ބޭންކް އޮފް މޯލްޑިވްސްއާއި މައިންޑްކޯ ގުޅިގެން ބާއްވާ 'ކޮލެބް 26 ހެކަތަން' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) އާއި ބީއެމްއެލް ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހެކަތަންއެކެވެ. މި ހެކަތަންގެ މަޤްސަދަކީ މެންޓަރުންގެ އެހީތެރިކަމާއެކު، ޑިޖިޓަލް ޚިޔާލުތައް އަމަލީ މަސައްކަތްތަކަކަށް ބަދަލުކޮށް، ޕްރޮޓޯޓައިޕްތަކެއް އުފެއްދުމެވެ.
ބީއެމްއެލުން ވިދާޅުވީ، މި ހެކަތަން ކުރިއަށްދާނީ މި ދެ މުއައްސަސާ ގުޅިގެން އަލަށް އުފެއްދި 'ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރު'ގެ ދަށުން ކަމަށެވެ. އަދި މިއީ 'ކޮލެބް 26' ކޮންފަރެންސްގެ ފުރަތަމަ ދެ ދުވަހުގެ ނަތީޖާގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. މީގެއިތުރުން ބައިވެރިވާ ބައިވެރިންގެ މެދުގައި ޓީމުތަކަށް ބަހާލައިގެން، ކަނޑައެޅިފައިވާ ދެ ދާއިރާއަކުން (ޓްރެކް) އަމަލީ ގޮތުން ބޭނުންކުރެވޭނެ ފަދަ ސޮލިއުޝަންތަކެއް ތަރައްޤީކުރާނެ ކަމަށް ބީއެމްއެލުން ވިދާޅުވިއެވެ.
ބީއެމްއެލުން ވިދާޅުވީ، ޓްރެކް 1 ޚާއްސަވެގެންދާނީ ސަރުކާރުގެ މަސައްކަތްތަކަށް އޭއައި ބޭނުންކުރުމަށް ކަމަށެވެ. މި ދާއިރާގެ ދަށުން ޓީމުތަކުން މަސައްކަތް ކުރާނީ ތައުލީމީ، ސިއްހީ، އިޖުތިމާއީ ރައްކާތެރިކަން، ދައުލަތުގެ މާލިއްޔާތާއި ތިމާވެށި އަދި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކަމަށެވެ. އަދި އަމާޒަކީ އޭއައި ބޭނުންކޮށްގެން ޚިދުމަތްތައް އަވަސްކުރުމާއި، ހިންގުން ހަރުދަނާ ކުރުމުގެ އިތުރުން، މައުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިވެދޭނެ ވަސީލަތްތައް އުފެއްދުން ކަމަށެވެ.
ޓްރެކް 2 ޚާއްސަ ވެގެންދާނީ، ސްވައިޕް އޭޕީއައި މެދުވެރިކޮށް ފިންޓެކް އީޖާދުތަކަށެވެ. ބީއެމްއެލްއާ ގުޅިގެން ކުރިއަށްގެންދާ މި ދާއިރާގައި، ބައިވެރިންނަށް 'ސްވައިޕް އޭޕީއައި' ބޭނުންކޮށްގެން އައު ޖީލުގެ މާލީ އެޕްލިކޭޝަންތައް ފަރުމާކުރުމުގެ ފުރުސަތު ލިބޭނެއެވެ. މި ޓްރެކްގެ މައިގަނޑު އަމާޒަކީ، ޑިޖިޓަލް ޕޭމަންޓްތައް އަވަސްކުރުމާއި، މާލީ ޚިދުމަތްތައް އެންމެންނަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ކަމަށް ބީއެމްއެލުން ވިދާޅުވިއެވެ.
ބީއެމްއެލުން މައުލޫމާތު ދެއްވާގޮތުގައި މި ހެކަތަންއަކީ، މައިންޑްކޯއާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު ސޮއިކުރި އެމްއޯޔޫގެ ދަށުން އުފެއްދި ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރުގެ މައިގަނޑު އެއް ހަރަކާތެވެ. އަދި މިއީ 'މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން' އެޖެންޑާގެ ދަށުން ކުރިއަށްގެންދާ ޤައުމީ ފެންވަރުގެ މަޝްރޫއެއް ކަމަށްވެސް ބީއެމްއެލުން ވިދާޅުވެއެވެ.
ރާއްޖޭގެ ޑިޖިޓަލް މުސްތަޤުބަލު ބައްޓަން ކުރުމަށް ޝައުޤުވެރިވާ ޑިވެލޮޕަރުން، ޑޭޓާ ސައިންޓިސްޓުން، އެކި ދާއިރާތަކުގެ ތަޖުރިބާކާރުން، ދަރިވަރުން އަދި ވިޔަފާރިވެރިންނަށް 'ކޮލެބް 26'ގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި ރަޖިސްޓްރީވާ ފަރާތްތަކަށް ހެކަތަންގެ އިތުރު ތަފްސީލާއި، މެންޓަރުންގެ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށްވެސް ބީއެމްއެލުން މައުލޫމާތުދެއްވައެވެ.
"ކޮލެބް 26" ހެކަތަންގައި ބައިވެރިވުމަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ