މާލޭ ސިޓީ ކައުންސިލުގެ މެޖޯރިޓީ އޮތް ވެރިކަންކުރާ ޕީއެންސީގެ ބައެއް ކައުންސިލަރުން ހާޒިރުނުވާތީ މި ދައުރުގެ ފަހު ޖަލްސާ ވެސް ނުބޭއްވިގެން މިއަދު ނިންމާލައިފި އެވެ.
ވީ ކިހިނެއް؟ - މި ކައުންސިލުގެ ރަސްމީ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ 25 މާޗުގަ އެވެ. އޭގެ ފަހުން މިހާތަނަށް ހަތް ޖަލްސާ ބާއްވަން މަސައްކަތްކޮށްފައިވާއިރު، ކައުންސިލުގައި މެޖޯރިޓީ އޮތް ޕީއެންސީގެ މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން ތަކުރާރުކޮށް ޖަލްސާތަކަށް ހާޒިރުނުވާތީ، އެ ޖަލްސާތައް ނުބޭއްވޭތާ މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
ވޭތުވެދިޔަ ޖަލްސާތަކުގެ ހާޒިރީ ދައްކާ ގޮތުން، ބައެއް ޖަލްސާތަކަށް ހާޒިރުވެފައިވަނީ ތިން ވަރަކަށް ކައުންސިލަރުންނެވެ. އަނެއް ބައި ޖަލްސާތަކަށް ހާޒިރުވެފައިވަނީ ހަތް ކައުންސިލަރުން އަދި ނުވަ ކައުންސިލަރުންނެވެ. ޖަލްސާގެ ކޯރަމް ހަމަވަނީ 10 ކައުންސިލަރުން ތިބެގެންނެވެ.
ތަފްސީލް - ކައުންސިލުގެ ދައުރު ހަމަވެ، އާ ކައުންސިލު ހުވާކުރުން އޮތީ އަންނަ އާދިއްތަ ދުވަހު އެވެ. އޭގެ ކުރިން، މި ދައުރުގެ އެންމެ ފަހު ރަސްމީ އާންމު ޖަލްސާއަކީ މިއަދުގެ ޖަލްސާ އެވެ.
އެކަމަކު މިއަދުގެ ޖަލްސާއަށް ވެސް ޕީއެންސީގެ ގިނަ ކައުންސިލަރުން ހާޒިރުވެފައިނުވާތީ ކޯރަމް ހަމަނުވެގެން ނިންމާާލީ އެވެ. މި ޖަލްސާއަށް ހާޒިރުވީ އަށް ކައުންސިލަރުންނެވެ.
ދައުރު ނިންމާލާ ޖަލްސާއަށްވުމުން، މިއަދުގެ ޖަލްސާ ނުބޭއްވުނު ނަމަވެސް، ދައުރު ހަމަވެގެން ކައުންސިލާ ވަކިވާ ކައުންސިލަރުންނަށް ފާހަގަކުރަން ބޭނުންވާ ކަމެއް އޮތް ނަމަ އެކަމެއް ފާހަގަކުރަން މިއަދުގެ ޖަލްސާގައި މާލޭ މޭޔަރު، އެމްޑީޕީގެ އާދަމް އާޒިމް ފުރުސަތު ދެއްވި އެވެ.
މި ފުރުސަތުގައި ހުރިހާ ކައުންސިލަރުން ވެސް ވަނީ ކައުންސިލުންނާއި އެތަނުގެ މުވައްޒަފުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.
އެނގުން މުހިންމު - މުޅި ދައުރުގައި ޕީއެންސީގެ ކައުންސިލަރުން ތަކުރާރުކޮށް ޖަލްސާތަކަށް ހާޒިރުނުވާތީ، ގިނަ ޖަލްސާތަކެއް ކެންސަލުކުރަން ޖެހިފައިވެ އެވެ. ދައުރު ނިންމާލި ޖަލްސާއަށް ވެސް ބައެއް ކައުންސިލަރުން ހާޒިރުނުވިއިރު، އެޖެންޑާގައި ހިމަނާފައިވާ ރައްޔިތުންނާ ގުޅޭ މުހިންމު މައްސަލަތަކެއް އޮތީ ނުނިމި އެވެ.
މިދިޔަ މަހު ބޭއްވި ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ވަނީ ކައުންސިލުގެ މެޖޯރިޓީ ގެއްލިފަ އެވެ. ކުރިއަށް އޮތް ދައުރަށް ކައުންސިލުގެ މެޖޯރިޓީ ލިބިފައިވަނީ އިދިކޮޅު އެމްޑީޕީ އަށެވެ.
މިހާރުގެ ކައުންސިލަރުންގެ ތެރެއިން ޖުމްލަ އަށް ޕީއެންސީ ކައުންސިލަރަކު ދެވަނަ ދައުރަކަށް ވާދަ ކުރެއްވި އެވެ. އެ ހުރިހާ ބޭފުޅުންނަށް ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިވެފަ އެވެ. ދެވަނަ ދައުރެއް ކަށަވަރުކުރެއްވީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި މޭޔަރު އާޒިމް އެކަންޏެވެ.
މާލޭ ސިޓީ ކައުންސިލުގެ މި ދައުރުގެ ފަހު ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ނުބޭއްވުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ