ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ހަގީގަތާ އެއްގޮތަށް ލިޔާ އަދި ތެދު ބުނާ މީހުންނަށް ރައްކާތެރި ވެއްޓެއް ބިނާކުރުމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް މުއިއްޒު ދެއްވި ހިތޯބުގައި އެމަނިކުފާނު ވިދާޅުވީ، ހާމަކަން ބޮޑު ޑިމޮކްރެޓިކް ވެއްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެެރިކަން ކަމަށެވެ.
ތަފްސީލް - ރައީސް ވިދާޅުވީ މި ޒަމާނުގައި ހުރިހާ ބާވަތެއްގެ މިނިވަންކަމެއް ބިނާވެފައި އޮންނަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްޗަށް ކަމަށެވެ.
އިންސާނީ ހައްގުތަކާއި ދެމެހެއްޓެނިވި ތަރައްގީ އަދި ސުލްހަމަސަލަސްކަން ދެމިއޮތުން ގުޅިފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މި ދުވަހު ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ހަގީގަތާ އެއްގޮަތަށް ލިޔާ އަދި ތެދު ބުނާ މީހުންގެ ރައްކާތެރި ވެށްޓެއް ބިނާކުރުމުގެ އަޒުމު ކަނޑައަޅުއްވަމާ ހިންގަވާ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓާ އެންމެ މަތީ އެއް މަސްލަހަތަކީ ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި، ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުން ކަމަށެވެ. ނޫސްވެރިންނަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެ ހުރިހާ ހައްގެއް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިނިވަން މީޑިއާއަކީ ހައްގެއް ޒިންމާއެއް ކަމަށް ވިދާޅުވެ، ރައީސްގެ ހިތޯބުގައި ވިދާޅުވީ ދިވެހި މީޑިއާ ވާންވާނީ ތެދު ހާމަކުރާ އަދި އޭގެ ސަބަބުން އިތުބާރާއި ނަޒާހަތްތެރިކަން ނަގަހައްޓާ ބާރަކަށް ކަމަށެވެ.
"ހަމަ އެހެންމެ ދިވެހިން ގަބޫލުކުރާ ހަމަތަކާއި މިންތައް ނަގަހައްޓާ ބާރަކަށް ވެސް މީޑިއާ ވާންޖެހެ އެވެ. ސަރުކާރު ޒިންމާދާރުކުރުވުމާއި ހާމަކަމާއި ހެޔޮ ވެރިކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އަމާޒުވާ ބިނާކުރުވަނިވި ފާޑުކިޔުމަށް އަޅުގަނޑުގެ ސަރުކާރުން އަބަދު ވެސް މަރުހަބާ ކިޔަމެވެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ހިތޯބުގައި ނޫސްވެރިކަމުގެ މުސްތަގުބަލަށް ފަހި އިންފޮމޭޝަން އިކޯސިސްޓަމްތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެގޮތުން، މޯލްޑިވްސް 2.0 ހުރިހާ ގޮތަކުން ވެސް ތަނަވެސްވެގެން ދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނޫސްވެރިކަމަކީ، ޒުވާނުންނަށް ފަހި މުސްތަގުބަލެއް އޮތް ދާއިރާއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ނޫސްވެރިކަމަކީ، އެ މަސައްކަތްކޮށްގެން އަބުރުވެރި ދިރިއުޅުމެއް ބިނާކުރުމުގެ މަގު ތަނަވަސްވެފައިވާ ދާއިރާއަކަށް ހަދަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ:
ރާއްޖޭގެ އާބާދީ ކުޑަކަމުން ދެމެހެއްޓެނިވި ގޮތެއްގައި މީޑިއާ ހިންގުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި
އެކަމަށް ހައްލު ހޯދައި ދުނިޔެއަށް އަންނަ ބަދަލުތަކާ ފައިހަމަކުރާނެ މީޑިއާގެ އިލްމީ ޖީލެއް ބިނާކުރާނެ ފުރުސަތުތައް ތަނަވަސް ކުރުމަކީ ސަރުކާރުގެ އަމާޒު
ރައީސް ވަނީ ބަވަނަވަމުން އަންނަ ދުނިޔޭގައި ދޮގު މައުލޫމާތު ފެތުރުމުގެ އިތުރު ހަތިޔާރެއްގެ ގޮތުގައި ޑީޕް ފޭކް އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަމުން ގެންދާ ދިޔުމާ މެދު ވެސް ރައްކާތެރިވުމަށް ވެސް ގޮވާލައްވައިފަ އެވެ. މިއީ ރައްޔިތުންނަށް ތެދު މައުލޫމާތާއި ބަހަރު ފޯރުކޮށްދިނުމުގައި އިތުރަށް ސަމާލުވާންޖެހޭ ކަމެއްކަން ހަނދާންކޮށްދެއްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިނިވަން އަދި ރައްކާތެރި ދިވެހި މީޑިއާއެއް ގާއިމުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ރައީސް ވަނީ ގޮވާލައްވައިފަ އެވެ.
ރައީސް އެދިވަޑައިގަތީ ތެދުބުނެ، ހަގީގަތާ އެއްގޮތަށް ލިޔުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ