މިދިޔަ މަހު މީރާގެ އާމްދަނީ އަންދާޒާކުރި ވަރަށްވުރެ %1.6 އިތުރު
މި ނިމުނު އެޕްރީލް މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތީރިޓީ (މީރާ)އިން 2.60 ބިލިއަން ރުފިޔާގެ އާމްދަނީއެއް ބަލައިގަނެފިއެވެ. މިދިޔަ މަހު މީރާއަށް ބަލައިގަތް ފައިސާގެ ހިސާބުތައް މިއަދު އާންމުކޮށްފައިވާއިރު އެ އިދާރާއިން ބުނި ގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %22.7 އިތުރު އަދަދެކެވެ. އަދި އެޕްރީލް 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %1.6 އިތުރު އަދަދެކެވެ. މީރާއިން ބުނީ، މިދިޔަ އަހަރުގެ އެޕްރީލްގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު މި އަހަރުގެ އެޕްރީލްގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ މާޗު މަހާ އަޅައިބަލާއިރު މި އަހަރުގެ މާޗު މަހު ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %4.8 އިތުރުވެފައިވުމުން ޓޫރިޒަމް ދާއިރާގެ އާމްދަނީ ވަނީ އިތުރުވި ކަމަށް މީރާއިން ބުންޏެވެ. މީގެ އިތުރުން މި އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުވުމާއި މިދިޔަ ޑިސެމްބަރުން ފެށިގެން އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ އިތުރުވުމަކީ ވެސް އެޕްރީލް 2025ގެ ޖުމުލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތައް ކަމަށް މީރާއިން ބުންޏެވެ. މީގެ އިތުރުން އެޕްރީލް މަހުގެ އާމްދަނީ، އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ %1.6 އިތުރުވެފައިވާ މައިގަނޑު އެއް ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއާއި ޓޫރިޒަމް ލޭންޑް ރެންޓު ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން، މި އަހަރުގެ ޖަނަވަރީގައި ލިބިފައިވާ އާމްދަނީގެ 14.8 ޕަސެންޓަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާކަމުން، މިއީ ވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ އެއް ސަބަބު ކަމަށް ބުންޏެވެ. މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ %63.4 ނުވަތަ 1.65 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. އެއީ %8.7 ނުވަތަ 226.7 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އާމްދަނީއިން ނަގާ ޓެކުހުގެ ގޮތުގައި 6.8 ޕަސެންޓު ނުވަތަ 176.5 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 155.3 މިލިއަން ރުފިޔާ ނުވަތަ 6.0 ޕަސެންޓު ހިއްސާކުރެއެވެ. އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 5.9 ޕަސެންޓު ނުވަތަ 153.2 މިލިއަން ރުފިޔާއާއި، ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 3.6 ޕަސެންޓު ނުވަތަ 9.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 125.09 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ