ފަހަކުން ދޭއް: އާސެނަލް މޮޅުވެ ސިޓީއަށް ހަ ޕޮއިންޓްގެ ޕްރެޝަރެއް ކުރިމަތިކޮށްފި

ފުލަމް އަތުން ރޭ 3-0 އިން މޮޅުވުމާ އެކު އިނގިރޭސި ޕްރިމިއަ ލީގުގައި އާސެނަލްއަށް ވުރެ މައްޗަށް އަރަން މެންޗެސްޓަ ސިޓީއަށް ހަ ޕޮއިންޓްގެ ބޮޑު ޕްރެޝަރެއް ކުރިމަތިކޮށްފި އެވެ.
މި އަހަރުގެ ޗެމްޕިއަންކަމަށް ވާދަކުރާ މި ދެ ޓީމުގެ މެދުގައި އުފެދުނު ހަ ޕޮއިންޓަކީ، ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، ސިޓީގެ އަތުގައި ދެ މެޗު އިތުރަށް އޮތަސް، ވަރަށް ބޮޑު ޕްރެޝަރެކެވެ. އެއީ ސިޓީގެ ފަހު ފަސް މެޗު ފަށާއިރު އެއްވަނަ ހޯދަން ކުރަން ހުރި މަސައްކަތް ނިސްބަތުން ގިނަވެފައި، ކިރިޔާ ގޯހެއް ހެދުނަސް އަތުނުވާ ހިސާބަށް ސޮއްސާލަފާނެތީ އެވެ.
އާސެނަލް: ކުޅުނު 35، ޖެހި 67، ވަން 26، ފައިދާ ގޯލު 41، ޕޮއިންޓް 76
ސިޓީ: ކުޅުނު 33، ޖެހި 66، ވަން 29، ފައިދާ ގޯލު 37، ޕޮއިންޓް 70
މިއީ ޗެމްޕިއަންކަން ކަނޑައެޅުމުގެ ގަދަ ފަސް މެޗުގެ ވާދަވެރިކަމެވެ. އާސެނަލް އާއި ސިޓީގެ ދެމެދު އޮތް ފަރަގު ކުޑަވުމާ އެކު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް އެއްބަސްވަނީ މި ފަހަރުގެ ޗެމްޕިއަންކަން ބިނާވެފައި އޮތީ ލީގުގެ އެންމެ ފަހު ފަސް މެޗުގެ ނަތީޖާއަށް ކަމަށެވެ.
އާސެނަލްގެ ގަދަ ފަހަކުން ދެ މެޗު އެވަނީ ކާމިޔާބުކޮށްފަ އެވެ. ސިޓީގެ ގަދަ ފަސް މެޗު ފަށާނީ މާދާމާ ރޭ 12 ޖަހާއިރު ރަށުން ބޭރުގައި އެވަޓަންއާ ދެކޮޅަށެވެ. ޔޫރަޕްގެ  މުބާރާތަކުން ޖާގަ ހޯދުމުގެ ފުރުސަތު އެވަޓަންއަށް އޮތުމުން އެއީ ފަސޭހަ މެޗަކަށް ވެސް ނުވާނެ އެވެ.
ރޭ އާސެނަލް މޮޅުވީ ފުރަތަމަ ހާފުގައި ޖެހި ތިން ލަނޑުންނެވެ. ދެ ލަނޑު ޖެހީ ވިކްޓާ ޔޮކަރެސް އެވެ. އަނެއް ލަނޑު އައީ ބުކާޔޯ ސަކާގެ ފަރާތުންނެވެ.
ޔޮކަރެސް މިހާރު އެވަނީ ފުރަތަމަ ސީޒަންގައި، ހުރިހާ މުބާރާތެއް އެއްކޮށްލައިގެން، 21 ލަނޑު ޖަހައިފަ އެވެ. މިއީ 15-2014ގައި އެލެކްސިސް ސަންޗޭޒްގެ ފުރަތަމަ ސީޒަންގައި އާސެނަލްއަށް ޖަހައިދިން 25 ލަނޑަށް ފަހު، ފުރަތަމަ ސީޒަންގައި، 20 ލަނޑަށް ވުރެ ގިނައިން ލަނޑު ޖެހި އާސެނަލްގެ ފުރަތަމަ ކުޅުންތެރިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ