ރައީސް މުހައްމަދު މުއިއްޒުގެ 'ހުދުމުހުތާރު' ވެރިކަމުން މި ގައުމު ސަލާމަތްކުރުމަށް، އިދިކޮޅުގައި ތިއްބެވި ކުރީގެ ތިން ރައީސުން އެކުގައި ނުކުންނަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެފައިވަނިކޮށް، އެ ބޭފުޅުންނާ އެކު މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފައްޔާޒު މިހެން ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓަރީގެ މައްސަލާގައި ދެ ނޫސްވެރިޔަަކަށް ދައުވާކޮށް، ކޯޓުން ނެރުނު އަމުރަކާ ހިލާފުވި ކަމަށް ބުނެ އެ ނޫހުގެ އެހެން ދެ ނޫސްވެރިޔަކު އިއްޔެ ޖަލަށް ލާފައިވަނިކޮށެވެ.
ތަފާތު ވިސްނުންތައް އެއްފަރާތްކޮށް، ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަފްސީލް - ފައްޔާޒުގެ ވާހަކައާ ގުޅިގެން ޔާމީން މިއަދު ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަން އިއާދަކުރުމަށް، ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަސައްކަތް ކުރެެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ނޫސްވެރިކަމުގެ ދިފާއުގައި ރައީސުންނާ އެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ޔާމީން ވިދާޅުވި އިރު، ނަޝީދު ވަނީ ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް ކުރާ އިހުތިޖާޖުގައި އެ މަނިކުފާނު މިރޭ ހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެނގުން މުހިންމު - ނޫސްވެރިކަމުގެ ދިފާއުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ޔާމީން ވިދާޅުވި އިރު، އެ މަނިކުފާނުގެ ވެރިކަމުގައި ބައެއް ނޫސްތައް ބަންދުކޮށް، ނޫސްވެރިން ހައްޔަރު ވެސް ކޮށްފައިވެ އެވެ. އަދި އިދިކޮޅު ފަރާތްތަކާ ގުޅުން އޮންނަ މީޑިއާތައް ރައީސް އޮފީހަށް ވެއްދުން މަނާ ވެސް ކޮށްފައިވެ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ނަޝީދާއި ސޯލިހާ އެކު މަސައްކަތް ކުރަން ތައްޔާރު: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ