ހަރަދު ބޮޑުވެގެން ފައިސަލް ފޮނަދުއަށް ދިރިއުޅުން ބަދަލު ކުރަނީ

މިދިޔަ އަންގާރަ ދުވަހު ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރި އިބްރާހީމް ފައިސަލް އޭނާގެ އުފަން ރަށް ލ. ފޮނަދޫއަށް ދިރިއުޅުން ބަދަލުކުރައްވަން ނިންމަވާފައިވާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
ބުނީ ކީކޭ؟ - ފައިސަލް 'ދައުރު'އަށް ވިދާޅުވި ގޮތުގައި އެ ގޮތަށް ނިންމަން ޖެހުނީ ވަގުތު އޭނާގެ ހަގު ދަރިފުޅަށް އެންމެ ފަސް މަސް ވެފަައި މާލޭގައި އުޅޭނަމަ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެފައިވާތީ އެވެ. އަދި އެއީ ބައްޕަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވި ނިންމެވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މަހުގެ ތެރޭގައި އަޅުގަނޑު ބަދަލުވާނެ. މިހާރު ބޭބީއަށް އަދި އެންމެ ފަސް މަސް. ދިރިއުޅުމުގެ ހަރަދުތައް ވެސް ކޮންމެވެސް ވަރަކަށް އެބަ ބޮޑުވޭ މާލޭގައި އުޅެން. މިހާރު ކުރިން ލިބުނު މުސާރަ ވެސް ނުލިބޭނެ. އާމްދަނީއަށް މަސައްކަތްތަކެއް ކުރެވޭނެ ރަށުން ވެސް،" ފައިސަލް ވިދާޅުވި އެވެ.
ސިޔާސީ މަސައްކަތް ބައްޓަން ކުރާނެ ގޮތަކާ ގުޅޭ ގޮތުން ފައިސަލްއާއި ބައްޕަ އަބްދުއްރަހީމްގެ ވިސްނެވުން ހުންނެވީ ކިހިނެއްތޯ ސުވާލުކުރުމުން ފައިސަލް ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުއާ ބައްޕަ މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި ބައްޕަ އަބްދުއްރަހީމް ސަރުކާރާއެކު ދެމިހުންނަވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"ބައްޕަ ހުންނާނެ ސަރުކާރާއެކު. އަޅުގަނޑު ވަކިކުރުމުން ބައްޕަ އެ ދުވަހު މެލޭޝިއާގައި ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގެން މަޝްވަރާ ކުރައްވައިފައިވީ. ބައްޕަ އަޅުގަނޑަށް ނަސޭހަތް ދެއްވީ ސިޔާސީ ކަންކަމުގައި ކެތްތެރިވެ ހުރުމަށް،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް މި ވަގުތު އެއްވެސް ޕާޓީއެއްގެ ދަފްތަރުގައި ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ސިޔާސީ މަސައްކަތުން މުޅީން ދުރަށް ޖެހުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި ޕީއެންސީގެ މި ސަރުކާރަކީ އޭނާގެ ވެސް ހިއްސާއެއް އޮތް ސަރުކާރެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އޮތީ ޕީޕީއެމްގެ ދަފްތަރުގައި. ޕީޕީއެމްގެ ސެނެޓް މެންބަރެއް. ނަމަވެސް މިހާރު ޕީޕީއެމް އުވާލުމުން އެއްވެސް ޕާޓީއަކު ވެސް ނޫން މި ހުރީއެއް. ސަރުކާރުން ވަކިކުރުމުން ވަކި ސަރުކާރަކާއެކު ވެސް ނޫން މި ހުރީއެއް. އެހެންވިޔަސް ސިޔާސީ މަސައްކަތް މުޅީން ހުއްޓާލުމުގެ ވިސްނުމެއް ވެސް ނުގެންގުޅެން،" އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - ފައިސަލް މިނިސްޓަރުކަމުން ވަކިކުރުމާއެކު، އޭނާގެ ބައްޕަ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ރައީސް މުހައްމަދު މުއިއްޒުއާ ދެމެދު ގުޅުން ގޯސްކަން ސާފުވެގެން ދިޔަ އެވެ. އަބްދުއްރަހީމް 'ދައުރު' އަށް އިންޓަވިއު ދެއްވަމުން އެ ކަމަށް އެއްބަސްވެވަޑައިގެންފައިވަނިކޮށް މިހާރު ސުލްހަކޮށްފައިވާ ކަމަށް އެނގިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ