މިލާން (އޭޕްރީލް 23) - ފްރެންްޗް ލީގުގައި ރޭ ނޯންޓެސްއާ 1-1 އިން އެއްވަރުވި ޕީއެސްޖީން އިޓަލީގެ އޭސީ މިލާނުގެ އަތުގައި އޮތް ރެކޯޑެއް މުގުރާލައިފި އެވެ.
ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން ރަށުން ބޭރުގައި މެޗަކުން ބަލިނުވެ، އެންމެ ގިނަ މެޗު ނިންމާލި ރެކޯޑް މީގެ ކުރިން އޮތީ މިލާން އަތުގަ އެވެ. އެ ގޮތުން، މިލާން ވަނީ 1991 އިން 1993 އަށް ރަށުންބޭރުގައި އިޓާލިއަން ލީގުގައި ކުޅުނު 38 މެޗުން ބަލިނުވެ ނިންމާލައިފަ އެވެ. މިލާންގެ 32 އަހަރުވީ އެ ރެކޯޑަށް ނިމުން އަތުވީ ޕީއެސްޖީން ރޭގެ ނަތީޖާއާ އެކު އެވެ. ޕީއެސްޖީން އެ ރެކޯޑް މުގުރާލީ ލީގުގައި ރަށުންބޭރުގައި 39 މެޗު ބަލިނުވެ ނިންމާލައިގެންނެވެ.
ފްރެންޗް ލީގުގައި މި ފަހަރު ބަލިނުވެ އޮތް ޕީއެސްޖީން ލީގު ޗެމްޕިއަންކަން ވެސް ވަނީ ޔަގީންކޮށްފަ އެވެ. ޕީއެސްޖީން ރޭގެ މެޗުގައި ލީޑުނެގީ ފުރަތަމަ ހާފުގަ އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ 33 ވަނަ މިނިޓްގައި ވިޓީނިއާ އެވެ.
މެޗުގެ ބޮޑުބައި ޕީއެސްޖީން ލީޑުގައި އޮތްއިރު، އަމިއްލަ ދަނޑުގައި ކުޅުނު ނޯންޓެސް އިން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި ވަނިކޮށް އެއްވަރުކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ، ޑަގްލަސް އަގުސްޓޯ އެވެ.
ޕީއެސްޖީ އެއް ވަނައިގައި އޮތީ 30 މެޗުން 78 ޕޮއިންޓާ އެކު އެވެ. މި ސީޒަނުގައި ޕީއެސްޖީ ކުޅުނު 30 މެޗުގެ ތެރެއިން 24 މެޗުން މޮޅުވިއިރު، ހަ މެޗުން ވީ އެއްވަރެވެ. ބަލިނުވެ، ބާކީ އޮތް ހަަތަރު މެޗު ނިންމާލައިފިނަމަ، ޕީއެސްޖީ ވެގެންދާނީ ފްރެންޗް ލީގުގެ ތާރީހުގައިވެސް މެޗަކުން ބަލިނުވެ ލީގު ނިންމާލި ފުރަތަމަ ޓީމަށެވެ.
ޔޫރަޕްގެ ފަސް ލީގުގެ ތެރެއިން މެޗަކުން ބަލިނުވެ، ލީގު ޗެމްޕިއަންކަން ހޯދި ޓީމުތަކަކީ، 1889 ވަަނަ އަހަރު ޕްރެސްޓަން ނޯތު އެންޑް، 1979 ވަނަ އަހަރު ޕެރޫޖިއާ، 1992 ވަނަ އަހަރު އޭސީ މިލާން، 2004 ވަނަ އަހަރު އާސެނަލް، 2012 ވަނަ އަހަރު ޔުވެންޓަސް އަދި 2024 ވަނަ އަހަރު ބަޔާ ލެވަކޫސަން އެވެ.
ޕީއެސްޖީން މިލާންގެ ރެކޯޑެއް މުގުރާލައިފި ޕީއެސްޖީން މިލާންގެ ރެކޯޑެއް މުގުރާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ