މާލޭ ސިޓީ ކައުންސިލުގެ އެންމެ ފަހު ޖަލްސާވެސް ކޯރަމް ހަމަނުވެ، ނިންމައިލައިފި
މާލޭ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ފަހު ޖަލްސާގެ ވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން، ޖަލްސާ ކުރިއަށް ނުގެންދެވި ކައުންސިލުގެ މި ދައުރު ނިންމައިލައިފިއެވެ. މިއީ ކޯރަމް ހަމަނުވެ، ސިޓީ ކައުންސިލުން ޖަލްސާއެއް ކުރިއަށް ނުގެންދެވި ނިންމާލި އަށްވަނަ ހަފުތާއެވެ. މިދިޔަ ހަފުތާއެކޭ އެއްގޮތަށް، މިއަދުގެ ޖަލްސާގައިވެސް ބައިވެރިވެވަޑައިގަތީ އެންމެ އަށް ކައުންސިލަރުންނެވެ. އަށާރަ ކައުންސިލަރަކާއި މޭޔަރެއްގެ މައްޗަށް އެކުލެވޭ މާލޭ ސިޓީ ކައުންސިލުގެ ކޯރަމަކީ 10 ކައުންސިލަރުންނެވެ. https://sun.mv/221604 ނަމަވެސް މިއީ މި ދައުރުގެ ފަހު ޖަލްސާކަމުން، މޭޔަރު އާދަމް ޢާޒިމް ވަނީ، ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި ކައުންސިލަރުން ޝުކުރު ދެންނެވުމަށާއި ބޭނުން ބަހެއް ވިދާޅުވުމަށް ފުރުސަތު ދެއްވައިފައެވެ. ޖަލްސާ ނިންމަވައިލައްވަމުން ޢާޒިމް ވިދާޅުވީ، މިދިޔަ އޮގަސްޓް މަހު ކައުންސިލުތަކުގެ ބާރުތައް ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން ކައުންސިލަށް މުވައްޒަފުން ނަގަން ދަތިވެ، ދެފުށްފެންނަ ތަނަކަށް ކައުންސިލު ހެދުމަށް ދަތިތަކާ ކުރިމަތިވި ކަމަށެވެ. އޭނާ ވިދާޅުވީ، ކައުންސިލުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްނުދެވި އޮތީ ޕޭ ކޮމިޝަނުން ހުއްޓުވާފައި އޮތުމުން ކަމަށާއި، އެކަމާ ގުޅޭގޮތުން އެ ކޮމިޝަނާ މަޝްވަރާކުރައްވާނެ ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އޮތް މާލޭ ސިޓީ ކައުންސިލުގެ ޖަލްސާތަކަށް އެ ޕާޓީ ތަމްސީލުކުރާ ގިނަ ކައުންސިލަރުން ވަޑައިނުގަންނަވާތީ ކޯރަމް ހަމަނުވެ، ޖަލްސާއަށް ހުށަހެޅުނު ގިނަ މައްސަލަތައް ހުރީ ނުނިމިއެވެ. ކަން އެހެން އޮއްވައި، މިދިޔަ މަހު ކުރީކޮޅު އޮތް ލޯކަލް ކައުންސިލު އިންތިޚާބުގައި ޕީއެންސީގެ ފަރާތުން މިހާރުގެވެސް ގިނަ ކައުންސިލަރުން ވާދަކުރެއްވިއިރު، އެ ކައުންސިލަރުން ވަނީ އިންތިޚާބުން ބަލިވެފައެވެ. އިންތިޚާބުގައި ސާފު އަޣުލަބިއްޔަތު ހޯދައި، ވިލިމާލޭ ދާއިރާ ފިޔަވައި ދެން ހުރި ދާއިރާތައް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ