ނޫޙުގެފާނާ ޤައުމުގެ ބޮޑުންނާ ދެކެވުނު ވާހަކަ

ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންގާތު ބުނަމުން ގެންދެވީ އެބައިމީހުން ކުރަމުން އައި ޝިރުކުގެ ޢަމަލުތަކަށް ތައުބާވުމަށެވެ. އެ ގޮތަށް އެ ކަން ކޮށްފިއްޔާ ﷲ އެބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެ ކަމަށާއި ފަސްވެގެންވާ މުއްދަތަކަށް އެބައިމީހުންގެ އުމުރު، މާތް ﷲ ދިގުކޮށްދެއްވާނެކަމަށް ވެސް އެކަލޭގެފާނު ވިދާޅުވިއެވެ. ނޫޙުގެފާނަކީ ﷲ ފޮނުއްވެވި އެންމެ ފުރަތަމަ ރަސޫލާއެވެ. މީސްތަކުން ޝިރުކުގެ އަނދިރީގައި މަގުއޮޅެމުން ދަނިކޮށް އެބައިމީހުން ހިދާޔަތުގެ މަގަށް ގެންނެވުމަށް ޓަކައި ދީނަށް ގޮވައިލެއްވުމުގެ މަސައްކަތްޕުޅު، މާތް ﷲ އެކަލޭގެފާނާ ހަވާލުކުރެއްވިއެވެ. އަދި އެ މަސައްކަތްޕުޅުގައި އެކަލޭގެފާނު ކެތްތެރިކަމާ އެކު ސާބިތުވެ ހުންނެވިއެވެ. ޞަލާލަތުގެ އަނދިރިކަމުގެ ތެރެއަށް އެބައިމީހުން ވެއްޓިގެން ދިޔައީ، ދުނިޔޭގައި އުޅުނު ވަރަށް ޞާލިޙު ބައެއް މަރުވެ ދިޔަތާ އެތައް ޖީލެއްގެ ފަހުންނެވެ. އެ މީހުންގެ ސޫރަހަދައި، ފަހުން އެސޫރަތައް ބުދުތަކަށް ބަދަލުކޮށް ޖީލަކަށްފަހު ޖީލެއް މަގުފުރައްދައި އެ ކަންކަން ފަހުން އަންނަ މީހުންނަށް ޝައިޠާނާ ގެންދިޔައީ ޒީނަތްތެރިކޮށްދެމުންނެވެ. މި ކަންކަމުގެ މުގުލުގައި ތިބެނީ ޤައުމުގެ ބޮޑުންނެވެ. ނޫޙުގެފާނު، އެއްކައުވަންތަ ކަމަށް ގޮވައިލެއްވުމުން އެ ކަން ވެގެންދިޔައީ މީގެ ކުރިން އެ މީހުން ނުދަންނަ އާ ވާހަކައަކަށެވެ. އެކަލޭގެފާނު އުޅުއްވަނީ އެ މީހުންގެ ހުރިހާ އިލާހުންތަކެއް އެއް އިލާހަކަށް ހައްދަވަންކަމަށް ބުނެ، ބޮޑުން އެކަލޭގެފާނަށް ރުޅިއަރަން ފަށައިފިއެވެ. އެ މީހުންގެ ކާބަފައި ޒަމާނުއްސުރެ އެ މީހުން އުޅެމުން އައި ގޮތް ބަދަލުކުރަން ނޫޙުގެފާނު ފެއްޓެވީ އެކަލޭގެފާނު ސިކުނޑިފުޅުގެ ބަލިމަޑުކަމެއް ޖެހިވަޑައިގެން ކަމަށް ބުނަމުންދިޔައެވެ. އެކަލޭގެފާނަކީ އެމީހުންގެ ތެރޭގައި އުޅެ ބޮޑުވި ބޭފުޅެއް ކަމާއި މިހާރު ސިކުނޑިފުޅު ގޯސްވެ މޮޔަފުޅުވެފައި ހުންނެވި ކަމަށް އެބައިމީހުން ބުންޏެވެ. އެކަލޭގެފާނަކީ މޮޔައެއް ކަމަށް ބުނެ ޤައުމުގެ މީހުން ދެއްކި ވާހަކަ، މާތް ﷲ ވަނީ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވައިފައެވެ. ﴿قَالَ الْمَلَأُ مِن قَوْمِهِ إِنَّا لَنَرَاكَ فِي ضَلَالٍ مُّبِينٍ‏﴾ ‎(الأعراف: ٦٠)‏ މާނައީ: "އެކަލޭގެފާނުގެ ޤައުމުގެ ބޮޑުން ބުނޫއެވެ. ހަމަކަށަވަރުން، އަހުރެމެންނަށް ފެންނަނީ، ފާޅުވެގެންވާ ފުރެދުމެއްގައި ކަލޭގެފާނު ވާތީއެވެ." ޤައުމުގެ ބޮޑުން ބުނަންފެށީ ނޫޙުގެފާނު ހުންނެވީ ވަރަށް ބޮޑު މަގުފުރެދުމެއްގައި ކަމަށެވެ. އެ މީހުން ބުނަމުން ދިޔައީ "ތިމަންމެންގެ ކާބަފައިންސުރެ ތިމަންމެންމިތިބީ ހިދަޔަތުގެމަތީގައެވެ." މިފަދަ ބަސްތައް ބުނަމުން އެގެންދަނީ އެތައް އަހަރެއްގެ ގެއްލެނިވުމެއްގެ ފަހުން ކަން ޚުދު އެބައިމީހުންނަކަށް ނޭނގެއެވެ. އެބައިމީހުންގެ މި ބުނުމަށް ޖަވާބުދެއްވައި ނޫޙުގެފާނު ވިދާޅުވި ބަސްފުޅު މާތް ﷲ ޤުރުއާނުގައި ބަޔާޏްކުރެއްވީ މިފަދައިންނެވެ. ﴿قَالَ يَا قَوْمِ لَيْسَ بِي ضَلَالَةٌ وَلَٰكِنِّي رَسُولٌ مِّن رَّبِّ الْعَالَمِينَ‏﴾ ‎(الأعراف: ٦١)‏ މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް ފުރެދުމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހުރެންނީ، ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައި ރަސޫލަކީމެވެ." އެކަލޭގެފާނުގެ ދަޢުވަތު އިތުރަށް ޔަޤީންކޮށްދެއްވުމަށް އެބައިމީހުންނަށް ވިދާޅުވިއެވެ. ﴿أُبَلِّغُكُمْ رِسَالَاتِ رَبِّي وَأَنصَحُ لَكُمْ وَأَعْلَمُ مِنَ اللَّهِ مَا لَا تَعْلَمُونَ‏﴾ ‎(الأعراف: ٦٢)‏ މާނައީ: "އަހުރެންގެ ވެރިރަސްކަލާނގެ ރަސޫލުކަން ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި ތިޔަބައިމީހުންނަށް ނަސޭހަތްތެރިވަމެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތައް ﷲގެ ޙަޟްރަތުން އަހުރެންނަށް އެނގެއެވެ." އެކަލޭގެފާނުގެ މި ޢަމަލާ މެދު އެ ޤައުމުގެ މީހުން އެކިއެކި ގޮތްގޮތަށް ވާހަކަ ދެއްކިއެވެ. އޭގެތެރެއިން އެއް ބުނުމަކީ އެކަލޭގެފާނު އުޅުއްވަނީ އައު ވާހަކަފުޅެއް ދައްކަވައިގެން މުދަލާއި ފައިސާ ހޯއްދަވަން ކަމުގައި ބުނި ވާހަކައެވެ. އެހެނަސް އެއީ އެކަލޭގެފާނުގެ އިރާދަފުޅު ނޫންކަން ބަޔާންކޮށް އެބައިމީހުންގެ ގާތުގައި އެ ވާހަކަ ވެސް ދެންނެވިއެވެ. ﴿ وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ‏‏﴾ ‎( الشعراء: ١٠٩)‏ މާނައީ: " އަދި އަހުރެން އެ ރަސޫލުކަން އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން މެނުވީ، އަހުރެންނަށް ސަވާބުދެއްވުމެއް ނުވެއެވެ." ﴿فَاتَّقُوا اللَّهَ وَأَطِيعُونِ ‎﴾‏ ‎( الشعراء: ١١٠)‏ މާނައީ: "ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!" ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ ބޮޑުންނާ ވެސް ދައްކަވަމުން ގެންދެވީ އެންމެ ވާހަކަފުޅެކެވެ. އެއީ އެއްކައުވަންތަ އިލާހަށް ކިޔަމަންވުމުގެ ވާހަކައެވެ. އެއިލާހާ ބައިވެރިންތަކެއް ނުލުމަށް ގޮވައިލިގޮވައިލެއްވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ