ބަހަލްގަމަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހިތާމަކުރަން: ރައީސް

ކަޝްމީރުގެ ރަށެއްކަމަށްވާ ބަހަލްގަމްގެ ރިސޯޓެއްގައި ފަތުރުވެރިންނަށް އަމާޒުކޮށް އިއްޔެ ދިން ޓެރަރިސްޓު ހަމަލާގައި ފުރާނަ ގެއްލުނު މީހުންނާއި އަނިޔާ ލިބުނު އާއިލާތަކުގެ ހިތާމައިގައި ރާއްޖެއިން ބައިވެރިވާކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޓެރަރިސްޓު ހަމަލާގައި 28 މީހަކު ވަނީ މަރުވެފައެވެ. އަދި ގިނަ ބަޔަކު ވަނީ ހަމަލާތަކުގައި ޒަޚަމްވެފައެވެ. 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ބަހަލްގަމްގައި ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި ކުށެއް ނެތް އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ. އަދި ޓެރަރިޒަމްގެ ކުށްތަކާ ދެކޮޅަށް އަބަދުވެސް ދިވެހި ސަރުކާރުން ދެމިއޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "މި ދަތި ދަނޑިވަޅުގައި، އަނިޔާ ލިބުނު ފަރާތްތަކާއި، އެ މީހުންގެ އާއިލާތަކާއެކު ހިތާމައިގައި އަޅުގަނޑުމެން ވެސް ޝާމިލުވަން،" ރައީސް ވިދާޅުވިއެވެ. https://x.com/MMuizzu/status/1914952076423287062 ކަޝްމީރުގެ އިންޑިއާ ފުލުހުންނާ ހަވާލާދީ ރޮއިޓާސްއިން ބުނި ގޮތުގައި މިއީ ފަތުރުވެރިންނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއެކެވެ. މި ހަމަލާދިނީ އިންޑިއާގެ ކިބައިން ކަޝްމީރު މިނިވަންކުރުމަށް ހަނގުރާމަ ކުރާ ހަތިޔާއެޅި ޖަމާއަތްތަކުގެ ތެރެއިން ޖަމާއަތެއްގެ ބައެކެވެ. މި ހަމަލާތައް ދިންކަމަށް ވަނީ ބަޑިންނެވެ. ހަމަލާދިނީ ޖަންމޫ ކަޝްމީރުގެ ބަހަލްގަމް ސަރަހައްދުގެ ތަނެއްކަމަށްވާ މީޑޯ ނަމަކަށް ކިޔާ ރިސޯޓަކަށެވެ. މި ރިސޯޓް އޮންނަނީ ބަހަލްގަމްގެ މީހުން ދިރިއުޅޭ ސަރަހައްދާ ފަސް ވަރަކަށް ކިލޯމީޓަރު ދުރުގައެވެ. އިންޑިއާގެ ފުލުހުން ޖަންމޫ ކަޝްމީރުގައި -- ޖަންމޫ ކަޝްމީރަކީ އިންޑިއާ ހިފައިގެން އުޅޭ ސަރަހައްދަކަށްވާތީ އެތަން މިނިވަންކުރުމަށް ހަނގުރާމަ ކުރާ ޖަމާއަތްތަކުން ބައެއްފަހަރު ފަތުރުވެރިން އެއްވެ އުޅޭ ސަރަހައްދުތަކަށް ވެސް ހަމަލާދެއެވެ. އެއީ ކަޝްމީރުގެ ފަތުރުވެރިކަމުގެ އާމްދަނީ އިންޑިއާ ސަރުކާރަށް ލިބޭތީ ކަމަށް އެ ޖަމާއަތް ތަކުން ބުނެއެވެ. މީގެ ކުރިން ވެސް ކަޝްމީރަށް އަންނަ ފަތުރުވެރިންނަށް އަމާޒުކޮށް ހަމަލާތައް ދެއެވެ. ނަމަވެސް މިފަހަކަށް އައިސް ހަމަލާތައް ވަނީ ވަރަށް ބޮޑަށް މެދުކެނޑިފައެވެ. މިބާވަތުގެ ހަމަލާއެއް ނުދޭތާ ވަނީ އަހަރަކަށްވުރެ ގިނަދުވަސް ވެފައެވެ. އިންޑިއާގެ ނޫސް އެޖެންސީ އެއްކަމަށްވާ 'ޕްރެސް ޓްރަސްޓް އޮފް އިންޑިއާ' ބުނާގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވަނީ އޭނާ ސައޫދީ އަރަބިޔާއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު މިއަދު ހެނދުނު އެނބުރި ގައުމަށް ވަޑައިގެންފައެވެ. އެއީ މި ހާދިސާގެ ސީރިޔަސްކަމުންނެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެޝް ވަނީ މި ހާދިސާ ކުށްވެރި ކުރައްވައި ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި އާންމުންނަށް އަމާޒުކޮށް ހަމަލާދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައިވެއެވެ. އިންޑިއާއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ނައިބު ރައީސް ޖީޑޭ ވާންސް ވަނީ އާންމުންނަށް ހަމަލާދިނުމަކީ ޓެރަރިޒަމް ކަމަށާއި އާންމުންނަށް ހަމަލާދީ ޓެރަރިޒަމް ހިންގުން އެމެރިކާއިން ބަލައި ގަންނާނެ ކަމެއް ނޫންކަމަށް ވިދާޅުވެ ބަޔާނެއް ދެއްވާފައެވެ. މިހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ވެސް އެމެރިކާގެ ނައިބު ރައީސް ޖީޑޭ ވާންސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ