރިން ފުލުހަށް ހާޒިރުކުރުމުން އެ ދެ ބޭފުޅުން ވަނީ މަސްދަރު ހިމާޔަތްކުރުމުގެ ހައްގުގެ ދަށުން ހަނު ހުރުމުގެ އިހުތިޔާރު ބޭނުންކޮށްފައެވެ. އަދި މިއަދު ވަނީ ފިޔާޒާއި ހަސަންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށައިފައެވެ.
ނޫސްވެރިންގެ ހައްގުގައި ސޯލިހާއި ނަޝީދާއެކު މަސައްކަތްކުރަން ތައްޔާރު: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ