ދިގު މުއްދަތެއްގެ ޖަލު ހުކުމްތަކެއް އަންނާނެ 3 ދައުވާއެއް ޝަމްއާންގެ މައްޗަށް އުފުލައިފި

ކޮރަޕްޝަންގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާއާއެކު ތިން ދައުވާއެއް އުފުލައި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ. ޕީޖީ އޮފީހުން މިރޭ ބުނީ ޝައްމާންގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯޑްރިންގެ ކުށުގެ ދައުވާއެވެ. މި ތިން ދައުވާގެ އަދަބުގެ ގޮތުގައި: ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ: ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ: އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން. މަނީ ލޯޑްރިންގެ ކުށުގެ ދައުވާ: ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ ފަސް ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން. ނާޖާއިޒު ފައިދާ ނެގި ކަމަށް ތުހުމަތު ކުރެވޭ މީހުން--- ޝަމްއާންގެ އިތުރުން އެ މައްސަލައިގައި ބަންދުގައި ތިބި އިމިގްރޭޝަންގެ ހަތަރު އޮފިސަރުންގެ މައްޗަށް ދައުވާކުރުމަށް ވެސް ޕީޖީން ވަނީ ފޮނުވައިފައެވެ. އެ ހަތަރު އޮފިސަރުންނަށް ކޮށްފައިވާ ދައުވާތަކަކީ: 1. އިބްރާހިމް އަހުމަދު، ގ. ހެޕީ ސައިޑް ފޭރުމުގެ ކުށުގެ ދައުވާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ 2. މުހައްމަދު އަލްސަން އިސްމާއިލް، މޫނިމާގެ/ ތ. ބުރުނި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ 3. ހަސަން ސެހެޝާން، ގ. ހެޕީ ސައިޑް ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ 4. އަހުމަދު ލައްސާން، މ. ހަޒާރީވިލާ ފޭރުމުގެ ކުށުގެ ދައުވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ހޯމް މިނިސްޓަރު އަލީ އިހުސާނާއެކު ޝަމްއާން -- ފޮޓޯ/ އިމިގްރޭޝަން މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި ޝަމްއާން ހައްޔަރުކުރީ މާރިޗް މަހުގެ 21ވަނަ ދުވަހުގެ ރޭގައެވެ. އޭގެ ފަހުން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު، އެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ނާކާމިޔާބުވިއެވެ. އެ މައްސަލައިގައި ޝައްމާންގެ އާއިލާއިން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ ގޮތުންކަމަށެވެ. އަދި ޝަމްއާން ބަންދުކުރަން އިހުސާން މަސައްކަތް ފެށި އަނެއް ސަބަބަކީ، އޭނާގެ އަތުގައި އިހުސާންގެ "ވީޑިއޯ"އެއް އޮތްކަން އިހުސާނަށް އެނގިލެއްވުމުން ކަމަށެވެ. އިހުސާނަށް އެނގިލެއްވިކަމަށް އެ ބުނަނީ ކޮން "ވީޑިއޯ"އެއް ކަމެއް އާއިލާގެ ބަޔާނުގައި ނުބުނެއެވެ. މީގެ އިތުރުން ހޯމް މިނިސްޓްރީ ހިންގުމާއި އިމިގްރޭޝަން ބެލެހެއްޓުމުގައި އިހުސާން ވަނީ ކޮރަޕްޝަނުގެ އެތައް އަމަލުތަކެއް ހިންގައިފައި ކަމަށް އާއިލާއިން ތުހުމަތުކުރިއެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ޝަމްއާން އެ މައްސަލައިގައި ފްރޭމް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ