މަނީލޯންޑަރިންގެ މައްސަަލަތަކުގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބޭތިއްބުމަކީ ކުރާ ކަމެއް ނޫން ކަމަށާއި އެގޮތަށް އެކަން ނުކުރާ ކަމުގެ ހެއްކަކީ އެ ތުހުމަތުކުރެވޭ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ހިނގަމުން އަންނައިރު ވެސް މިނިވަނެއްގެ ގޮތުގައި ހުރުން ކަމަށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދުގެ ދިފާއީ ވަކީލުން ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލާގައި ޝަމްއާން ހައްޔަރުކުރީ އޭނާގެ ޕާސްޕޯޓު ހިފަހައްޓުމަށްފަހު، މިދިޔަ 21 މާޗުގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
އޭގެ ފަހުން:
22 މާޗުގައި ބަންދު އަމުރު ޖަހަން ކޯޓަށް ހާޒިރުކުރުމުން އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރި
މި ބަންދުގެ މުއްދަތު ހަަމަވާން އެއް ދުވަހަށް ވެފައި ވަނިކޮށް، ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައި
މި ބަންދު އަމުރުތައް ޝަމްއާންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރިޔަސް، ހައި ކޯޓުން ވަނީ ކްރިިމިނަލް ކޯޓު އެ އަމުރުތައް ދަމަހައްޓާފަ އެވެ. މިކަމާ ހިތްހަމަ ނުޖެހިގެން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގެ އަޑުއެހުންތައް ފެށީ މިއަދު އެވެ. އަދި އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާ ވެސް ލާފަ އެވެ. ދެން އޮންނާނީ ހުކުމް ކުރުމެވެ.
ޝަމްއާންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ:
ޝަމްއާން ފުރަތަމަ ހައްޔަރުކޮށް 15 ދުވަހަށް ބަންދުކުރި އަމުރު ބާތިލްކުރަން
މި ބަންދު އަމުރުގެ އިސްތިއުނާފުގައި ހައި ކޯޓުން ނިންމީ، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެއްވެސް ބައިވެރިވުމެއްނެތި ކޮރަޕްޝަނުގެ މައްސަލަތައް ފުލުހުންނަށް ބެލިދާނެ ކަމަށެވެ. އެހެންވެ، ޝަމްއާން ސުޕްރީމް ކޯޓުގައި އެދުނީ ހައި ކޯޓުން ނިންމާފައިވާ މި ނިންމުން ބާތިލުކޮށްދިނުމަށެވެ. އަދި:
އޭގެފަހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރު
މި ބަންދު އަމުރުގެ އިސްތިއުނާފްގައި ހައި ކޯޓުން ނިންމާފައި އޮތީ، އެ އިސްތިއުނާފުގައި ޝަމްއާންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ނޫން ކަމަށެވެ. މި ނިންމުން ވެސް ބާތިލުކޮށްދިނުމަށް އެދުނެވެ.
ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރަން ކޮށްފައިވާ އަމުރު ބާތިލުކޮށް، ވަގުތުން މިނިވަންކޮށްދިނުމަށް އަމުރުކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފުގައި އެދިފައި ވެއެވެ.
ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދަށު ކޯޓުން ކުރި އަމުރު ބާތިލުކޮށްދިނުމަށް އޭނާގެ ފަރާތުން ހުށަހެޅި އިސްތިއުނާފުގައި ހައި ކޯޓުން ނިންމާފައި އޮތީ، އެއީ އިސްތިއުނާފީ އޮޅިގަނޑު ގިރާ ނުކުރާ، އިސްތިއުނާފީ ނުކުތާއެއް ނެތް މައްސަލައެއް ކަމަށެވެ. އެގޮތަށް ނިންމީ ސުޕްރީމް ކޯޓުން އެހެން މައްސަލައެއްގައި މީގެކުރިން ނިންމާފައިވާ ނިންމުމަކާ ހަވާލާދީފަ އެވެ.
ނަމަވެސް ޝަމްއާންގެ ވަކީލު ނޫރުއްސަލާމް ވިދާޅުވީ، ސުޕްރީމް ކޯޓުގެ އެ ނިންމުމުގައިވާ ކަންކަމާއި، ޝަމްއާންއަށް ކުރާ ތުހުމަތާ މުޅިން ތަފާތު ކަމަށެވެ.
އެގޮތުން ވިދާޅުވީ:
ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމުގައި އޮތީ މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލައެއްގައި ބަންދުކުރި މީހެއްގެ މައްސަލަައެއް
އޭނާ ބަންދުގައި ބެހެއްޓީ މުޖުތަމައުގެ ސަލާމަތައް ނުރައްކާވެދާނެ ކަމަށް ބަލާފައި
އެކަމަކު ޝަމްއާންގެ މައްޗަށް ކުރެވެނީ މަނީލޯންޑަރިންގެ ތުހުމަތެއް
މިހާރު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވަނީ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބަލައިގެން؛ މުޖުތަމައުއަށް ނުރައްކާވާނެ ހާލަތެއް ނެތްކަމަށް ހައި ކޯޓުން ވެސް އޮތީ ކަނޑައަޅާފައި
އެކަމަކު ސުޕްރީމް ކޯޓުގެ އެ ނިންމުމަށްވުރެ މާ އެއްގޮތް ކަންކަމެއް ހިމެނޭ ހައި ކޯޓުގެ ނިންމުމެއް އެބައޮތް ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ. އެގޮތުން ފާހަގަކުރެއްވީ މަނީލޯންޑަރިންގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި ޔާމީން ބަންދުން ދޫކޮށްލަން، 2019ވަނަ އަހަރު ހައި ކޯޓުން ކުރި ހުކުމެވެ.
އެގޮތުން ވިދާޅުވީ:
ޔާމީންގެ މައްސަލާގެ ވާގިޔާތަކާ މިހާރު ޝަމްއާންއާ ގުޅިގެން ކުރިއަށް ގެންދާ މައްސަލައިގެ ވާގިޔާތަކާ މާ އެއްގޮތް ކަންތައްތަކެއް އެބަހުރި
ދެ މީހުންނަށް ވެސް ތުހުމަތުކުރަނީ ކޮރަޕްޝަނާ ގުޅޭ މަނީލޯންޑަރިންގެ ތުހުމަތެއް
ދެ މީހުން ވެސް ބަންދުކޮށްފައި ހުރީ ހެއްކަށް ނުފޫޒު ފޯރުވާފާނެ ކަމަށްޓަކައި
ރަސްމީ ހައިސިއްޔަތު ވަދެފައި އޮތީ ވެސް މި ދެ މައްސަލާގައި
"މަތީ ކޯޓެއްގެ ނިންމުމެއްގައި އޮތް އިބާރާތަކީ ގާނޫނެއްގެ މާދާއެއްގައި ތަތުބީގުކުރާހެން ކުރާ އެއްޗެއް ނޫން. ތަތުބީގު ކުރާނީ އެ މުޅި ގަޒިއްޔާގެ އުސޫލުތައް،" ނޫރުއްސަލާމް ވިދާޅުވި އެވެ.
އެނގުން މުހިންމު - އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ޔާމީންގެ މައްޗަށް އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުގައި އުފުލި މަނީލޯންޑަރިންގެ މައްސަލަ ކުރިއަށްދިޔައިރު، 18 ފެބްރުއަރީ 2019ގައި ޝަރީއަތް ނިމެންދެން ބަންދުކުރަން އޭރު ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ. ޔާމީން ބަންދުކުރީ، ހަމަ އޭރު އެ ހިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދިޔަ މައްސަލައަކަށް ޔާމީންގެ ފަރާތްޕުޅުން ނުފޫޒު ފޯރުވާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެންނެވެ.
އެކަމަކު ހައި ކޯޓުގައި އެ އެ އަމުރު އިސްތިއުނާފް ކުރުމުން އެ ކޯޓުން 28 މާޗު 2019ގައި އެ އަމުރު ބާތިލުކުރި އެވެ. އެގޮތަށް އޭރު ހައި ކޯޓުން ނިންމީ، ހެއްކަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުގައި ބަންދުކުރެވިދާނެ ކަމަށް ގާނޫނު އަސާސީގައި ބުނާ 30 ދުވަހުގެ މުއްދަތު ހަމަވެފައިވާތީ، އެޔަށްވުރެ ދިގު މުއްދަތަކަށް ބަންދުގައި ނުބެހެއްޓޭނެ ކަމަށް ބުނެ އެވެ.
ޝަމްއާންގެ މައްސަލާގައި، ހެއްކަށް ނުފޫޒު ފޯރުވާ ކަމަށް ބަލައި ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ އެ މައްސަލާގައި ހެކި ބަސްދޭން ތިބި މީހުންނަކީ އޭނާގެ ދަށުން މަސައްކަތްކުރި މުވައްޒަފުންތަކެއް ކަމާއި، އޭގެތެރޭގައި ޝަމްއާންގެ ރަހުމަތްތެރިން ވެސް ތިބުމުން ކަމަށް ބުނެ އެވެ.
ނޫރުއްސަލާމް ވިދާޅުވީ ހެކިބަސް ދޭ މީހަކީ ތުހުމަތުވާ ފަރާތާ ރަށްޓެހިކަމުގެ ގުޅުން އޮންނަ މީހަކަށްވެގެން ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ކަނޑައެއް ނޭޅޭނެ ކަމަށެވެ. އަދި އެކަން އެހެން ކަނޑަނޭޅޭނެ ކަމަށް އޭނާ ދެއްކެވި ގާނޫނީ އަސާސަކީ ވެސް ޔާމީންގެ ބަންދާ ގުޅޭގޮތުން އޭރު ހައި ކޯޓުން ނިންމެވި ނިންމެވުމެވެ.
"އެއީ އެ ގަޒިއްޔާގައި ޔާމީންގެ މައްޗަށް ވަކި މައްސަލައެއްގެ ދައުވާ އުފުލި ހިނގަމުންދަނިކޮށް، ހަމަ އެބޭފުޅާގެ މައްޗަށް ތުހުމަތުކުރެވުނު ތަހުގީގުގައި އޮތް މައްސަލެއްގެ އިންޓެލިޖެންސް މައުލޫމާތު ލިބިގެން ބަންދަށްލީ. ލީމާ ހައި ކޯޓުން މި ވިދާޅުވަނީ ބަލަމުންދާ މައްސަލައިގެ ހެއްކަށް ނުފޫޒުފޯރުވާފާނެ ކަމުގެ ހެއްކެއް ނެތް ކަމަށް ދައުލަތުން ވެސް އެބަ ބުނެޔޭ. އެހެންވީމާ ބަންދުގައި ބަހައްޓާނެ ތަނެއް ނެތޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ޝަމްއާންގެ ފަރާތުން ވެސް ހައި ކޯޓަށް ހުށަހެޅީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ހާލަތު އޮތްތޯ ކަނޑައަޅާއިރު، އެހެން ހާދިސާއަކާ ގުޅުވައިގެން ހީވާހީވުމަކަށް ބަލައިގެން ބަންދުކުރަން ގާނޫނު ހުއްދަ ނުކުރާ ކަމަށް ބުނެ ކަމަށެވެ. އެކަމަކު އެކަންކަމަށް ރިއާޔަތްނުކޮށް، ޝަމްއާންގެ މުޅި މައްސަލަ ހައި ކޯޓުން ނިންމާފައި އޮތީ، ހާލަތާ ނުގުޅޭ ސުޕްރީމް ކޯޓުގެ ކުރީގެ އެހެން ނިންމުމަކަށް ކުރުކުރުކޮށް ހަވާލާދީފައި ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ އަދުލުގެ ނިޒާމު ހިނގަމުންދާ ގޮތަށް ބަލާއިރު، ދައުލަތުން އަމަލުކުރަމުންދާ ގޮތަކީ ވެސް، މަނީލޯންޑަރިން އަދި ކޮރަޕްޝަންގެ ކުށްތަކުގައި ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބަލައިގެން އަދި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައިގެން މީހުން ބަންދުގައި ނުބޭއްތިއްބުންކަން ފާހަގަކުރެއްވި އެވެ.
އެގޮތުން ޔާމީންގެ މައްސަލަ ނޫނަސް، މަނީލޯންޑަރިންގެ ތުހުމަތުކުރެވޭ އެތަކެއް މައްސަލަތަކެއް ކްރިމިނަލް ކޯޓުގައި ހިނގަމުންދާއިރު، އެއިން އެއްވެސް މައްސަަލައެއްގައި ޝަރީއަތް ނިމެންދެން، ޝަމްއާން ފިޔަވައި އިތުރު މީހަކު ބަންދުގައި ބަހައްޓައިގެން ދައުލަތުން ނޫޅޭކަން ނޫރުއްސަލާމް ފާހަގަކުރެއްވި އެވެ.
"މިކަން އަޅުގަނޑުމެންނަށް އެނގޭ ވަރަށް ގިނަ މައްސަލަތައް އެބަހުރި. ދައުލަތުން ވިދާޅުވާންވީ މަނީލޯންޑަރިންގެ ތުހުމަތު ކުރެވިފައި އޮތް ކޮން މައްސަލައެއްގަތޯ މި މައްސަލަ ފިޔަވައި ޝަރީއަތް ނިމެންދެން މީހުން ބަންދުގައި ތިބީ. އެކަމަކު މަނީލޯންޑަރިންގެ ގިނަ މައްސަލަތަކެއް ދަށު ކޯޓުގައި އެބަ ހިނގަމުންދޭ،" ނޫރުއްސަލާމް ވިދާޅުވި އެވެ.
ރައްދުގައި ދައުލަތުން ބުނީ، ޔާމީންގެ ބަންދު މައްސަލާގައި ހައި ކޯޓުން އުސޫލެއް އޭރު ކަނޑައެޅި ކަމަށް ޝަމްއާންގެ ފަރާތުން ބުންޏަސް އެ ނިންމުން ނިންމީ ކޮން ކަންކަމަށް ބަލާފައިކަމެއް އޭނާގެ ފަރާތުން ސާފުކޮށްދީފައި ނުވާ ކަމަށެވެ.
އެގޮތުން ބުނީ:
ޔާމީންގެ މައްޗަށް އޭރު ދައުވާކޮށްފައިވާ މައްސަލައަކާ ތުހުމަތުކުރެވޭ މައްސަލައެއް އޮތް
ޔާމީންގެ ބަންދާމެދު ހައި ކޯޓުން ގޮތް ނިންމީ ތުހުމަތުކުރެވޭ މައްސަލައަކަށް ނުފޫޒު ފޯރުވައިގެން ބަންދުކޮށްފައި ހުރުމުން
ދައުވާކޮށްފައި އޮތް މައްސަލައަށް ނުފޫޒު ފޯރުވައިގެން ޔާމީންގެ މައްޗަށް ބަންދު އަމުރެއް ނުނެރޭ
"އެހެންވީމާ އެއީ އެ [ޔާމީންގެ ބަންދާގުޅޭ] ނިންމުމުގެ މެޓީރިއަލް ފެކްޓަކީ. ޝަމްއާންގެ ފަރާާތުން ވިދާޅުވާ މައްސަލައިގެ ބާވަތާއި، ބަންދުކުރެވިފައިވާ އިޖުރާއަތުތަކަކީ މައްސަލައިގެ މެޓީރިއަލް ފެކްޓެއް ނޫން. މެޓީރިއަލް ފެކްޓަކީ މައްސަލައިގެ ނިންމުމަށް އަސަރުކުރުވާ ވާގިޔާއެއް. ކޮބާތޯ އެ މައްސަލައިގެ ނިންމުމަށް އަސަރުކުރި ވާގިޔާއަކީ،" ދައުލަތުގެ ވަކީލު ޝާމާ ނަސީރު ވިދާޅުވި އެވެ.
އެެހެންކަމުން ޔާމީންގެ މައްސަލާގައި ނިންމާފައިވާ ނިންމުމާ ޝަމްއާންގެ ބަންދާމެދު ގޮތެއް ނިންމުމާ ގުޅުވާލެވިދާނެ ކަމަށް އޭނާގެ ފަރާތުން ދަައްކާ ވާހަކަތަކަކީ އެއްވެސް ގާނޫނީ ބަހުސެއް އޮތް ވާހަކައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ދައުލަތުން ބުނީ، ޔާމީން އޭރު ދޫކޮށްލަން ހައި ކޯޓުން އަމުރުކުރީ، ގާނޫނޫ އަސާސީގެ 49 ވަނަ މާއްދާއަށް ރިއާޔަތްކޮށް ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތު ކަމަށްވާ 30 ދުވަސް ހަމަވެފައިވާތީ އިތުރަށް ބަންދުގައި ބަަހައްޓަންޖެހޭނެ ސަބަބެއް ނެތް ކަމަށް ބަލައިގެން ކަމަށެވެ.
"[ޝަމްއާންގެ ފަރާތުން] މިހާރު މި ވިދާޅުވަނީ ޔާމީންގެ މައްސަލާގައި ހައި ކޯޓުން އެބައޮތޭ ޔާމީން ބަންދުކުރި ކުރުން ބާތިލުކުރައްވާފައި. އެއީ އެބޭފުޅުންގެ ބިލީފަކީ ނުވަތަ އިސްތިއުނާފް ބިނާކުރި އެއް ބޭސިސްއަކީ. އެކަމަކު ހައި ކޯޓުން ނިންމާފައި އޮތީ ބަންދު ބާތިލުކުރައްވާކަށް ނޫން،" ޝާމާ ވިދާޅުވި އެވެ.
ގާތް މީހަކު ހެކިބަސްދޭން ހުރެގެން ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ޝަމްއާންގެ ފަރާތުން ވިދާޅުވާތީ ދައުލަތުން ރައްދުގައި ބުނީ، އެކަން އެގޮތަށް މި މައްސަލާގައި ކުރެވިދާނެ ކަމަށް ފަނޑިޔާރު ގަބޫލުކުރައްވާ ސަބަބުތައް އަމުރުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އޭނާ މިހާރު މަގާމުގައި ނުހުއްޓަސް، އެމީހުންނަށް ނުފޫޒު ފޯރުވިދާނެ ކަމަށް ދައުލަތަށް ގަބޫލުކުރެވޭ ކަަމަށެވެެ. އެކަމަކު އެކަމަށް ބާރުދޭ ހެކިތަކެއް އޮތްކަމަކަށް ދައުލަތަށް ބުނެއެއް ނުދެވުނެވެ.
ބަދަލުގައި ތަކުރާރު ކުރެއްވީ:
ޝަމްއާންއަކީ ދައުލަތުގެ އިސް މަގާމެއްގައި ހުރި މީހަކަށްވުމުން ކަމަށް
އެ ކުށް ކޮށްފައިވަނީ އޭނާގެ ރަސްމީ ހަސިއްޔަތުގެ އާރާބާރު އަދި ނުފޫޒު ފޯރުވައިގެން ކަމަށްވާތީ ކަމަށް
އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމެވީ އޭނާގެ މައްޗަށް ދައުވާކުރެވޭ މައްސަލާގައި ކުރެވޭ ތުހުމަތުތައް ސާބިތުކޮށްދެވޭ މިންވަރަށް ފުލުހުންގެ ފަރާތުން ހެކި ހުށަހަޅާފައިވާތީ ކަމަށް
މިކަންކަމަށް ބަލާއިރު ހައި ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން އެދުނީ:
މި މައްސަލައަކީ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ އިސްތިއުނާފީ ނުކުތާއެއް އޮތް މައްސަލައެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް
އެ ނޫން ގޮތަކަށް ނިންމާ ހާލަތެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެއްވެސް ބައިވެރިވުމެއްނެތި ކޮރަޕްޝަނުގެ މައްސަލަތައް ފުލުހުންނަށް ބެލިދާނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ، ނިންމުން ދަަމަހައްޓައިދިނުމަށް
ޝަމްއާން ބަންދުން ދޫކޮށްލަން ސަބަބަކަށް ދެއްކީ ޔާމީން މިނިވަންވެފައި ހުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ