ޕީއެންސީގެ ދަފުތަރާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޭޕްރީލް 13ގެ ނިޔަލަށް
އިލެކްޝަންސް ކޮމިޝަން (އީސީ)ން އާންމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގެ ތެރެއިން ސަރުކާރު ހިންގާ ޕީއެންސީގެ ދަފުތަރާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ. ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް، ގިނަ ބަޔަކަށް ނޭނގި އެ މީހުން އެ ޕާޓީއަށް ވެއްދި މައްސަލަތަކެއް އޮތީ ފެންމަތިވެފައެވެ. އަދި އެ ކަން ކުރީ، ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އެ ކަން ކުށްވެރިކޮށް، މައްސަލަ ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ވެސް ގޮވައިލިއެވެ. https://sun.mv/201834 އީސީން އާންމުކުރި ސިޔާސީ ޕާޓީތަކުގެ ދަފުތަރާމެދު ޝަކުވާ ހުށަހެޅުމަށް ހުޅުވައިލި މުއްދަތުވަނީ މިދިޔަ ހޯމަ ދުވަހަށް ހަމަވެފައެވެ. މި ކަމާ ގުޅިގެން ޕީއެންސީން މިއަދު ކުރި އިއުލާނެއްގައިވަނީ އެ ޕާޓީގެ ދަފުތަރާމެދު އާންމުންގެ ޝަކުވާތައް ހުރިކަން ފާހަގަވުމާއެކު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި އަހަރުގެ ޖެނުއަރީ 13ގައި އާންމުކޮށް ހުޅުވާލާފައިވާކަން ފާހަގަކޮށްފައެވެ. ޕީއެންސީން ބުނީ ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. މީގެ އިތުރުން އެ ޕާޓީގެ ދަފުތަރުގެ ސައްހަކަން ކަށަވަރުކުރުމާއި، ދަފުތަރު ބެލެހެއްޓުން، އިދާރީ އޮނިގަނޑުގެ ތެރެއިން އިތުރަށް ހަރުދަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ. އެ ގޮތުން އީސީން އާންމުކުރި ދަފުތަރާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއެއް ޕީއެންސީގެ މައި އިދާރާ، ނުވަތަ ރަށްރަށުގެ ސްޓިއަރިން ކޮމިޓީތަކަށް އަންނަ އޭޕްރީލް މަހުގެ 13ވަނަ ދުވަހުގެ 15:00ގެ ނިޔަލަށް ހުށަހެޅުމަށް އެ ޕާޓީން ވަނީ އާންމުންނަށް ފުރުސަތު ހުޅުވާލައިފައެވެ. އަދި ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައި ބުނެފައިވެއެވެ. މި ދޭތެރެއިން ވަގަށް ޕީއެންސީއަށް ބައެއް މީހުން ވެއްދި މައްސަލަތައް ފެންމަތިވެ، ބައެއް މައްސަލަތައް ފުލުހަށް ވެސް ހުށަހެޅިއެވެ. އެ މައްސަލަ ފެންމަތިވެފައިވަނިކޮށް، ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ތެރޭގައި ޕީއެންސީގެ ފޯމުކުރަނީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ވެސް ދައުރުވިއެވެ. އެ މައްސަލައިގައި އިދިކޮޅު އެމްޑީޕީގެ އިތުރުން، އެހެން އިދިކޮޅު ޕާޓީތަކުންވަނީ ޑީއެންއާރާ ހަވާލުވެ ވަޑައިގެން ހުންނެވި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ