ސްޕެއިންގައި ޕައިލެޓް ޓްރެއިނިން ހަދާ ދަރިވަރުންނާ ހައިދަރު އެންމެ ފަހުން ބައްދަލުކުރައްވައި

ސަރުކާރުގެ ލޯނު އެހީގެ ދަށުން ސްޕެއިންގައި ޕައިލެޓު ޓްރެއިނިން ހަދަމުންދާ ދަރިވަރުންނާ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ބައްދަލު ކުރައްވައިފިއެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިއްޔެ އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގައި އެ ދަރިވަރުންގެ ވާހަކަތައް ތަފުސީލުކޮށް މިނިސްޓަރު އަޑު އެއްސެވި ކަމަށެވެ. އަދި ދަރިވަރުންގެ ބައެއް ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. https://x.com/MoHEmv/status/1920328277471694963 ސަރުކާރުގެ ލޯން ސްކީމުގެ ދަށުން ސްޕެއިންގެ ބާސެލޯނާގައި ކިޔަވަމުންދާ ދަރިވަރުންވަނީ ފެބްރުވަރީ 22ގައި، އެ ދަރިވަރުންގެ ކަންބޮޑުވުންތައް ސިޓީއަކުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާކޮށްފައެވެ. އެ ސިޓީގައިވަނީ ވިސާ ހޯދުމުގައި ދިމާވާ ދަތިތަކާއި، އެކަށީގެންވާ ސްޓައިޕެންޑެއް ނުލިބުމުގެ ސަބަބުން ދަރިވަރުން އަމިއްލައަށް ޚަރަދުތައް ހަމަޖައްސަން ޖެހިފައިވާ ކަމުގެ ޝަކުވާއެވެ. އަދި ސަރުކާރުންދޭ ލޯނަށްވުރެ، ކޯހުގައި ހޭދަވާ މުއްދަތު އިތުރުވާތީ އެ ކަން ވެސް ފާހަގަކޮށްފައިވެއެވެ. އެ ދަރިވަރުން ބުނި ގޮތުގައި ސްޕެއިންއަށް ކަނޑައަޅައިފައިވާ ސްޓްއިޕެންޑަކީ 1300 ޑޮލަރެވެ. ދަރިވަރުންގެ ސިޓީގައިވާ ގޮތުން ބާސެލޯނާގައި އެވަރެޖްކޮށް ސްޓޫޑެންޓް އެކޮމެޑޭޝަންގެ އަގަކީ ވެސް މަދުވެގެން 1300 ޑޮލަރެވެ. އަދި އެ ގައުމުގައި ކެއިން ބުއިމުގެ ޚަރަދު މިހާރު ބޮޑުވަމުން އަންނަކަން ވެސް ފާހަގަކުރިއެވެ. އެއީ ސްޕެއިންގައި ކިޔަވަމުންދިޔަ ތިރީހަކަށް ދިވެހި ދަރިވަރުން މަޝްވަރާ ކުރުމަށްފަހު މިނިސްޓްރީއަށް ފޮނުވި ސިޓީއެކެވެ. އެ ސިޓީގެ ޖަވާބު ނުލިބޭތާ މަސްދުވަސްވެގެން އެ ކަމުގެ ކަންބޮޑުވުން ވެސް އެ ދަރިވަރުން އޭރު "ސަން"އަށް ހިއްސާކުރިއެވެ. https://sun.mv/203762 އެ ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރާ ބައްދަލުކުރަން އެއިރު ވެސް އެދިފައި އޮތް ނަަމަވެސް، އެކަމަށް ޖަވާބެއް ނުލިބޭކަން ވެސް ދަރިވަރުން ފާހަގަކުރިއެވެ. ބޮޑު ޚަރަދުކޮށްގެން ރާއްޖެއިން ބޭރުން ޕައިލެޓުކަން ކިޔަވައިގެން އައުމުން ވެސް، ވަޒީފާ ނުލިބި 200އަށްވުރެ ގިނަ ޕައިލެޓުން ތިބި ކަމަށް މިދިޔަ މަހު ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވަނީ ވިދާޅުވެފައެވެ. ވަޒީފާ ނުއުފެދޭތީ މިދިޔަ އަހަރު މަތީ ތައުލީމަށް ލޯނު ދޫކުރިއިރު ޕައިލެޓުކަން ކިޔަވަން ދޫކޮށްފައި ވަނީ އެންމެ 10 ފުރުސަތެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އޭރު ބުނެފައި ވަނީ ޕައިލެޓުކަން ކިޔަވަން ބޭނުންވާ ކުދިންނަށް ލޯނުގެ ފުރުސަތު ދޭ މިންވަރު ގިނަ ކަމަށް ބުނެ މިނިސްޓްރީއަށް ވަރަށް ގިނައިން ޝަކުވާ ލިބޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ