ފިރިމީހާދެކެ ކިތަންމެ ބޮޑަށް ލޯބިވިޔަސް ކޮއްކޮއިން ޝިކާރަކުރަން ފުރުޞަތު ލިބޭނެވަރަށް އިތުބާރުކުރަން ހެޔޮނުވާނެ! އެއީ ކޮއްކޮ މަރާލުން ފަދަ ބޮޑު އަނިޔާއެއް!

ގެދޮރުގެ ދަތިކަން ހުންނަ ގޮތުންނާއި ޢާއިލީ ޙާލަތު ހުންނަގޮތުން ކައިވެނިކޮށްގެން އަންހެން ކޮއްކޮއިންނާއި ނުވަތަ ދައްތައިންނާއި އެއްގެއެއްގައި ދިރިއުޅެންޖެހުމަކީ ވަރަށް ގިނައިން ކުރިމަތިވާ ކަމެކެވެ. މިފަދަ ޙާލަތުގައި ބައެއް ފިރިންގެ ކިބައިން ކުރިމަތިވާ މައްސަލައަކީ ދައްތައިންނަށް ނުވަތަ ކޮއްކޮއިންނަށް ނުރައްކާވުމެވެ. 
މިޙާލަތުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ފިރިމީހާ ދެކެ ލޯބިވާވަރު ބޮޑުކަމުން އެހެން މީހުން ދައްކާ ވާހަކަ ޤަބޫލުނުކުރެވޭކަމެވެ. އެއިރުން ކުރިމަތިވާ މައްސަލައަކީ ނުބައި ޢަމަލުތައް ކުރަން ފިރިމީހާއަށް ބާރުލިބުމެވެ. ބާރުލިބި އެމީހުން ޝިކާރަކުރުމެވެ. 
މިފަދަ ކަންކަމުގެ ޝަކުވާތައް ވަރަށް ގިނައިން ލިބެއެވެ. ކަރުނައަޅާ ރޮއިހަދާ ކުދިން މަދެއް ނޫނެވެ. ނަފްސާނީ މައްސަލަތައް ކުރިމަތިވެ ފަރުވާކުރަންޖެހޭ ކުދިންވެސް މަދެއް ނޫނެވެ. އެހެންކަމުން ބުނެލަން އޮތީ މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެއް ކަމަށެވެ. 
ފިރިމީހާއަށް އިތުބާރުކުރަންވާނެއެވެ. ހަމައެއާއިއެކު އުޚުތުންގެ އަޑުވެސް އަހަންވާނެއެވެ. ޙަޤީޤަތް އޮޅުންފިލުވަންވާނެއެވެ. އުޚުތުންގެ ރައްކައުތެރިކަން ކަށަވަރުކުރަންވާނެއެވެ. ނޫންނަމަ އެކަމުގެ ހިތާމަ ފަހުން ކުރަން ނުޖެހިއެއް ނުދާނެއެވެ. 
ވިސްނަވާށެވެ! އެފަދަ ޢަމަލުކުރާ ފިރިއަކު އަނބިމީހާ ދެކެ ޙަޤީޤީ ލޯބިވާނެކަމާއިމެދުގައެވެ. އަނބިމީހާ އާއިއެކުގައި އުޅޭނީ ކިހައި ދުވަހަކު ކަމާއިމެދުގައެވެ. ކެހިދީފައި ފިލާނީ ކޮންވަޤުތަކު ކަމާއިމެދުގައެވެ. 
ތިރީގައި އެވަނީ ހަމަ މިފަދަ ޙާލަތެއް ކުރިމަތިވި އުޚުތެއްގެ ވޭނީ އިޙްޞާޞްތަކެވެ./ 
"އަޅުގަނޑުގެ މަންމައާއި ބައްޕަ ވަނީ ނިޔާވެފައެވެ. ތިބީ އަޅުގަނޑާއިއެކު 3 ބެއިންނެވެ. ކައިވެނިކޮށްގެން ބޭބެ ދިރިއުޅެނީ ރާއްޖެތެރޭގައެވެ. ގޭގައި އުޅެނީ އަޅުގަނޑާއި ދައްތައެވެ. ދައްތަ އުޅެނީ ކައިވެނިކޮށްގެންނެވެ. ދައްތަ އޭނާގެ ފިރިމީހާދެކެވާ ލޯބި ބޮޑުކަމުން އަޅުގަނޑު ދައްކާ އެއްވެސް ވާހަކައެއް ޤަބޫލެއް ނުކުރެއެވެ. 
ޅިޔަނި އަޅުގަނޑާއި ދިމާކުރާވަރުން މިގޭގައި އުޅެވޭކަށް ނެތެވެ. ދާނެ ތަނެއްވެސް ނެތެވެ. 18 އަހަރު ނުފުރޭތީ ކައިވެނިކުރެވޭކަށް ނެތެވެ. ކައިވެނީގެ ބޭރުން އެއްވެސް މީހަކާ އެއްވެސް ގުޅުމެއް ހިންގާކަށް ބޭނުމެއް ނޫނެވެ. 
ހުރީ ބޮޑުބޭބެއެވެ. ދައްތަ ބުނަނީ ބޮޑުބޭބެގެ ގާތުގައި އެބާވަތުގެ ވާހަކައެއް ދައްކައިފިނަމަ އަޅުގަނޑަށް ދުވަހަކުވެސް ހިތްހެޔޮނުކުރާނެ ކަމަށެވެ. މިޙާލަތުގައި އަޅުގަނޑު ކަންތައްކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟" 
ޒުވާން ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނަން އޮތީ ފުރަތަމަކަމަކަށް ތިއަޙާލަތުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކުރަމުން ގެންދާށެވެ. ދެވަނައަށް ރަށުގައި ނެތްނަމަވެސް ބޭބެއާއި ޙިއްޞާކުރާށެވެ! ބަލަދުވެރިއަކީ ބޭބެއެވެ. ބޭބެ އަޅާނުލައިފިނަމަ އެކަން މިއަދުނޫހަށް ޙިއްޞާކޮށްލާށެވެ. ސަލާމަތްވެވޭނެ ކޮންމެވެސް މަގެއް ފެންނަންދެން އެހީތެރިވެދީ އެކަމަށް މަސައްކަތްކޮށްދޭނަމެވެ. އިން ޝާ ﷲ އިޚްލާޞްތެރި އަޅަކު ތެދުވެރިވާން މަސައްކަތް ކުރާނަމަ އެކަމަށް މާތް ﷲ މަގެއް ދައްކަވާނެތެވެ. އިން ޝާ ﷲ
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ