ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގައި ކުރީގެ ދެ ރައީސުން ކަމުގައިވާ މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސާލިހާއެކު މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ސަން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ ދެ ރައީސުންނާއެކު މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް ނުދެއްވަ އެވެ.
"[ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން] މި ހަމަލާއަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ޔާމީން ވިދާޅުވި ކަމަށް ސަންއިން ރިޕޯޓުކުރި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަދަދުގެ މުހައްމަދު ޝަހްޒާނާއި ލީވާން އަލީ ނާސިރް ޖަލަށް ހުކުމްކޮށްފަ އެވެ. އެކަމާ ގުޅިގެން ކުރީގެ ރައީސުން އެކުގައި މަސައްކަތް ކުރުމަށް ގޮވާލެއްވީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ (އެމްޑީޕީ) ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެވެ.
މިއީ އެ ބޭފުޅުން ގައުމުގެ ހައްގުގައި ނުކުމެވަޑައިގެން ގައުމު ސަލާމަތް ކުރަންވީ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ތިން ރައީސުންނާއެކު މި މަސައްކަތުގައި ފަސްޖެހުމެއް ނެތި ބައިވެރިވުމަށް އެމްޑީޕީ އޮތީ ތައްޔާރަށް ކަމުގެ ޔަގީންކަން ވެސް ފައްޔާޒު ދެއްވި އެވެ.
މީގެ އިތުރުން، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅެމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ހައްޔަރުކޮށްފައިވާ ނޫސްވެރިން މިހާރުން މިހާރަށް މިނިވަން ކުރުމަށް ފައްޔާޒު ވަނީ ގޮވާލައްވާފަ އެވެ. މިކަމުގައި އިންސާފުވެރި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުން އިސްނަގައިގެން މަސައްކަތް ކޮށްދެއްވުމަށް ވެސް އޭނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ނޫސްވެރިކަމުގެ ދިފާއުގައި ކުރީގެ ދެ ރައީސުންނާއެކު މަސައްކަތް ކުރަން ތައްޔާރު: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ