ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް އެކި އަމިއްލަ ފަރާތްތަކުން 1.4 ބިލިއަން ރުފިޔާ ދައްކަން ޖެހި ނުދައްކާ އޮތް ކަމަށް މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓަކުން ހާމަވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހުޅުމާލެ އާއި ތިލަފުށި ފަދަ އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުން ބިމާއި އިމާރާތް ކުއްޔަށް ނެގުމަށް ފަހު އަމިއްލަ ބައެއް ވިޔަފާރިތަކުން ގިނަ އަދަދެއްގެ ފައިސާ ނުދައްކާ ހުރި މައްސަލައިގައި މާލިއްޔަތު ކޮމާލިއްޔަތު ކޮމިޓީން ވަނީ އެޗްޑީސީން މައުލޫމާތު އެއްކޮށް ރިޕޯޓެއް އެކުލަވާލައިފަ އެވެ. އެގޮތުން:
އެ ރިޕޯޓް މިއަދު ވަނީ ކޮމިޓީ ބައްދަލުވުމުގައި ފާސްކޮށްފައި
ތަފްސީލް - ރިޕޯޓް ފާސްކުރުމުގެ ކުރިން ކޮމިޓީގެ އިދާރީ މޭޒުން މެންބަރުންނަށް ހުށަހެޅި ރިޕޯޓްގެ ހުލާސާ މައުލޫމާތުތަކުގައިވާ ގޮތުގައި އެޗްޑީސީއަށް އެކި ފަރާތްތަކުން ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ނުދައްކާ އެބަ އޮތެވެ. އޭގެ ތެރޭގައި 30އަށް ވުރެ ގިނަ ކުންފުނި ހިމެނެ އެވެ. އެގޮތުން:
މާލީ ދަތިތަކާ ހުރެ ފައިސާ ދައްކަން ލުއި ދީފައިވާ ފަރާތްތަކުން ލިބެން ޖެހޭ އަދަދު 193 މިލިއަން ރުފިޔާއަށް އަރާ
ފައިސާގެ ދައްކަން ލުއިދިން ފަރާތްތަކުން އަދި ލިބިފައި ވަނީ 28.1 މިލިއަން ރުފިޔާ
އޭގެ ތެރޭގައި ގިނައީ ހުޅުމާލޭގައި ފްލެޓް އިމާރާތައް ހަދަން ދީފައިވާ ކުންފުނިތައް
އެ ރިޕޯޓްގައި ވަނީ ކުލި ނުދެއްކުމުގެ ސަބަބުން އެ ފައިސާ ހޯދުމަށް އެކި ކުންުފުނިތަކާ މެދު އަޅާފައިވާ ފިޔަވަޅުތަކާއި އަދި އެ ބިންތަކާ މެދު އަމަލުކޮށްފައިވާ ގޮތުގެ ތަފްސީލް ވެސް ހިމަނައިފަ އެވެ. އެގޮތުން:
ކުލި ނުދެއްކުމުން އެގްރިމަންޓް ބާތިލްކޮށް އާ ބަޔަކަށް ކުއްޔަށް ދީފައިވާ - 64 ބިން
އެގްރިމަންޓް ބާތިލްކޮށް އެޗްޑީސީގެ ބޭނުމަށް ނަގާފައިވާ - 16 ބިމެއް
އެގްރިމަންޓް ބާތިލްކޮށް ކުއްޔަށް ނުދޭން ނިންމާފައި - 28 ބިމެއް
ވަގުތީ ގޮތުން ބޭނުން ކުރުމަށް ދޫކުރާ - 12 ބިމެއް
ފާހަގަކޮށްލެވޭ - ނުލިބި ހުރި ފައިސާ ހޯދުމުގެ މައްސަލަ ހައްލު ކުރުމަށާއި ބިންތައް ވިޔަފާރިތަކަށް ކުއްޔަށް ދިނުމުގައި އެޗްޑީސީއިން އަމަލު ކުރަން ޖެހޭ އުސޫލުތަކެއް ރެކޮމެންޑޭޝަންތަކެއްގެ ގޮތުގައި ރިޕޯޓްގައި ހިމެނުމަށް ވަނީ ފާސްކޮށްފަ އެވެ. އެގޮތުން އެ ކުންފުންޏަށް ކޮމިޓީން އަންގާ މުހިންމު އެންގުންތަކަކީ:
ކުއްޔަށް ދީފައިވާ ބިންތަކާއި އިމާރާތްތަކުން ނުލިބި ހުރި ފައިސާ ހޯދުމަށް ހަރުދަނާ އުސޫލެއް އެކުލަވާލައި 30 ދުވަހުގެ ތެރޭގައި ކޮމިޓީއަށް ހުށަހެޅުން
ކުލީގެ ބިންތަކާއި އިމާރާތްތަކުން ފައިސާ ނުދައްކާ ތަންތަނުގައި ހުރި ކުންފުނިތަކުގެ ހަރުމުދާ ހިސާބުކޮށް އެފަދަ ތަންތަން ހިފަހައްޓައި ފައިސާ ހޯދަން ފިޔަވަޅު އެޅުން
އެޗްޑީސީގެ ބިޑްތަކުގައި ބައިވެރިވާ ފަރާތްތަކަކީ އެޗްޑީސީއަށް އެއްވެސް ފައިސާއެއް ދައްކަން ނެތް ފަރާތްތަކެއްކަން ޔަގީންކުރުން
ސީއެސްއާރުގެ ދަށުން ކަމަކަށް ބިން ދޫކުރާއިރު އެކަމުން އާންމުްނާއި ކުންފުންޏަށް ލިބޭނޭ މަންފާ އާއި ފައިދާ ދެނެގަތުމަށް ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށް ފަހު ނޫނީ ސީއެސްއާރަށް ބިން ދޫނުކުރުން
މާލީ ދަތިކަމެއްގެ ސަބަބުން ކުލި ދެއްކުމަށް ލުއި ދިނުމާ ގުޅޭ ގޮތުން އެއް ހަމައަކުން އަމަލު ކުރުމަށް ހާއްސަ އުސޫލެއް އެކުލަވާލައި އަމަލުކުރުން
އެނގުން މުހިންމު - އެޗްޑީސީން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބުނެފައި ވަނީ އެ ކުންފުންޏަށް ފައިސާ ނުދައްކާ ކުންފުނިތަކުގެ މައުލޫމާތު އާންމުކުރަން ގަސްތުކުރާކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ފައިސާ ނުދައްކާ ފަރާތްތަކުން ފައިސާ ދެއްކުމަށް އިލްތިމާސްކުރި އެވެ.
އެޗްޑީސީއަށް އަމިއްލަ ފަރާތްތަކުން ލިބެން ޖެހޭ 1.4 ބިލިއަން ރުފިޔާ ހޯދަން އަންގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ