މަގޫދޫ އެއަރޕޯޓް ޓަރމިނަލާއި ރަންވޭގެ ގިނަ މަސައްކަތްތަކެއް ނިމިއްޖެ: އެމްޓީސީސީ

ފ.މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ޓަރމިނަލާއި ރަންވޭގެ ގިނަ މަސައްކަތްތަކެއް ނިމިފައިވާކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
މަގޫދޫ އެއަރޕޯޓްގެ މަސައްކަތް ފަށާފަވަނީ 2023 ވަނަ އަހަރުގެ ކުރީކޮޅުއެވެ. މަސައްކަތްތައް މަޑުޖެހިފައި އޮތުމަށްފަހު އަލުން އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
އެމްޓީސީސީން ވިދާޅުވީ ފ. މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ރަންވޭގައި ތާރުގެ ކުރިން އަޅާ އޭބީސީ ލޭޔަރ އެޅުމުގެ %56 މަސައްކަތް ނިމިފަވާކަމަށެވެ. އަދި ޓަރމިނަލް ބިލްޑިންގ އިމާރާތް ކުރުމުގެ %53 މަސައްކަތްވެސް މުޅިން ނިމިފަވާކަމަށެވެ. މީގެއިތުރުން ފަޔަރ ބިލްޑިންގ އިމާރާތްކުރުމުގެ %24 މަސައްކަތް ވަނީ ނިމިފައެވެ.
މަގޫދޫ އެއަރޕޯޓް ތަރައްޤީކުރަނީ ރަށުގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ.
މަގޫދޫ އެއަރޕޯޓުގައި ފުރަތަމަ ތަރައްޤީކުރަން ނިންމީ 1200 މީޓަރުގެ ރަންވޭއެކެވެ. އެހެންނަމަވެސް މިހާރުވަނީ އެއަރޕޯޓުގައި 1800 މީޓަރުގެ ރަންވޭއެއް އެޅުމަށް ނިންމާފައެވެ. މަގޫދޫ އެއަރޕޯޓް މަޝްރޫއަކީ ސަރުކާރުން 231 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
ފ.މަގޫދޫގައި ތަރައްޤީ ކުރަމުން އަންނަ އެއަރޕޯޓުގެ ހިންގުން ހަވާލުކޮށްފައިވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއާއެވެ.
ސަރުކާރުން ދަނީ ފ. އަތޮޅު ނިލަންދޫގައިވެސް އެއަރޕޯޓް ތަރައްޤީކުރަން ނިންމާ، އެކަމުގެ މަސައްކަތްތައްވެސް ކުރިއަށްގެންދަމުންނެވެ.
މި މަޝްރޫޢުގައި ސިނާޢީ މަސައްކަތްތަކަށާއި އިޖްތިމާޢީ ބޭނުންތަކަށް ރަށަށް އިތުރުކުރެވޭ ޖާގަޔާއެކު ޖުމްލަ 48 ހެކްޓަރުގެ ބިން އެމްޓީސީސީން ހިއްކައެވެ. މި ޕްރޮޖެކްޓާއެކު 3300 އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިމާޔަތްކޮށް، ބޮޑުހިލައިގެން ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ