މިޞްރުގެ ޝައިޚުލް އަޒްހަރު އަދި އިމާމުލް އަކްބަރު ފަޟީލަތުއްޝައިޚް ޑޮކްޓަރ އަޙްމަދު މުޙައްމަދު އަލް-ޠައްޔިބްއާ އައި.ޔޫ.އެމްގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢަލީ ޒާހިރު ބައްދަލުކުރައްވައިފިއެވެ.
މިޞްރުގެ ޤާހިރާގައި ހުންނަ ޝައިޚުލް އަޒްހަރުގެ ރަސްމީ އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި އައި.ޔޫ.އެމް ގެ ޢިލްމީ ކުރިއެރުމަށްޓަކައި ދަރިވަރުންނާއި މުވައްޒަފުން ބިނާކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މި ވަގުތުވެސް އަޒްހަރު ޔުނިވަރސިޓީން ފޮނުއްވާފައިވާ ޤުރުއާނުގެ ޤިރާޢަތަށް ޚާއްޞަ ދެ ޕްރޮފެސަރުން އައިޔޫއެމްގައި ޚިދުމަތް ކުރައްވަމުންދާކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝައިޚުލް އަޒްހަރަށާއި އެ ޔުނިވަރސިޓީގެ އިސް ވެރިންނަށް ޝުކުރު އަދާކުރައްވައި ވައިސް ޗާންސެލަރ ޑރ.ޢަލީ ޒާހިރުވަނީ ޤުރުއާނާއި އިސްލާމިކް ސްޓަޑީޒްގެ ދާއިރާތަކުން އަދި ޢިލްމީ ފެންވަރު މަތިކުރުމުގެ އެކިއެކި ފުރުޞަތުތައް އަޒްހަރު ޔުނިވަރސިޓީން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
މި ބައްދަލުވުމުގައި މިޞްރުގެ ޝައިޚުލް އަޒްހަރު އަދި އިމާމުލް އަކްބަރު ފަޟީލަތުއްޝައިޚް ޑޮކްޓަރ އަޙްމަދު މުޙައްމަދު އަލް-ޠައްޔިބް ވަނީ އައިޔޫއެމް އިން އެދޭ ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މިޞްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ދެމެދު ތަޢުލީމީ އަދި ތަރައްޤީގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރެވެ. އަދި އަލް-އަޒްހަރު ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ރައީސް ޕްރޮފެސަރ ޑރ. ސަލާމާ ޖުމުޢާ ދާއޫދެވެ.
ޝައިޚުލް އަޒްހަރަކީ މިހާރު 1000 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މިޞްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީގެ ދީނީ އަދި އެކެޑެމިކް ކަންކަން ނިންމާ އެންމެ އިސް ފަރާތެވެ. ވައިސް ޗާންސެލަރ ގެ އިތުރުން މި ބައްދަލުވުމުގައި އައި.ޔޫ.އެމް ގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛް އަޙްމަދު އަމީން މުޙައްމަދާއި އެ ޔުނިވަރސިޓީގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޢިލްމީ ކުރިއެރުމަށް އަޒްހަރު ޔުނިވަރސިޓީއާއި މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ